ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޭނުންވާނެ ކަމެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި އެކަމަށް މަސައްކަތް ކުރަނީ ކިތައް މީހުން ބާވައެވެ؟ ގަވައިދުން ކަސްރަތުކޮށް، ރަނގަޅު ކާނާ ކެއުމަށް ސަމާލުކަން ދެނީ ކިތައް މީހުން ބާވައެވެ؟ މިހުރީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.
މިހާރަކަށް އައިސް ދުޅަހެޔޮ ކަމަކީ ވަރަށް ބޮޑަށް އާއްމު ވެފައިވާ ކަމެކެވެ. ދުވުންތަކާއި ޖިމްތަކަށް ދާ މީހުން އަންނަނީ ގިނަވަމުންނެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ކަސްރަތު ކުރުމާ ދުވުމުގައި ދެމި ތިބެވޭ މީހުން މަދުކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑަށް އަންނަ ބަދަލަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން އަންނަ ބަދަލުތަކެއް ނޫނެވެ. މިކަމަށްޓަކައި ގެންގުޅޭ ޕްރޮގުރާމެއްގެ ސަބަބުން މުއްދަތު ލަސްވެއެވެ.
އައިމިނަތު ނިޝާގެ ދުޅަހެޔޮ ދަތުރަކީ ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށް މަސައްކަތްކުރާ މީހުންނަށް އިތުރު ހިތްވަކަށް ވެގެން ދާނެ ދަތުރަކަށް ވާނެ ކަން ޔަގީނެވެ. އުމުރުން 34 އަހަރުގެ އައިމިނަތު ނިޝާއަކީ މީގެ އެއް އަހަރު ކުރިން 90 ކިލޯގެ ބަރުދަނަކާއެކު ދިރިއުޅެމުން ދިޔަ ހިތްވަރު ގަދަ ކަނބަލެކެވެ. ނިޝާގެ ބަރުދަނުން 25 ކިލޯ މަދުކޮށްލި ދަތުރަކީ ދުޅަހެޔޮ ޞިއްޙަތަށް މަސައްކަތްކުރާ ކޮންމެ މީހަކުވެސް ބަލާލަން ބޭނުންވާނެ ދަތުރެކެވެ.
ނިޝާ ބުނެފައިވަނީ ކަސްރަތުކޮށް ބަރުދަން ލުއިކުރުމަށް ބޭނުންވެގެން މަސައްކަތް ފެށީ ހެލިފެލިވެ އުޅެން އުނދަގޫވާން ފެށުމުންނެވެ. ނިޝާގެ ދެ ކުދިން ގޮވައިގެން ސްކޫލަށް ހިނގުމާއި އެކުދިންގެ ކަންކަން ބެލެހެއްޓުމުގައި އުނދަގޫވާން ފެށުމުން ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވެގެން މީގެ އެއް އަހަރު ކުރިން ނިޝާ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ފެށިއެވެ.
މި މަސައްކަތުގައި ނިޝާވަނީ ކެއުމަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ. ނިޝާއަށް އަބަދުވެސް އެންމެ މީރު ފޮނި ކާތަކެތި މުޅިން ހުއްޓާލާ އާ މެނޫއެއް ފެށިއެވެ. އެގޮތުން ހެނދުނުގެ ސައިގެ ގޮތުގައި ނިޝާ ބޭނުންކުރަނީ އޯޓްސް އާއި ފެނު ކެއްކި ބިހާއި ހުދު ބަތެވެ. މެންދުރު ކެއުމުގައި ނިޝާ ހިމަނާފައިވަނީ ބްރައުން ރައިސް އާއި ފެނު ކެއްކި ތަރުކާރީ އަދި ފިހުނު ކުކުޅެވެ. އަބަދުވެސް ގިނައިން ފެން ބުއިމަށް ސަމާލުކަންދޭ ނިޝާ ޖިމަށް ދިއުމުގެ ކުރިން ކަަޅު ކޮފީއެއް ބޮއެވެ. މީގެ އިތުރުން، އަބަދުވެސް ނަޓްސް ބޭނުން ކުރާކަމަށް ނިޝާ ބުންނާއިރު ރޭގަނޑުގެ ކެއުމުގައި ނިޝާ ހިމަނާފައި ވަނީ ސެލެޑު އެކަންޏެވެ.
ނިޝާގެ ކަސްރަތު ޕްރޮގުރާމަށް ބަލާއިރު ކާޑިއޯ އެކްސަސައިޒް ތަކާއި ވެއިޓް ލޫސްކުރުމުގެ ގެ ވޯކް އައުޓްތައް ކުރާކަމަށް ނިޝާ ބުންޏެވެ.
ނިޝާ ބުނެފައިވާ ގޮތުގައި ހަށިގަނޑަށް ބަދަލު އަންނަން ފެށީ ކަސްރަތު ކޮށް ކެއުމަށް ބަދަލުގެނައިތާ ހަތަރު މަހާއި ހަމަހާއި ދެމެދުގައެވެ. ކަސްރަތު ކުރަން ފެށިއިރު ބަރުދަނުގައި 90 ކިލޯ ހުރި ނިޝާގެ މިހާރުގެ ބަރުދަނަކީ 65 ކިލޯއެވެ.
ނިޝާ ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރަކީ ނިޝާގެ ހަޔާތަށް ބޮޑު ބަދަލުތަކެއް ގެނެސް ދިން އަހަރެއް ކަމަށާއި، މިހާރު ހަށިގަނޑަށް ވަރަށް ފަސޭހަ ކަމަށެވެ. މިހާރު ކިތައްމެ އިރަކު މަސައްކަތުގައި އުޅުނަސް ވަރުބަލިކަމާ ލޮޑުކަން އިހުސާސް ކުރަން ނުޖެހޭ އިރު، އަބަދުވެސް ހަށިގަނޑު ވަރަށް ތާޒާކޮށް ހުންނަ ކަމަށް ނިޝާ ބުނެއެވެ.
ކިޔުންތެރިންނަށް ނިޝާ ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ކަމެއްވެސް ރަނގަޅު، ވަރުގަދަ އަޒުމަކާއެކު ފަށައިފިނަމަ އެކަން ހާސިލްކުރުމަށް ފަސޭހަ ވާނެ ކަމަށެވެ. ހަމަ އެހެންމެ ކޮންމެ ކަމަކީ ވެސް އެކަމަށް ހާއްސަ ވަގުތެއް ކަނޑައެޅިފައިވާ ކަމަކަށް ވާއިރު ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ވާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ