ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދި ކާމިޔާބު ފިލްމު “މާމުއި” އިން ފިލްމާ ދާއިރާއާ ގުޅުނު ޢާއިޝަތު ޔާދާ ވެސް، މިހާރު ލ. އަތޮޅުގައި ޝޫޓްކުރަމުން އަންނަ ފިލްމު “ނޮވެމްބަރު”ގެ ޝޫޓިން އާ ގުޅުމަށް ލާމަށް ހިނގައްޖެ އެވެ.

ލ. ފޮނަދޫން ފެށިގެން ގަމާއި ހަމައަށް ގުޅިފައިވާ ރަށްތަކުގައި ފިލްމު “ނޮވެމްބަރ“ގެ ބައެއް މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު، އިއްޔެ އާއި މިއަދު ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްގައި ގިނަ މަންޒަރުތަކެއް ނަގާފައިވެއެވެ. މީގެ އިތުރުން އިއްޔެ ލ. ފޮނަދޫ ބަރާސިލް އަވަށުގައިވެސް ފިލްމުގެ ސީން އެއް ނަގާފައިވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މާދަމާ (25 އޮކްޓޫބަރު)ގައި ލ. ފޮނަދޫ، ކައްދޫ އަދި ގަމުގެ ސަރަޙައްދު ތަކުގައި ޝޫޓްކުރާނެ ކަމަށެވެ. އެގޮތުން މާދަމާ ނަގާ މަންޒަރުތަކުގައި ޔާދާ ހަރަކާތްތެރިވާނެ ކަމަށްވެސް މޮގާ ބުންޏެވެ.

“މާދަމާ ނަގާ ސީންތަކުގައި ޖުމަލް، ޔާދާ އަދި އައިޝާ (އައިޝަތު ޢަލީ) އުޅޭނެ.” އާއިޝަތު ފުއާދު އާއި މޮގާ ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ޝެޑިއުލް މުނިއަވަސް އާ ހިއްސާކުރަމުން މޮގާ ބުންޏެވެ.

ޔާދާ ލ. މާންދޫ ހޮރައިޒޮން ފިޝަރީޒް ގައި – ފޮޓޯ: ފިލްމު “ނޮވެމްބަރު” ޓީމު މެންބަރެއް

ނޮވެމްބަރު” އަކީ އައިޝަތު ފުވާދާއި އަހުމަދު ތޮލާލުގެ ސްކްރިޕްޓަކަށް ތައްޔާރުކުރާ ލޯބީގެ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި ޝިނާން އެވެ.

މި ފިލްމުގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވާނެ ކަމަށް ޑާކްރެއިން އިން ހާމަކޮށްފައިވާއިރު، މިހައިތަނަށް އައިއިރު، އޭގެ ތެރެއިން ބައެއް ތަރިންގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންދިޔަ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. މީގެ އިތުރުން ޚާއްސަ ރޯލަކުން އައިޝަތު ރިޝްމީ އާއި އިސްމާއިލް ވަޖީހު ފެންނާނެ އެވެ.

ލ. އަތޮޅުގައި ޝޫޓިން ކުރުމަށް ހަމަޖެހިފައިވާ ބައިތައް ނިންމާލުމަށްފަހު، ޝޫޓިން ކްރޫ މާލެ ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ނޮވެމްބަރ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.