ކަރިޝްމާ ކަޕޫރު ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފެނިފައިވަނީ އުމުރުން 17 އަހަރުގައެވެ. ކަރިޝްމާ ފުރަތަމަ ކުޅުނު ފިލްމަކީ 1991 ވަނަ އަހަރު ރިލީޒްކޮށްފައިވާ ‘ޕްރޭމް ޤައިދީ’ އެވެ. ކަރިޝްމާ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް ފިލްމު ކުޅުމަށް ވަރަށް ޝައުގު ހުންނަ ކުޅަދާނަ އެކްޓްރެސް އެކެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ކަރިޝްމާ ބުނެފައިވަނީ ބޮލީވުޑަށް ނިކުތުމުގެ ކުރިން ކާފަ ދީފައިވާ ނަޞޭޙަތް އަބަދުވެސް ހަނދާން ބަހައްޓާ ވާހަކައާއި، ކުޑައިރުން ފެށިގެން ކާފަގެ ޝޯވ ތަކަށް ވަރަށް ގިނައިން ގޮސް އުޅޭ ކަމަށްވެސް ކަރިޝްމާ ބުނެފައި ވެއެވެ. ކަރިޝްމާގެ ކާފައަކީ ކުރީގެ މަޝްހޫރު ފިލްމް އެކްޓަރ އަދި ފިލްމް މޭކަރ ރާޖް ކަޕޫރެވެ.

އޭރު ކާފަގެ އެކްޓުތަކާއި، އެތަނުގައި މީހުން ކުރާ މަސައްކަތްތައް ފެނުމުން ވަރަށް އެކްޓުކުރާ ހިތްވާ ކަމަށާއި، އަދި އެކްޓަރެއްގެ ގޮތުގައި އާއިލާގެ މަގުބޫލުކަން އިތުރު ކުރަން އަބަދުވެސް ވަރަށް ބޭނުންވާކަން ކަރިޝްމާ ވަނީ ބުނެފައެވެ. 

ކަރިޝްމާގެ ކާފަ ދީފައިވާ ނަޞޭޙަތާ ބޭހޭ ގޮތުން ވާހަކަ ދައްކަމުން ކަރިޝްމާ ބުނެފައިވަނީ، ފިލްމު ކުޅުމަކީ ކަންނެތް މީހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފިލްމު ކުޅޭނަމަ އަބަދުވެސް އެކަމުގައި މަސައްކަތް ކުރަން ވާނެ ކަމަށެވެ. އަދި ފިލްމު އެކްޓަރުންނަކީ ރެސްޓް ކުރާ ބައެއް ނޫން ކަމަށްވެސް ކާފަގެ ނަޞޭޙަތުގައި ބުނެފައިވާ ކަމަށް ކަރިޝްމާ ވަނީ ބުނެފައެވެ.

ކަރިޝްމާ އެކްޓިންގެ ދާއިރާގައި ފައިތިލަ ސާބިތު ކޮށްދިނުމަށް އެންމެ ބޮޑަށް އެހީތެރިކަން ލިބިފައިވަނީ ކަރިޝްމާގެ މަންމަގެ ފަރާތުންނެވެ. ކަރިޝްމާގެ މަންމަ ބުނެފައިވަނީ ކަރިޝްމާ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތް އިރު އެކްޓްކުރަން ނޭނގޭ ކަމަށާއި، ނަމަވެސް މަންމަގެ ފަރާތުން ލިބުނު އެހީތެރިކަމާ ކަރިޝްމާގެ ބުރަ މަސައްކަތުގެ ސަބަބުން ފުރަތަމަ ފިލްމުވެސް ކާމިޔާބު ފިލްމަކަށް ވެގެން ދިޔަ ކަމަށެވެ. އަދި ކަރިޝްމާ އަކީ ވަރަށް ހިތްވަރު ގަދަ އެކްޓްރެސް އެއް ކަމަށްވެސް ކަރިޝްމާގެ މަންމަ ފާހަގަ ކޮށްފައިވެއެވެ.

ކަރިޝްމާގެ މަންމަ ބުނެފައިވާ ގޮތުގައި ކަރިޝްމާގެ ކެރިއަރުގައި ވަރަށް އުނދަގޫ ދަތި ދުވަސްތަކާއި އުފާވެރި ކާމިޔާބު ދުވަސްތައްވެސް އައިސްފައި ވެއެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ކަރިޝްމާގެ މަންމަ ފާހަގަ ކޮށްފައިވަނީ ‘ސެކްސީ ސެކްސީ’ ކިޔާ ލަވައަކަށް އެކްޓުކުރަން ކުރި މަސައްކަތުގެ ވާހަކައެވެ. އެ ލަވައިގެ މަސައްކަތުގައި ކަރިޝްމާގެ ކަކުލަށްވެސް ގެއްލުންވި ކަމަށްވެސް ކަރިޝްމާގެ މަންމަ ފާހަގަ ކުރިއެވެ. 

މަޝްހޫރު ފިލްމީ ތަރި މަދޫރީގެ ފިލްމް ‘ދިލް ތޯ ޕާގަލް ހޭ’ އިން ޖާގަ ލިބުމުންވެސް، މަދޫރީއާ އެއް ފެންވަރަށް ނުވަތަ އެހާ މޮޅަށް އެކްޓު ކުރެވިދާނެކަމުގެ ޔަގީންކަން ނެތް ނަމަވެސް އެ ފިލްމު ކުޅެން ކަރިޝްމާ އެއްބަސް ވިއެވެ. އެ ފިލްމަކީ އެހެން ހުރިހާ އެކްޓަރުން ދެކޮޅު ހެދި ފިލްމެކެވެ. އެ ފިލްމު ކާމިޔާބުވެ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައި ވާއިރު، އެ ފިލްމުން ކަރިޝްމާ ވަނީ ނެޝަނަލް އެވަރޑްވެސް ހާސިލްކޮށްފައެވެ.

‘ދިލްތޯ ޕާގަލް ހޭ’ ގައި ކަރިޝްމާ އަދާކޮށްފައި ވަނީ ހުއްސަރިބައި މަންމަ އެއްގެ ރޯލެވެ. މަދޫރީ އާއި ކަރިޝްމާގެ އިތުރުން އެ ފިލްމުގައި ލީޑިންގ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރި ވެފައިވަނީ ޝާހްރުކް ހާން އަދި އަކްޝޭ ކުމާރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.