އިދުރީސް މިދިޔަ އަހަރު ހައްޖަށް ދިޔައީ އާއިލާގެ އެންމެންގެ އެހީތެރިކަމާވެސް އެކުގައެވެ. މިއީ އޭނާ ހައްޖަށްދާ ފުރަތަމަ ފަހަރު ކަމަށް ވުމާ، ރާއްޖޭން ބޭރަށްދެވޭ ފުރަތަމަ ފަހަރުކަމަށް ވާތީ، ކުރިން ހައްޖަށް ގޮސްފައިތިބި ރައްޓެހިން ގާތު އަހައިގެން މައުލޫމާތު އޮޅުންފިލުވިއެވެ. އިދުރީސް ހައްޖަށްދާ ގުރޫޕުންވެސް ކަންކަން ކުރަންވީގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

ހައްޖަށްގޮސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އިދުރީސް މާލެ އަންނަ ދުވަސް ކައިރިވެއްޖެއެވެ. އޭނާ ގަސްތުކުރީ ރައްޓެހިންނަށާއި ކުދިވެރިންނަށް ހަދިޔާ ކޮޅެއް ގަންނާށެވެ. އޭނާ ބާޒާރަށް ގޮސް ފިހާރަތައް ބަލަމުން ދިޔައެވެ. ފިހާރަތައް ވަރަށް ގިނައެވެ. މީހުންވެސް އެހާ ގިނައެވެ. މަގުމަތީގައި ވިޔަފާރި ކުރަންތިބި ބައެއްގެ ގާތަށް އިދުރީސް ޖެހިލިއެވެ. ގަނެފައި ނުގަންނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. އިދުރީހަކަށް ބޭރު ބަހެއް ނޭނގެއެވެ. އޭނާ އެމީހުންނާވެސް ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

“މި ކިހާވަރަކަށް؟” އެތާހުރި ލޯޖަހައިގެން ސްލައިޑް ބަލާއެއްޗެހި ތަކެއް ދައްކާލާފައި އިދުރީސް ސުވާލު ކުރިއެވެ. “އަށާރަ ރިޔާލް” ސޭޓު ޖަވާބު ދިނެވެ. އިދުރީސް ވަނީ އެހެން ފިހާރަ އަކުންވެސް މިވައްތަރުގެ އެއްޗެހީގެ އަގު ބަލާފައެވެ. “މާ އަގުބޮޑު” އިދުރީސް ބުންޏެވެ. “އެކޮޅުގައި ހުރި ފިހާރައެއްގައި އެބަހުރި ފަނަރަ އަށް” މިހެން ބުނެފައި ކުރިން އަގުއެހި ފިހާރައަށް ގޮސް އޭގެ ފަހެތި ގަނެފިއެވެ.

ގަނެގެން، އިދުރީސް ހުންނަ ހޮޓަލަށްދާން ހިނގައިގަތްތަނާ ރައްޓެއްސަކާ ދިމާވެގެން ކިހާވަރަކަށްތޯ ގަތީ އަހައިފިއެވެ. ފަނަރައަށޭ އިދުރީސް ބުނުމުން ތިޔަ ދިހަޔަކަށްވެސް އެބަހުއްޓޭ ރަހްމަތްތެރިޔާ ބުންޏެވެ. މިހެން ކިޔާފައި އިދުރީސް ގޮވައިގެން އޭނާ ދިޔައީ އަށާރައަށް ދޭންބުނި ފިހާރައަށެވެ. އިދުރީސް ބުންޏެވެ. ތިޔަތަނުން މާ އަގޮބޮޑެވެ. ވިއްކަނީ އަށާރައަށެވެ. ރަހްމަތްތެރިޔާ ބުންޏެވެ. އެބުނަނީ އަށާރައެކޭ ނޫނެވެ. ޢަޝަރަ އެވެ. ޢަޝަރަ އަކީ ޢަރަބި ބަހުން ދިހައެކެވެ.

އިދުރީސް ބުންޏެވެ. އަހަންނަށް މިލިބުނީ ލަނޑެއް ތާއެވެ. މިގަނެވުނީ ފަސް ރިޔާލް އަގުބޮޑުކޮށެވެ. އަދި އޭގެ ފަހެތި ގަނެވިއްޖެ އެވެ. މިވީ ފަންސަވީސް ރިޔާލްގެ ގެއްލުމެކެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.