މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް (ވޯލްޑް މެންޓަލް ހެލްތު ޑޭ) އެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރާއިރު މިއަހަރު މި ދުވަހަށް ރާއްޖެއިން ކަނޑައަޅާފައިވާ ޝިއާރަކީ “ނަފްސާނީ ދުޅަހެޔޮ ކަން” މި ޝިއާރެވެ.

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ހެލްތް މިނިސްޓަރ ﷲޢަބްދު އަމީން ދެއްވި ޚިޠާބުގައި ވިދާޅުވީ މި އަހަރަކީ ނަފްސާނީ ޞިއްޙަތު ކުރިއަރުވަން ކުރެވިގެން ދިޔަ މަސައްކަތްތަކަށް ގިނަ ކުރިއެރުން ތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ.

މިނިސްޓަރ ދެއްވި ބަޔާނުގައި ފާހަގަ ކުރެވޭ ކަންތައް ތަކުގެ ތެރޭގައި މި ސަރުކާރުން ނެޝަނަލް މެންޓަލް ހެލްތް އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާއަށް އާސަންދައިގެ އިންތިޒާމް ހަމަޖެހިފައި ވުމާއި މެންޓަލް ހެލްތް ސެންޓަރ މާރިޗު މަގު އައިޖީއެމްއެޗް ގައި ގާއިމްކޮށް ނަފްސާނީ އެކި ބަލިތަކަށް އެ ސެންޓަރުން ފަރުވާދޭން ފަށާފައި ވުމާއި، މިއަދާ ހަމައަށް ހަތަރު ހާހަށް ވުރެ ގިނަ މީހުންނަށް މިސެންޓަރުން ފަރުވާ ދީފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކުގެ ފަރުވާ ރާއްޖެތެރޭގެ ރަށްތަކުގައި ދިނުމަށް ހަމަޖެހިފައި ވާއިރު މި ފަރުވާ ފުރަތަމަ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ.ކުޅުދުއްފުށި، ލ.ގަން، އަދި ރ.އުނގޫފާރުގެ އިތުރުން ގދ.ތިނަދޫ އަބުއްސަމަދު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ތަފާތު ގިނަ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުން ދާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި ޕްރޮގުރާމްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކާ ގުޅިގެން ހިންގާ އެކި ޕްރޮގްރާމްތަކާއި ރާއްޖޭގައި ސިކުނޑީގެ ބަލިތަކާ ގުޅޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ހިންގޭ ޞިއްޙީ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތައް ހިމެނެއެވެ.

މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބައެއް މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން މިނިސްޓަރ ފާހަގަ ކުރެއްވި މިނިސްޓްރީ ތަކަށް ބަލާއިރު މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ޖެންޑާ މިނިސްޓްރީ ހިމެނެއެވެ.

ކޮންމެ އަހަރަކު ބައިނަލް އަގުވާމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރާ އެންމެ ބޮޑު ބޭނުނަކީ ނަފްސާނީ ބައްޔާމެދު ދުނިޔޭގެ ފެންވަރުގައި މިކަމަށް ހޭލުންތެރިކަމާއި ސަމާލުކަން އިތުރު ކުރުމާއި މުޅި މުޖުތަމައާއި ދޭދޭ ގައުމުތަކާއި ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން މިކަމުގައި އެއްބާރުލުން އިތުރު ކުރުމެވެ.

‘ވޯލްޑް ފެޑަރޭޝަން ފޮރ މެންޓަލް ހެލްތު’ އިން މި އަހަރުގެ މެންޓަލް ހެލްތު ޑޭ ތީމަކަށް ހަމަޖައްސާފައިވަނީ “ނަފްސާނީ ޞިއްޙަތު ކުރިއެރުވުމާއި އަމިއްލައަށް މަރުވުން ހުއްޓުވުން” Mental Health Promotion and Suicide Prevention”ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.