“ދިވެހި ފިލްމު އެވޯޑްސް 9″ގައި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހުޅުވާލައިފިއެވެ. މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށް އެންސީއޭ އިން ވިދާޅުވެއެވެ.

“ދިވެހި ފިލްމު އެވޯޑްސް 9” ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި “ދިވެހި ފިލްމު ފެސްޓިވަލް އާއި ފިލްމު އެވޯޑްސް” ގެ އުޞޫލް އާއްމުކޮށް އެންސީއޭއިން މިއަދު އިޢުލާނުކޮށްފައިވެއެވެ.  ނަމަވެސް، އެންސީއޭ އިން އާއްމުކޮށްފައިވާ އުޞޫލުގައިވާގޮތުން ފެސްޓިވަލްގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ދިވެހި ފިލްމު އެވޯޑްސް 10” ން ފެށިގެންނެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތު ދުވަހުގެ 13:30 އެވެ. މިއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބެން ހުންނާނެ ކަމަށް އެންސީއޭއިން ހާމަކުރައްވައެއެވެ.

ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ. “ދިވެހި ފިލްމު އެވޯޑްސް” މިއަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގައެވެ.

ދިވެހި ފިލްމު އެވޯޑްސް އުޞޫލު

ދިވެހި ފިލްމު އެވޯޑްސް އެޕްލިކޭޝަން ފޯމު

ދިވެހި ފިލްމު އެވޯޑްސްއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުމަށްވެސް އެންސީއޭއިން އެދިލައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.