މި މަހު 22ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމު “އަނދިރިކަން” ޝޫޓިންގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން އދ. ދަނގެތީގައި ފަށައިފިއެވެ. ފިލްމު ކްރޫ އާއި ސްޓާރުން ދަނގެއްޗަށް ދިޔައީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ.

އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަން‘ އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ)ގެ ’މާސްކޭ ސްޓޫޑިއޯ‘ އިން އުފައްދަމުން އަންނަ އާއިލީ ޑްރާމާ ސްޓައިލް ފިލްމު “އަނދިރިކަން“ގެ ބޮޑު ބައި މ. މަޑުއްވަރީގައި ޝޫޓްކޮށް ނިންމައި ޑަބިން މަސައްކަތްވެސް ކުރަން ފަށާފައިވާކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

އަނދިރިކަން” ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން މުނިއަވަސް އަށްބުނީ، ދަނގެތީގައި ދެތިން ދުވަސް ވަރު ޝޫޓިންއަށް ހޭދަވާނެ ކަމަށެވެ. ދަނގެތީގައި ނަގަން ހަމަޖެހިފައި ބައިތައް ނިންމައި ދެން ޝޫޓްކުރާނީ ވިލިނގިލީގައި ކަމަށްވެސް ސީޒަން ބުންޏެވެ.

އަނދިރިކަން“ ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ މި ފިލްމު ކެމެރާ ކުރަނީ މާސްކޭ އެވެ. ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ. މޭކަޕް ކުރަނީ ޒީނަތުއެވެ.

ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް އެކްޓަރުގެ ގޮތުގައި ހަރަކާތްތެރިވާ ސީޒަން ބުނީ މި ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ރީތި ފިލްމަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.