‘ދަރުމައަށް މަސައްކަތް ކުރުމަކީ އެ މަސައްކަތެއް ކޮށްލުމުން ހިތަށް ފިސާރި ހިތްހަމަޖެހުމެއް ލިއްބައިދޭ ކަމެކެވެ. ބަޔާން ކުރަން ނޭނގޭ ލައްޒަތެއް، ރޫހަށް ލިއްބައިދޭ ކަމެކެވެ. އެފަދަ މަސައްކަތެއް ކޮށްލުމުން އެ ލިބޭ ހިތްގައިމު ހިތްހަމަޖެހުމަކީ އެކަން ތަޖުރިބާކޮށްލުމުން މެނުވީ ބަޔާންކުރަން އުނދަގޫ ހިތްހަމަޖެހުމެކެވެ. ޚާއްޞަ ގޮތެއް ބަޔަކަށް ހިތާމައެއް، މޮޅިވެރިކަމެއް ލިބިގެން އުޅޭ ހިނދެއްގައި ދަރުމައަށް މަސައްކަތް ކުރުމަކީ ލިބޭ ހިތްހަމަޖެހުމުގެ ފޮނިކަން ދެ ގުނައަށް އިތުރުވެގެންދާނެ ކަމެކެވެ.

‘ފިލިޕްސް’ އިޝްތިހާރެއް ޖަހާފައިހުރި ނޫކުލައިގެ ގަންޖުފަރާހެއް ލައިގެން ހުރި މީހެއް ސައިކަލެއްގައި އައިސް އެ މަޑުކޮށްލަނީ ރަށުގައި މީހަކު މަރުވެގެން އުޅޭ ގެއެއްގެ ކައިރިއަށެވެ. ސައިކަލުން ފައިބާ، އަތުގައި އޮތް ވަޅީގެ ތުނޑުގައި ޖަހާފައިހުރި ހުނިކޮޅު ދުލުކުރީގައި ޖައްސައިލާ ދުފުންގަނޑު ހެޔޮވަރުކޮށްލަމުންގޮސް މަޑުކޮށްލީ އެގޭ ދޮރާށި ކައިރީގައި މޮޅިވެރި ގޮތަކަށް ތިބި މީހުންގެ ކައިރިއަށެވެ. އިސާހިތަކުން އެތާ ތިބި އެއްމެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެމީހުންނާއި ކޮށްލި މަޖާ ސަމާސާ އަކުންނެވެ. މިއީ ހަމަ ކޮންމެ ވަގުތެއްގައިވެސް އޭނާގެ ކިބައިން ފެންނަ އެއްމެ ހިތްހަމަޖެހޭ އެއް ސިފައެވެ.’

މަތީގައި މި ހިއްސާކޮށްލީ އަޅުގަނޑު މިހާރު މަސައްކަތް ފަށާފައިވާ ޑޮކިއުމެންޓްރީ ފިލްމު ‘ދޮންމޫ – ދަރުމަވެރި ޖަމާޢަތްތެރިޔާ’ ގެ ސްކްރިޕްޓުން ތަންކޮޅެކެވެ. މި ޑޮކިއުމެންޓަރީ އަކީ ވަރަށް ކުރިން ފެށިގެންވެސް ހެދުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. ‘ޙަސަން – ސައުރަތިރީސް އަހަރުގެ ޚިދުމަތަށް ކަޅިއެއް‘ 50 މިނެޓްގެ ޑޮކިއުމެންޓަރީ ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު. ‘ދޮންމޫ – ދަރުމަވެރި ޖަމާޢަތްތެރިޔާ’ ހެދުމަށްޓަކައި ފޮނަދުއާއި ލ. އަތޮޅުގެ ގިނަބަޔަކު ދަންނަ އެސްޓީއޯ ދޮންމޫސާ އާއި ވާހަކަދައްކައިލުމަށް މަސައްކަތް ކުރީމެވެ. 

‘ދޮންމޫ – ދަރުމަވެރި ޖަމާޢަތްތެރިޔާ’ ޑޮކިއުމެންޓަރީ ފިލްމު ހެދުމަށް އެކަމުގެ އިޒުނައަކަށް ލ. ފޮނަދޫ ޗާންދަނީމާގޭ މޫސާ އަޙްމަދު (ދޮރުމަތީގޭ ދޮންމޫސާ) ކުރެން އަހާލުމުން ވަގުތުން އެއްބަސްވި އެވެ. އިންޓަރވިއުތައް ނަގަންވީމާ އަންގައިލުމަށް ބުންޏެވެ. މީހަކު މަރުވެގެން އުޅޭ ތަނެއްގައި، އެ ގެއެއްގެ މީހުންގެ އިޒްނަ ހޯދައިގެން ވީޑިއޯ ކުރުމަށް ފުރުޞަތު ދޭނެކަމަށްވެސް ބުންޏެވެ.

އަޅުގަނޑު މިފަދަ ޑޮކިއުމެންޓަރީ ހެދުމަށް ޝައުޤުވެރިވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެކި ގޮތްގޮތުން، އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ މަސައްކަތްތަކާއި، މަޢުލޫމާތުތައް ވީޑިއޯ ފިލްމެއްގެ ގޮތުގައި ރައްކާކޮށްފައި ބޭއްވުމެވެ. އަދި ރިކާޒް ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލް ހިއްސާކޮށް، ބެލުންތެރިންނަށް ގެނެސްދިނުމެވެ. އިރާދަކުރެއްވިއްޔާ މި ޑޮކިއުމެންޓަރީ ގެ ޝޫޓިންގ އަދި އިތުރު މަސައްކަތްތައް މިހާރު މިވަނީ ފެށިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.