ބޮލީވުޑްގެ ފިލްމުތަކަށް ނަޒަރު ހިންގާލާއިރު އަބަދުވެސް ފެންނާނީ ރީތި މޫނުތަކާއި ހަށިގަނޑުތަކެވެ. ހަށިގަނޑު ފިޓްކޮށް ތިބޭ ފިރިހެން ސްޓާރުންނާއި ހަންގަނޑު އޮމާންކޮށް ތިބޭ އަންހެން ސްޓާރުން ފިލްމު ތަކުން ފެނުމުން ކަޅި ޖަހާނުލެވި ތިބެވެނީ މަދު ބަޔަކަށް ނޫނެވެ.
އަންހެން ތަރިންގެ ހަންގަނޑު އޮމާންވެފައި ލޫޅާފަތިކޮށް ތިބޭ އެންމެ ބޮޑު ހަގީގަތަކީ، ފަލަކޮށް ތިބޭ އަންހެނުންނަށް ބޮލީވުޑުން ފުރުޞަތު ނުދިނުމެވެ. މިހެން ކަން ހުރުމުން އަމިއްލަ މަސައްކަތުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްގެން އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްގެން ތިބި އަންހެން ސްޓާރުންނެއް މަދެއްނޫނެވެ.
ބޮލީވުޑުން އެންމެ ފާހަގަ ކޮށްލެވޭ ބަދަލެއް ހަށިގަނޑަށް ގެނައި ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ނެށުންތެރިޔާ ސޮނާކްޝީ ސިންހާ އެވެ. ބަރުދަން އިންތިހާއަށް އިތުރުވެގެން ދިޔަ ސޮނާކްޝީގެ ބަރުދަން ލުއި ކުރުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ސަލްމާން ޚާންގެ ފުށުންނެވެ. ސަލްމާން ޚާންގެ ދަބަންގް ގެ ތައްޔާރީ ވަމުން އައި ދުވަސް ކޮޅު ސޮނާކްޝީގެ ބަރުދަން 90 ކިލޯއިން 60 ކިލޯއަށް ލުއި ކުރިއެވެ. މިހާރު ސޮނާކްޝީއަކީ ހަށިގަނޑު ލޫޅާފަތި ބަރުދަނަށް ބޮޑު ލުއިކަމެއް ގެނެސްފައިވާ ރީތި ފިލްމީ ތަރިއެކެވެ.
މި ބޮޑު ބަދަލު ގެނައުމަށްޓަކައި ސޮނާކްޝީ ބޭނުންކުރި އުނދަގޫ ޑައިޓް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.
ސޮނާކްޝީ ކޮންމެ ދުވަހެއްވެސް ފަށަނީ ތާފަނާ ފެން ތައްޓަކާ މާމުއި އަދި ލުނބޯ ފަނި ތައްޓަކުންނެވެ. ހެނދުނުގެ ނާސްތާގެ ގޮތުގައި ހިމަނަނީ ލޯ ފެޓް މިލްކް، ސީރިއަލް އަދި ހޯލް ވީޓް ޓޯސްޓެވެ. އަދި މެންދުރުގެ ކެއުމަށް ގިނަ އަދަދަކަށް ތަރުކާރީ ބޭނުންކުރެއެވެ. ތަރުކާރީއަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން އާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. ކޮންމެ ކާ ގަޑިއެއްގެ ދެމެދު ގްރީން ޓީ އެއް ބޭނުންކުރެއެވެ. ރޭގަނޑު އިރު އޮއްސުމަށްފަހު ކާބޯ ހައިޑްރޭޓްސް ހިމެނޭ އެއްވެސް ބާވަތެއް ބޭނުން ނުކުރާ ސޮނާކްޝީ ރޭގަނޑުގެ ކެއުމަށް މުގު ނުވަތަ ކުކުޅު ބޭނުންކުރެއެވެ. އެ ތަކެއްޗަކީ ގިނަ އަދަދަކަށް ޕްރޮޓީން ހުންނަ ތަކެއްޗެވެ.
ސޮނާކްޝީގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ދުވާލަކު ދެފަހަރު ޖިމަށް ދެއެވެ. ޖިމްގައި ސޮނާކްޝީގެ ޓްރެއިނަރ ޔާސްމީން ކަރާޗީވާލާ، ހުރިހާ ހަރަކާތްތަކެއް ސޮނާކްޝީ ލައްވާ ކުރުވައެވެ. އޭގެ ތެރޭގައި ކާޑިއޯ އެކްސަސައިޒް، ވެއިޓް ލިފްޓިންގ އަދި ސްކިޕިންގ ހިމެނެއެވެ. ސޮނާކްޝީ ކޮންމެ އެކްސަސައިޒެއްވެސް މުނިފޫހިފިލުވުމެއްގެ ގޮތުގައި ފޯރިއާއެކު ކުރެއެވެ. ޖިމްގެ އިތުރުން ސޮނާކްޝީ އަކީ އެކި ގަޑިތަކުގައި ފަތަންވެސް ދާ ހިތްވަރު ގަދަ ސްޓާރެކެވެ.
ހަށިގަނޑުގެ މެޓަބޮލިޒަމް ކުޑަކުރުމަށްޓަކައި ކޮންމެ ދެ ގަޑިއެއް ނުވަތަ ތިން ގަޑިއަކުން ސޮނާކްޝީ ކައެވެ. މެޓަބޮލިޒަމް މަދު ކުރުމަކީ ބަރުދަން ލުއި ވުމަށް އެހީވެދޭ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑު އަބަދުވެސް ހައިޑްރޭޓްކޮށް ބެހެއްޓުމަށްޓަކައި ގިނަ އަދަދަކަށް ފެން ބޮއެވެ. ހަށިގަނޑު ލުއި ކުރުމަށް ނިންޖަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ދެކޭ ސޮނާކްޝީ ކޮންމެ ރެޔަކުވެސް އަށް ގަޑިއިރު ނިދައެވެ.
ސޮނާކްޝީގެ ހަށިގަނޑު ފަދައިން ތިބާގެ ހަށިގަނޑު ބައްޓަން ކުރަން ބޭނުންވާނަމަ، ދުވަހުގެ ޝެޑިއުލަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިއަދުން ފެށިގެންވެސް ބަދަލު ގެންނަން ފަށަންވީއެވެ. މާދަމާ ފަށަން މަޑުކުރާ އެއްވެސް ކަމެއް ނުފެށޭނެކަން ދަންނަންވާނެއެވެ. ސަބަބަކީ މާދަމާއަކީ އަންނާނެ ދުވަހެއް ނޫންކަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ