ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު ”ނޮވެމްބަރ“ގެ މަންޒަރުތަކެއް ނެގުމަށް ފިލްމުގައި ހިމެނޭ ބައެއް ތަރިންނާއި ކްރޫ މިއަދު ލ. އަތޮޅަށް ހިނގައްޖެއެވެ.

ލ. ކައްދޫ އެއާޕޯޓަށް ފިލްމު ކްރޫ ފޭބީ މިއަދު ހެނދުނު 09:55 ހާއިރުއެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމެއްގެ މަންޒަރުތަކެއް ލ. އަތޮޅުގައި ނަގާ ފުރަތަމަ ފަހަރެވެ.

ނޮވެމްބަރ“ގެ ޝޫޓިންއަށް ލާމުގައި ފިލްމުގެ ލީޑްތަރި ޖުމައްޔިލް އާއި މަޖޫގެ އިތުރުން އައިޝާ ހަރަކާތްތެރިވާއިރު ފިލްމުގެ ޕްރޮޑިއުސަރ މޮގާ، ޑައިރެކްޓަރ ޗިއްޕެ އާއި ސިނަމޮޓޮގްރާފަރ ޝިނާން ގެ އިތުރުން ފިލްމުގެ މޭކަޕް އަދި ކޮސްޓިއުމް ހަދާ ސޭންޑީ ހަރަކާތްތެރިވެއެވެ.

ލާމަށް އައި “ނޮވެމްބަރު”ގެ ކްރޫ، މާންދޫ ގައި – ފޮޓޯ: މުނިއަވަސް

ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސް މަސް ފެކްޓްރީ ތެރޭގައި ނަގަންޖެހޭ މަންޒަރުތަކެއް މިއަދު ނަގަން ފަށާނެެެއެވެ. ލ. ގަންފޮނަދޫ ސަރަހައްދުގައި މި ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވެއެވެ.

ނޮވެމްބަރ”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، އިތުރު އާ ތަރިންތަކެއް ފެނިގެންދާނެ ކަމަށް ޑާކްރެއިން އިން މަޢުލޫމާތުދެއެވެ.

މި ފިލްމުގެ ޝޫޓިން ނަގަން ފަށާފައިވަނީ މާލޭގައެވެ. އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ”ނޮވެމްބަރ“ ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. ”ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

2020 ގައި ސްކްރީންކުރުމަށް ހަމަޖެހިފައިވާ ”ނޮވެމްބަރ“ ނިންމުމުމަށް ގިނަދުވަސް ނަގާނެ ކަމަށާއި މިއީވެސް ބޮޑު ޕްރޮޖެކްޓެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މޮގާ ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.