ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފް ގެ ފިލްމް “ވޯރ”، ބޮކްސް އޮފީހުގެ ރެކޯރޑް ތަކެއް މުގުރަން ފަށައިފިއެވެ. މި ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހުވެސް 53.60 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މިހާ ބޮޑު ހައިރާން ކުރުވަނިވި ކުރިއެރުމެއް ފިލްމަށް ލިބިފައިވާތީ ރިތިކް އާއި ޓައިގަރ ވަނީ އެމީހުންގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ފިލްމް ރިލީޒް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އާންމުކޮށް ހިންދީ ފިލްމުތައް ރިލީޒް ކުރާ ދުވަހަކީ ހުކުރު ދުވަސް ނަމަވެސް ބުދަ ދުވަހު މި ފިލްމު ރިލީޒް ކޮށްފައި ވަނީ އެ ދުވަހަކީ އިންޑިއާ އަށް ރަސްމީ ބަންދު ދުވަހަކަށް ވެފައި ގިނަ ބަޔަކަށް ފިލްމު ބަލަން ދެވޭނެތީއެވެ.

މި ފިލްމު މުގުރާލި ފުރަތަމަ ރެކޯރޑަކީ ފުރަތަމަ ދުވަހު އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުމުގެ ރެކޯޑަށް ވާއިރު ދެވަނަ ރެކޯރޑަކީ ބަންދު ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުމުގެ ރެކޯރޑެވެ. ކުރިން މި ރެކޯރޑް އޮތީ ފުރަތަމަ ދުވަހު 52.25 ކްރޯރޑް ލިބުނު އާމިރް ޚާންގެ ‘ތަގްސް އޮފް ހިންދުސްތާން’ އަށެވެ.

ރިތިކް ބުނެފައިވަނީ މި ފިލްމަކީ މީގެ ކުރިން އިންޑިއާގައި ކުޅެފައި ނުވާ ކަހަލަ ފިލްމެއް ކަމާއި ފިލްމަށް މިހާ ބޮޑު ކާމިޔާބެއް މި ލިބުނީ ފިލްމު ކާމިޔާބު ކުރުމަށް އެންމެން ކުރި މަސައްކަތުން ކަމަށެވެ. އަދި އެ މަސައްކަތް ބެލުންތެރިން އެވަނީ ބަލައިގަނެފައި ކަމަށްވެސް ރިތިކް ރޯޝަން ވަނީ ބުނެފައެވެ.

ފިލްމަށް ލިބުނު ބޮޑު ކާމިޔާބީގެ ސަބަބުން ރިތިކް އާއި ޓައިގަރ އުފަލުން ފޮޅިފައި ވާއިރު، ޓައިގަރ ބުނެފައިވަނީ ބެލުންތެރިން އުފާވާ ފަދަ ފިލްމެއް ތައްޔާރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށެވެ.

ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރު ނަމަވެސް އޭނާ ފިލްމުގައި ފެންނަނީ މަދު ލަވަޔަކުންނާއި ދެތިން މަންޒަރުންނެވެ.

ސިދާތް އާނަންދް ޑައިރެކްޓްކޮށް އަދިއްތިޔަ ޗޯޕްރާ ޕްރޮޑިއުސް ކުރި ފިލްމް “ވޯރ” މިހާރު ވަނީ ރެކޯރޑް މުގުރާލި ތާރީޚްގެ ތެރެއަށް ވަދެފައި ކަމަށް، ފިލްމްގެ އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.