ހަނިމާދޫއަކީ ނިކަގަހުގެ އާބާދީ ބޮޑު ރަށެކެވެ. އަތިރިމަތީ ސަރަހައްދާއި، ވަލުތެރެއާއި، އެއާރޕޯޓް ސަރަހައްދުގެ އިތުރުން މީހުން ދިރި އުޅޭ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ހެދިފައި ހުރެއެވެ.
މި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ވުމާއިއެކު މި ގަސްތަކުގެ އުމުރު އަންދާޒާ ކޮށްލުމަށް ދުވަސްވީ ބައެއް މީހުންނާއި ސުވާލުކޮށްލީމެވެ.
މި ބިޔަ ބޮޑެތި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވޭ، މި ގަސްތައް އަޅުގަނޑު ހަނދާންވާން ފެށީއްސުރެ މިތަންތަނުގައި ހުރޭ” ދޮށީ އުމުރުގެ މީހަކާއި ސުވާލު ކޮށްލުމުން ލިބުނު ޖަވާބަކީ މިއީއެވެ.
މި ގަސްތަކާއި ގުޅޭގޮތުން ހަނިމާދޫ ކައުންސިލުގައި ހުރި މަޢުލޫމާތު ބުނާގޮތުން މީގެތެރޭގައި ހިމެނޭ ބޮޑެތި ގިނަ ގަސްތަކަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްގަހެވެ. މި ބުނުމަކީ ރަނގަޅު ބުނުމެއް ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. ސަބަބަކީ އުމުރުން މިހާރު ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މީހުންނާ ސުވާލުކޮށްލުމުން މި ގަސްތައް ނުހުންނަ ހަނދާން ނުވާކަމުގައި އެ މީހުން ބުނުމެވެ.
ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ބައެއް ނިކަގަސް ކަނޑާލެވިފައިވެއެވެ. މީގެ އިތުރުން، ރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި ބައެއްގަސްގަސް، ހުއްދައަކާއިނުލއި އެގަސްގަހުގެ ބުޑުގައި އަލީފާންޖަހައި މަރާލާފައިވާކަންވެސް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މީހުން ދިރިއުޅުމަށް ރަށުން ގެވަޅު ދޫކުރެވުނު ކޮންމެ ފަހަރަކު އެ ގެވަޅުތަކުގައި ގެ އެޅުމަށްޓަކައި ގިނަ ނިކަގަސްތަކެއް ވަނީ ކަނޑާލެވިފައެވެ. މިފަދަ އެކިއެކި ސަބަބުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ނިކަގަސް ކަނޑާލެވިފައި ވީނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ރަށުގެ ބައެއް ސަރަހައްދު ތަކުގައި ގިނަ އަދަދަކަށް ފެންނަން އެބަހުއްޓެވެ. ނުވަދިހައިގެ އަހަރުތަކުގައި ހަނިމާދޫއަށް ޒިޔާރަތްކުރި ފަރާތްތަކަށް ހަނިމާދޫގައި ނިކަގަހުގެ އާބާދީ ބޮޑުކަން އިހުސާސް ކުރެވޭނެއެވެ.
ނިކަގަހަކީ ދިވެހިރާއްޖޭގައި ހެދޭ އެންމެ ބޮޑެތި ގަސްތަކުގެ ތެރެއިން އެއްގަހެވެ. ހިޔާބޮޑު ގަހެކެވެ. އަތިރިމަތީ ސަރަހައްދާއި ވަލުތެރޭ ސަރަހައްދުތަކުގައި ހައްދަން ހަމަ އެންމެ ރަނގަޅު ގަހެކެވެ. ނަމަވެސް އަޅުގަނޑަށް ބެލިބެލުމުން އެނގުނު އެއްކަމަކީ މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ބޮޑެތި ނިކަގަސް ހުރުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫންކަމެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ.
ނިކަގަހުގެ އުނދަގޫ އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ގަސް ހުންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ ބަޔަކަށެވެ. އިރުއޮއްސެން ކައިރިވަމުންދާ ވަރަކަށް ކާޅުތައް ގަހަށް ޖަމާވަމުންދެއެވެ. ރޭ ވެއްޖެނަމަ އެ ސޮރުމެންގެ ނިދާ ގެޔަކީ އެ ގަސްތަކެވެ. ކާޅު ގޮވާ އަޑާއި އަދި ކާޅުގުއިގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ކުރިމަތިވެއެވެ.
ގަހުގައި ނިކަ އަޅާ މޫސުމުގައި މި އުނދަގޫތަށް އިތުރަށް ބޮޑުވެގެން ދެއެވެ. ގަހުގައި ނިކަ ދޮންވުމުން ގަހަށް އަންނަ ވާލާއި، ކާޅާއި އަދި ކޮވެލިފަދަ ދޫނިތައް ގިނަވެގެން ދެއެވެ. ރޭގަނޑެއް ދުވާލެއް ނޯވެއެވެ. އަބަދުހެން ވައުތައް ގަހުގައި ޖަމާވެ ނިކަ ހަފައި ހަދައެވެ. ހަމަ ކާޅާއި ކޮވެލި ވެސް މިފަދައެވެ. ނިކަގަސް ހުންނަ ހިސާބުގެ ގެތަކުގެ ފުރާޅުތައް އޮންނަނީ ނިކަ ހައްޕުނޑުން ފުރިފައެވެ. އަދި ގަހުގެ ދަށްވެސް ނިކަ ހައްޕުނޑުން އޮންނަނީ ފުރިފައެވެ. މިކަމުގެ އުނދަގުލުން ސަލާމަތްވެގެން ފުރާޅު ސާފުކޮށް ސާފު ވާރޭ ފެންފޮދެއް ނެގުންވެސް އޮންނަނީ ދަތި ކަމަކަށް ވެފައެވެ.
ގަހުގައި ނިކަ އަޅާ ދުވަސްވަރު، މަގުމަގު މަތީގައި ހެދިފައި ހުންނަ ބޮޑެތި ނިކަގަސް ހިމެނޭ ސަރަހައްދުގެ، މަގުމަތިން ދިޔުން އޮންނަނީ ނުރައްކަލަކަށް ވެފައެވެ. އަބަދުހެން ގަހުގެ މަތީގައި އުދުހެމުންދާ ވައުތައް، ގަހުގެ ދަށުން ސައިކަލުގައި ދަތުރުކުރާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންގެ ބޮލަށް ސީލުން ފަދަ ހާދިސާތައް ހިނގަނީ މަދެއްކޮށެއްނޫނެވެ.
ކަޅުހިންޏާއި ކުދިކުދި ދިރޭ ސޫފިތަކުގެ ސަބަބުން ކައިރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. މިފަދަ ކުދިކުދި ދިރޭ ސޫފިތަކުގެ އުނދަގޫ ގަހުގައި ނިކަ އަޅާ ދުވަސްވަރު އިތުރު ވެގެންދެއެވެ.
ނިކަގަހަކީ ބިޔަ އަދި ބޮޑު ގަހަކަށް ވުމުން ގަހުގެ މުލުގެ އުނދަގުލާވެސް ކުރިމަތިލާން ޖެހެއެވެ. ނިކަގަސް ހުންނަ ސަރަހައްދުތަކުގައި ހުންނަ އިމާރާތްތައް ކަނޑަކަނޑައިގެން ދިއުމާއި އަދި ފާޚާނާ ފަދަ ތަންތަނަށް މޫ ވަނުމުގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި ފާހާނާގެ މުށި ބަދަލުކުރާން ޖެހުން ފަދަ މަރާމާތުތައް ކުރަން ޖެހެއެވެ. މިފަދަ އެތަކެއް އުނދަގުލާ ކުރިމަތިލާން ޖެހެއެވެ.
މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ހުންނަ ނިކަގަހުގެ ސަބަބުން ކުރިމަތިވާ އުނދަގުލާއި، އުފުލަންޖެހޭ ތަކުލީފުތަކުގެ ވާހަކަ ބަޔާންކުރެވޭ އިރު މިގަސްގަހުގެ ސަބަބުން ލިބޭ ބައެއް ފައިދާއާއި ފަސޭހަތަކުގެ ވާހަކަ ހިއްސާކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ނިކަގަހުގެ މޫތަކުގެ ސަބަބުން މިފަދަ ގަސްތައް ހުންނަ ސަރަހައްދުގެ ފެންފަށަލަ ރަނގަޅުވެއެވެ. އަދި މި ބޮޑުގަހުން ފެތުރިފައި އޮންނަ ބޮޑު ހިޔަލުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުގެ ހޫނުމިން ދަށްކޮށްދެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫގެ ކައުންސިލުން، މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ނިކަގަސްތައް ކަނޑާލުމުގެ މަޝްވަރާ އެތަކެއްފަހަރު ވަނީ އެންވައަރަމަންޓް މިނިސްޓްރީއާއި އެކު ކޮށްފައެވެ. ނަމަވެސް އެފަރާތުގެ ހުއްދަ ލިބިފައި ނުވާތީ މިފަދަ ގަސްތައް އަދިވެސް ކަނޑާނުލެވި ރަށުތެރޭގައި އެބަހުއްޓެވެ.
އެތައް ޒަމާނަކުން ހެދިފައިވާ މިފަދަ ބޮޑެތި ގަސްތައް ކަނޑާލުމަކީ އެ މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ގިނަފަހަރު ހިތްހަމަ ޖެހޭކަމަކަށް ނުވެއެވެ. ރަށުގެ އެކި ސަރަހައްދު ތަކުގައި މިފަދަ ގަސްތައް ފެންނަން ހުރުމަކީ ބަލާބެލުމަށް ހިތްގައިމު ކަމެއް ގެނުވާ ކަމަކަށް އޮންނަނީ ވެފައެވެ. ޚާއްޞަކޮށް ތިމާވެށްޓަށް ލޯބިކުރާ މީހުން މިފަދަ ބޮޑެތި ގަސްތައް ކެނޑުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާކަން ފާހަގަވެއެވެ. ނަމަވެސް މިފަދަ ގަސްގަހުގައި ހުރި ހިތްގައިމުކަން ފެނި އިހުސާސްކުރާ ފަދައިން މިކަމުގެ ތަކުލީފުތަކާއި ކުރިމަތިވާ ފަރާތްތަކުގެ އިހުސާސް ވެސް އެނގުމަކީ މުހިންމު ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި
ފުރިހަމަ ލިޔުން ކޮޅެއް…. ރަށުގެ މަގުތައް ހަދަމުން ދާއިރު ނަގަން ޖެހޭ ބަޔެއް ބޮޑެތި ގަސްތައް އެބަހުރި
raufbodeymengeg kaafa abdhurrahmanbey ves buni, e’gasthah nuhunna handhaaneh eyna nuve ey