‘ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.’ ނުވަތަ ‘ޔެ ދުޢާ ހެ މޭރި ރަބްސޭ’ މި ލަވައަކީ 1992 ވަނަ އަހަރު ނުކުތް ފިލްމެއްކަމަށްވާ ސަޕްނޭ ސާޖަން ކޭ ގެ ރީތި ލަވަތަކުގެ ތެރެއިން ލަވައެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ލޯރެންސް ޑީސޫޒާ އެވެ. ފިލްމުގައި ހަރަކާތްތެރިވަނީ ކަރިޝްމާ ކަޕޫރް، ރާހުލް ރޯއީ އަދި ޖެކީ ޝްރޮފް އެވެ. މި ފިލްމަކީ ބްލޮކްބަސްޓަރ ފިލްމު ‘ސާޖަން’ ގެ ކާމިޔާބީއަށްފަހުން، ލޯރެންސް ޑީސޫޒާ އާއި ޕްރޮޑިއުސަރ ސުދާކަރް ބޮކާޅޭ އާއި ދެމީހުން އެކުވެގެން ކޮށްފައިވާ މަސައްކަތެކެވެ.

މި ފިލްމުގެ ޕްލޮޓަށް ބަލާލާއިރު، ޖެކީ ޝްރޮފް ގެ ޑްރައިވަރ އަލޮކް ނާތު އަށް އޭނާގެ ވަޒީފާ ރަނގަޅަށް އަދާނުކުރެވޭތީ ޑްރައިވަރުގެ މަޤާމަށް އަލޮކްގެ ދަރިފުޅު ދީޕަކް (ރާހުލް ރޯއީ) ހަމަޖައްސައެވެ.

ދީޕަކް (ރާހުލް ރޯއީ) އޭނާގެ ސާހިބު މީހާ (ޖެކީ ޝްރޮފް) އާއި އެކު މިއުޒިކަލް ނައިޓްއަކަށް ދާތަނުން ފުރަތަމަ ފަހަރަށް ޖޯތީ (ކަރިޝްމާ ކަޕޫރް) އާއި ބައްދަލުވެއެވެ. އެވަގުތު ‘ ޔެ ދުޢާ ހެ މޭރި ރަބްސޭ’ މި ލަވައިގެ އަސްލު އަޑުގެވެރިން ކަމަށްވާ ކުމާރު ސާނޫ އާއި އަލްކާ ޔަގްނިކް މި ލަވަ ހުށައަޅަން ފަށައެވެ. މި ލަވައިގެ ތެރެއިން، ލަވައިން ދޭ ލޯބީގެ މެސެޖްތައް ދީޕަކް (ރާހުލް ރޯއީ) އާއި ޖޯތީ (ކަރިޝްމާ ކަޕޫރް) ގެ ހިތު ތެރޭގައި ބަދަލުކުރެވެން ފަށައެވެ. ލަވަ ނިމޭއިރު ދެމީހުންނަށް ތިބެވެނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެވިފައެވެ.

ޖޯތީގެ މަންމަ ޝާލިނީ (އަރުނާ އިރާނީ) ބޭނުންވަނީ އޭނާގެ ދަރިފުޅު، މުއްސަންޖެއްކަމަށްވާ ގުއްލޫ (ގުލްޝަން ގްރޯވަރ) އާއި ދެވާށެވެ. ނަމަވެސް ޖޯތީއަށް ގުއްލޫ ކަމަކު ނުދެއެވެ. އެއްމެފަހުން، ޝާލިނީ އޭނާގެ ދަރިފުޅުގެ ނިންމުމަށް އިހްތިރާމް ކުރެއެވެ. އަދި ދީޕަކް އާއި ކައިވެނިކުރުމަށް އެއްބަސްވެއެވެ. ނަމަވެސް ދީޕަކް އަކީ އޭނާ ދައްކައިގެން އުޅޭހައި މުއްސަންޖެއް ނޫންކަން ޖޯތީއަށް އެނގެއެވެ. އަދި އެއީ އާދައިގެ ޑްރައިވަރެއްގެ ދަރިއެއްކަން އެނގެއެވެ.

ލަވައިގެ މިއުޒިކް ހަދާފައިވަނީ ނަދީމް-ޝަރްވަން އެވެ. ލަވައިގެ ލިރިކްސް ދިވެހިބަހުން މާނަ ކޮށްފައިވަނީ އަލްއުސްތާޛް ޝަމްސުލް ފަލާޙް އެވެ. ލަވައިގެ ސަބްޓައިޓްލް ކޮށް އެޑިޓްކޮށްފައިވަނީ ރިކާޒް ސްޓޫޑިއޯ އިންނެވެ.

ލަވަ: ޔެ ދުއާ ހެ މޭރި ރަބްސޭ (ފިލްމް: ސަޕްނޭ ސާޖަން ކޭ) :   ތަރުޖަމާކުރީ: ފަލާޙް

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ހުރިހާ އާޝިގުންގެތެރޭން ކަލާއަށް،

އަހަރެންގެ ލޯބި ކަމުދާންދޭވެއެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ހުރިހާ ރަޙްމަތްތެރިންގެ ތެރޭން ކަލާއަށް،

އެންމެ ގަޔާވާ ރަޙްމަތްތެރިކަމަކީ އަހަރެންގެ ރަޙްމަތްތެރިކަން ކަމުގައި ލައްވައިފާންދޭވެއެވެ.

ކަލާއަކީ ރީތިކަމުގައި ކުލައިން ލިޔެފައިވާ ޣަޒަލެކެވެ.

ކަލާއަކީ ލޯބީގެ ފެންގަނޑެއްގައި ފޮޅެމުންދާ ލޮޓަސް މަލެކެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ހުރިހާ ޝާޢިރުންގެތެރޭން ކަލާއަށް،

އެންމެ ކަމުދަނީ އަހަރެންގެ ޝާޢިރީ (ޅެންވެރިކަން) ކަމުގައި ލައްވައިފާންދޭވެއެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

އަހަރެންގެ ހިތުގެ ލޯގަނޑުގައިވަނީ ކަލާގެ ތަސްވީރެވެ.

މިހާރު ކަލާއަކީ އަހަރެންގެ ދިރިއުޅުންކަމުގައި ވެއްޖެއެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ހުރިހާ ސާދާކަމުގެ ތެރޭން ކަލާއަށް،

އެންމެ ކަމުދަނީ އަހަރެންގެ ކިބައިގައިވާ ސާދާކަން ކަމުގައި ލައްވައިފާންދޭވެއެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ކަލާގެ ލޮލާއި ލޯ ބައްދަލުވުމުން އަހަރެންގެ މުޅި ޙަޔާތް މަސްތުވެއްޖެއެވެ.

ރެއާއި ދުވާލު އަހަރެންގެ ހިތުގައިވަނީ ހަމައެކަނި ކަލާގެ ޚިޔާލުތަކެވެ.

ރައްބިއަށް (ކަލާނގެއަށް) ކުރާ މީ އަހަރެންގެ ދުޢާއެވެ.

ކަލާއަށްޓަކައި ދީވާނާވެފައިވާ ހުރިހާ އެންމެންގެ ތެރޭން ކަލާއަށް،

އެންމެ ކަމުދަނީ އަހަރެންގެ ދީވާނާކަން ކަމުގައި ލައްވައިފާންދޭވެއެވެ.

4 ޖޫން 2015

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.