ތާރީޚުގެ ފަތްފުށްތަކުން އެނގި ހާމަވެގެންވާގޮތުގައި، މި ރާއްޖޭގެ މިނިވަންކަން އެތައް ފަހަރެއްގެ މަތިން ގެއްލިފައިވެއެވެ. އެހެން ނަމަވެސް، ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއަކީ، މިއިން ކޮންމެ ދަނޑިވަޅެއްގައި ވެސް، މިނިވަންކަން އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔައިފައިވަނީ، މި ޤައުމުގެ ބައެއް ދަރިންގެ ސަބަބުންކަމެވެ. އާދޭހެވެ. އަމިއްލަ އެދުމުން ފޯވެފައިވާ، ޚިޔާނާތްތެރި ދިވެހި ދަރިންތަކެއް ކުޅަ ޢަމަލުތަކެއްގެ ސަބަބުންނެވެ.

“ޑޮމް މެނުއަލް” އޭ ދެންނެވުމުން، އެއީ އެހެން ޤައުމެއްގެ ބޭފުޅެއްކަމަށް، ހިތްޕުޅަށް އެރުން އެކަށީގެންވެއެވެ. ނޫނެކެވެ. “ޑޮމް މެނުއަލް” އަކީ، ހަމަ އަޅުގަނޑުމެން ފަދަ، މި ޤައުމުގެ ދަރިއެކެވެ. އެހެންނަމަވެސް…. އިސްވެ މި ދެންނެވި ފަދަ، އަމިއްލަ އެދުމުން ފޯވެފައިވާ ދިވެހި ދަރިއެކެވެ. އާދެ! މި ޤައުމުގެ އުދަރެސް ބަނަކޮށްލި ކަޅުވިލާގަނޑެއް ފަދަ ދިވެހި ދަރިއެކެވެ.

” ޑޮމް މެނުއަލް ” އަކީތޯއެވެ. އާދޭހެވެ. “ޑޮމް މެނުއަލް” އަކީ، ކަޅު މުޙައްމަދު ރަސްގެފާނާއި ބުރެކިރަނިންގެ ދަރިކަނބަލުން ކަނބާ އައިޝާ ރަނިކިލެގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އައްސުލްޠާނު ޙަސަން (8ވަނަ) ސިރީ ރަންމަނި ލޯކަ މަހާރަދުންނަށް (ޝިރާޒީ ޙަސަން ރަސްގެފާނު) ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ ދެބެންގެދެދަރި ބޭފުޅެއްމެއެވެ. އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ. މިއަށްވުރެ ވެސް ތަފްޞީލީގޮތަކަށް ބަލާނަމަ އޭނާއަކީ، މުސްލިމުލް ޢައްބާސުލް ހިލާލީގެ، ހިލާލީ ކަލޯއާއި، ގޯޅާވެހި ކަނބުލޮއަށް ލިބިވަޑައިގަތް، އައްސުލްޠާން ޙަސަނުލް ހިލާލީ ސިރީ ބަވަނަ މަހާރަދުންގެ، އައްސުލްޠާން ޔޫސުފު(ދެވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުންގެ، އައްސުލްޠާން ޢުމަރު (ދެވަނަ) ސިރީ ލޯކަ ސުންދުރަ މަހާރަދުންގެ، އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން (ކަޅު މުޙައްމަދު ރަސްގެފާނު) އާއި، ކޮށަލިކިލެގެ ދި ޢާއިޝާރަނިކިލެގެއަށް ލިބިވަޑައިގަތް ޢުމަރު މާފަތްކިލެގެ ގެ ދަރިކަލުންނެވެ. އާދެ! ދިވެހި ދީބު ދުށް މަޝްހޫރު ނުވަވަނަ ޙަސަން ރަސްގެފާނެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުންނެވެ.

އާދެ! ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަމުގެ ރަންސަންދާނަށް (ރަސްކަމުގެ ތަޚުތަށް) އިސްވެ ވަޑައިގަތީ، އޭނާގެ ބޭބޭފުޅު އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން ޤަތުލުކުރެއްވުމަށް ފަހުގައިކަމަށް، މުޙައްމަދު އަމީން ލިޔުއްވި “ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” މި ފޮތުގައިވެއެވެ. އެހެންނަމަވެސް، މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ އަލްފާޟިލާ ނަސީމާ މުޙައްމަދު، ލިޔުއްވައިފައިވާ “ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން” މި ފޮތުގައި، މި ހާދިސާއާއި ގުޅޭ އިތުރު ނުކުތާއަކަށް ވެސް، ނަޒަރެއްދެއްވައިފައިވެއެވެ. އެ ފޮތުގައި ބަޔާންވެގެން އައިސްފައިވާގޮތުގައި، އޭރު އިންޑިއާގައި ހުންނެވި ޕޯޗްގީޒު ގަވަރުނަރު، ފަނަރަ ސަތޭކަ ފަންސާސްވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެކާވީސްވަނަ ދުވަހު، ޕޯޗުގީޒުގެ ރަސްގެފާނު ޑޮމް ޜޮއާއޮ (ތިންވަނަ) އަށް ސިޓީއެއް ލިޔުއްވައިފައިވެއެވެ. އެ ސިޓީގައިވަނީ، ބޭބޭފުޅު އައްސުލްޠާން މުޙައްމަދުގެ ޤާތިލަކީ ޙަސަން ރަސްގެފާނުގެ އަނބިކަނބަލުންކަމުގައި، ޚުދު ޙަސަން ރަސްގެފާނު، ގަވަރުނަރު އަރިއަހުގައި ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅަކީ ކޮބައިކަމެއް ތާރީޚުން އެނގޭކަށްނެތެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީ ސަނަތުން ފަނަރަ ސަތޭކަ ފަންސާސްވަނަ އަހަރުން، ފަނަރަ ސަތޭކަ ފަންސާސް ދެވަނަ އަހަރާއި ހަމައަށްކަމުގައި، “ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު” ގައި ބަޔާންވެގެން އައިސްފައިވެއެވެ. އެހެންނަމަވެސް އަލްފާޟިލާ ނަސީމާ މުޙައްމަދު “ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން” ގައި، މި ތާރީޚު އެހެންގޮތަކަށް ބަޔާންކުރައްވައިފައިވެއެވެ. އެ ފޮތުގައި ވާގޮތުން، ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީ ސަނަތުން ފަނަރަ ސަތޭކަ ފަންސާސްވަނަ އަހަރުން، ފަނަރަ ސަތޭކަ ފަންސާސް އެއްވަނަ އަހަރާއި ހަމައަށެވެ.

ކޮންމެއަކަސް ތާރީޚުގައި ބަޔާންވެފައިވާ ފަދައިން ދެއަހަރާއި ފަސް މަސްދުވަހުގައި ރަސްކަންކުރެއްވުމަށްފަހު، މި ރަދުން ކޮއްޗޭއަށް ވަޑައިގަންނަވައިފިއެވެ. ހަމަ އެހެންމެ އިސްލާމްދީން ދޫކުރައްވައި، ނަޞާރާދީނަށް ވަދެވަޑައިގެންފޫއެވެ. ނަޞާރާ ދީނަށް ވަދެވަޑައިގަތުމަށްފަހު، އެ ރަދުންގެ ނަންފުޅެއްކަމުގައި ހަމަޖެއްސެވީ “ޑޮމް މެނުއަލް ( އެއްވަނަ)” އެވެ.

އެއަށްފަހު ޕޯޗުގީޒުންގެ މާތް ބޭފުޅެއްކަމުގައިވާ، އެއިތޯރް ޑި ސޫޒާ ޑި އަތައީޑްގެ ދަރިކަނބަލުން، ޑޯނާ ލިއަނޯރް ޑި އަތައީޑް އާއި ކައިވެނި ބައްލަވައިގެންފިއެވެ. މި ކަނބަލުންގެ ބަނޑުފުޅުން، ތިން ދަރިކަލުންނާއި، ދަރިކަނބަލުން ލިބިވަޑައިގަތެވެ. އެ ތިން ދަރިކަލުންނަކީ، ފްރާންސިސްކޯއާއި، ޕޭދްރޯއާއި، ޜޮއާއޮއެވެ. ދަރިކަނބަލުންގެ ޢަދަދު އެނގޭކަށްނެތެވެ. އެހެންނަމަވެސް އޭގެތެރެއިން އެއްބޭކަނބަލަކީ، ކެތަރީނާ ކަމުގައި، “ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން” މި ފޮތުގައި އަލްފާޟިލާ ނަސީމާ މުޙައްމަދު ބަޔާންކުރައްވައިފައިވެއެވެ.

އާދޭހެވެ. ނަޞާރާ ދީނަށް ވަދެވަޑައިގަތުމަށްފަހުގައި ވެސް، އެ ރަދުންގެ ހިތްޕުޅު ހަމައެއްނުޖެހުނެވެ. ޕޯޗުގީޒުންގެ އެހީތެރިކަމާއެކު،  ދިވެހިރާއްޖޭގެ ރަސްކަން އަލުން ހޯއްދެވުމަށް އެތަކެއް މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މި ގޮތުން ޕޯޗުގީޒުންގެ ގުރާބެއް ރާއްޖެއަށް ފޮނުއްވިއެވެ. ނަމަވެސް ދިވެހި ރައްޔިތުން، އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި ބޮވަނަ މަހާރަދުން (ޢަލި ރަސްގެފާނު) އާއި، އިބްރާހިމް ފާށަނާކިލެގެ ގެ ފުތް އަބޫބަކުރާއި، ދެ ފަހުލަވާނުންގެ ވެރިކަމުގެ ދަށުގައި ހަނގުރާމައިގެ މައިދާނަށް ނިކުމެ ޕޯޗްގީޒުންނާއި ދިމާކޮށްލީ ގަދަފަދަ ސިންގާތަކެއްފަދައިންނެވެ. ޖޯޝާއި ފޯރީގައެވެ. ވަޠަން ދިފާޢުކުރުމުގެ މުޚުލިޞް ނިޔަތާއިގެންނެވެ. އާދޭހެވެ. މާ ގިނައިރުތަކެއްނުވެ ތަޤުދީރު ރޭވިރޭވުން ތަރުތީބުވެގެން ހިނގައްޖެއެވެ. ޤުދުރަތުގެ ނިޔާ ދިވެހިންނަށް ބަލައިލީ، އޯގާވެރިކަމުގެ ލޮލަކުންނެވެ. މާތްﷲގެ ރަޙުމަތްފުޅުން ދިވެހިންނަށް ނަޞްރުލިބިގެން ހިނގައްޖެއެވެ.

އެހެންނަމަވެސް ނުވަވަނަ ޙަސަން ރަސްގެފާނު ނުވަތަ ޑޮމް މެނުއަލް ދުލެއްނުކުރައްވައެވެ. ދެވަނަ ފަހަރަށް ވެސް، ޕޯޗުގީޒުންގެ ގުރާބެއް ރާއްޖެއާއި ދެކޮޅަށް ފޮނުއްވެވިއެވެ. އެހެނަސް މަތިވެރި ރައްބުގެ އޯގާވަންތަކަމާއެކު، މި ފަހަރު ވެސް، ފަތަޙަ ލިބުނީ ދިވެހިންނަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.