ވީމީޑިއާ އޮރިޖިނަލްސްގެ ފުރަތަމަ ފީޗަރ ފިލްމުގެ ބޮޑު ކާމިޔާބީއަށްފަހު އެތަނުން އުފައްދާ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް” ގެ ފުރަތަމަ ދައްކައިލުން (ފަސްޓް ލުކް) އާއްމުކޮށްފިއެވެ. އަލަށް ދައްކައިލި މި މަންޒަރުތައް ބަލާފައި ބުނެވޭނީ ވަރަށް ފައްކާ ކަމަށެވެ.

ބެލުންތެރިންނާ ހަމައަށް ފުރަތަމަ އާއްމުކޮށްލި “ކޮސް ގިނަ މިސްޓޭކް“ގެ މަންޒަރުތަކުން ފެންނަނީ ފިލްމުގެ ތަރިން ހަރަކާތްތެރިވާ ލަވަ ތަކެކެވެ. ލަވަތަކުން ފިލްމުގެ އިތުރު ބައެއް މަންޒަރުތައްވެސް ފެނެއެވެ. އާއްމުކޮށްފައިވާ ޓީޒާއިން ބެލުންތެރިން ހައިރާންވާފަދަ މޮޅު އެކްޓިންއެއް ތަރިންގެ ފަރާތުން ފެނެއެވެ.

އާއްމުކޮށްފައިވާ ޓީޒާގައި ފިލްމުގެ މަންޒަރުތައް ދައްކާލާފައިވަނީ ފިލްމުގައި ހިމެނޭ ނިކަން ހިތްގައިމު ފަސް ލަވައިގެން ބައެއް މަންޒަރުތައް ވެސް ހިމަނައިގެންނެވެ.

ޓީޒާގެ އިތުރުން، ހާމިދު، ފުބޫ އަދި ނަވާލްގެ ބައެއް ސީންތަކުގެ މޭކިން ވީޑިއޯއެއްވެސް މިއަދު އާއްމުކޮށްފައިވެއެވެ. މި ވީޑިއޯއިންވެސް ހާމިދުގެ މޮޅު އެކްޓިން ފެނިގެންދެއެވެ.

އޯގަސްޓް މަހު 28ވަނަ ދުވަހު އދ. ފެންފުށީގައި ޝޫޓިން ފެށި “ކޮސް ގިނަ މިސްޓޭކް” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވާއިރު މުހިންމު 13 ތަރިން ފިލްމުން ފެނިގެންދާނެއެވެ. އެގޮތުން ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.

މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ކޮސް ގިނަ މިސްޓޭކް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.