އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯ އިން އުފައްދާ އާއިލީ ލޯބީގެ ފިލްމު “އަނދިރިކަން”ގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

މުނިއަވަސް އަށް ސީޒަން ބުނީ މާދަމާ ހެނދުނު 10:00 ން ފެށިގެން އޮލިމްޕަހުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ޓިކެޓް ބުކްކުރުމާއި ފިލްމާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރަށް 7435557 ނަންބަރުން ގުޅޭނެއެވެ. މި ފިލްމުގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

މި މަހު 22 ވަނަ ދުވަހު އޮލިމްޕަހުގައި ފިލްމު “އަނދިރިކަން” ޕްރިމިއާކުރާއިރު ފިލްމުގެ 11 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާކަމަށް ސީޒަން ބުންޏެވެ.

ސީޒަން ބުނީ އޮލިމްޕަހުގައި ފިލްމު އެޅުވުމަށްފަހު ޖެހިގެން އަންނަ ހަފުތާ ބަންދުން ފެށިގެން އަތޮޅުތެރޭގައި ފިލްމު އަޅުވަން ފަށާނެކަމަށެވެ. ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން ފިލްމުގެ ޓީމާއި ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދު ހިމެނެއެވެ.

ފިލްމު ކެމެރާ ކުރަނީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. މިއީ އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ ފިލްމެކެވެ. މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.

ސީޒަން ބުނީ މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ރާއްޖޭގެ މުޖުތަމައުގައި ހިނގަމުންދާ މުހިންމު މައްސަލައެއް ކަމަށެވެ.

”މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް އަނދިރިކަން ވާނޭ،“ ފިލްމާމެދު ސީޒަން ބުނެފައިވެއެވެ.

ފިލްމު ”އަނދިރިކަން“ މިއީ މިއަހަރު ރިލީޒްކުރާ 10 ވަނަ ފިލްމެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.