“ކަސައުޓީ ޒިންދަގީ ކީ” އިން ކޮމޯލިކާގެ ފަސްޓްލުކް ދައްކާލައިފިއެވެ. މީގެ އިތުރުން މިއަދު ދެއްކި އެ ސީރީޒްގެ 276ވަނަ އެޕިސޯޑުން ވެސް ކޮމޮލިކާ ގެ ރޯލުން އާމްނާ ޝަރީފް އެންމެ ފުރަތަމަ ފަހަރަށް ވަނީ ދައްކާލާވައެވެ.

ފުރަތަމަ ފެނިލުމުން ކޮމޮލިކާ ދައްކާފައިވަނި ހޮސްޕިޓަލެއްގައި އިންދައެވެ. އޭނާގެ މޫނުގައި އަޅާފައި ހުރި ބެންޑޭޖްތައް ނައްޓައިލުމަށްފަހު ޑޮކްޓަރު ބުނަނީ ކޮމޮލިކާ ވަރަށް ނަސީބުގަދަ ކަމަށާއި މިޔަރުގެ ހަމަލާއިން އެހާބޮޑު ގެއްލުމެއް ލިބުމަށްފަހު ސަލާމަތްވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށެވެ. މިޔަރެއްގެ ހަމަލާއިން ކޮމޮލިކާގެ މޫނު އެއްކޮށް ޚަރާބުބެފައި ވުމުން ޕްލާސްޓިކް ސާޖަރީއެއް ކޮށްގެން އޭނާ ރަނގަޅުކުރަން ޖެހުނީ ކަމަށްވެސް ޑޮކްޓަރު ބުނެއެވެ.

ޑޮކްޓަރުގެ ވާހަކަތައް އަޑުއަހަން އިނދެފައި ކޮމޮލިކާ އޭނާގެ މޫނު ބަލައިލަން ބޭނުން ކަމަށް ބުނެއެވެ. މޫނު ބަލައިލުމާއެކު “ނޫނެކޭ” ބުނެ ވަރަށް ބާރަށް ކޮމޮލިކާ ހަޅޭއްލަވައިގަނެއެވެ.

އަނޫރާގު އަދި ޕްރޭނާގެ ދެމެދު ފަނިކޮށްލުމަށް ބަޖާޖު ރޭވި ރޭވުމުގެ ބޭނުންހިފައި ޕްރޭނާގެ ބޮލަށް ބަޖާޖް ޖަހާ ‘ޗިޕް’ގެ އަސަރު މިއަދުގެ އެޕިސޯޑުން ކިތަންމެހާވެސް ރަނގަޅަށް ފެނިގެންދިޔައެވެ.

ކަސައުޓީ ޒިންދަގީ ކީ ގެ ކުރިއަށް އޮތް އެޕިސޯޑަކީ ވަރުގަދަ އެޕިސޯޑަކަށް ވާނެކަމަށް ބެލެވޭ އެޕިސޯޑެކެވެ. އެ އެޕިސޯޑުން އެހެން ސިފައެއްގައި ކޮމޮލިކާ ފެނިގެންދާނެއެވެ. ބަޖާޖް އާއި ޕްރޭނާގެ މުހިންމު ވާހަކަތަކެއް އަނޫރާގު ވީޑިއޯކުރެއެވެ. އެ ވާހަކަތަކުން، މިސްޓަރ ބަޖާޖް އާއި ޕްރޭނާ އިންނަން ޖެހުނު ސަބަބު ހާމަވެގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ