ހަނދާންތަކަކީ ވެސް، ހާދަ ތަފާތު އެއްޗެކެވެ. މާޒީގެ ހަނދާންތައް، ސިކުނޑީގައި އާލާވާން ފެށުމުން، ތަފާތު އިހުސާސްތައް ކުރުވައެވެ. އެ ހަނދާންތައް އައިސް، އިންސާނާ ރޮއްވައިލައެވެ. ހެއްވައިލައެވެ. އުފާކުރުވައެވެ. އާދެ! އަޅުގަނޑުގެ ހަނދާނުގެ މަރުކަޒުގައި، ޓަކިޖަހަމުން މިދަނީ ވެސް، މި ދެންނެވިފަދަ، ހަނދާންތަކެކެވެ. ކަންމިހެން ހުރުމާއެކު، އަޅުގަނޑުގެ ހަނދާނުގެ ސަފުހާތައް އުކާލާނީ، މީގެ ވިއްސަކަށް އަހަރު ކުރިއަށެވެ.
އަޅުގަނޑުގެ ތުއްތު ދުވަސްވަރުގައި، އެ ބޭފުޅަކަށްޓަކައި، ޚާއްޞަ ޤަދަރަކާއި، އިޙުތިރާމެއްދެވިފައިވާ ބޭފުޅަކު ހުންނެވިއެވެ. އެ ހަރުދަނާ ބޭފުޅާ ފެންނަ ކޮންމެ ފަހަރަކު…
އާދެ! އަޅުގަނޑުގެ ހިތުގައި، އެ ބޭފުޅާގެ މައްޗަށް، އުފެދިފައިވާ “އަބުއި” ކަން އިތުރުވެއެވެ. އެ ސަކަ މިޒާޖުފުޅު ފެންނަ ކޮންމެ ފަހަރަކު… އާދެ! އަޅުގަނޑުގެ ހިތުގައި، އެ ބޭފުޅާއާއިމެދު އޮންނަ ޝައުޤުވެރިކަން އިތުރުވެގެންދެއެވެ.
އެ ބޭފުޅަކީތޯއެވެ. އާދޭހެވެ. އެއީ، ހދ.ނޮޅިވަރަންފަރު އަލްމަރުޙޫމު ކުޑަ މުޙައްމަދުގެ ފުތް، އަލްމަރުޙޫމު މޫސާ މަނިކުގެ ފުތް، އަލްމަރުޙޫމް އިދުރީސް މޫސާއެވެ. އޮނަވިހި ސަތޭކަ އަށުތިރީސްވަނަ އަހަރުގެ، މޭމަހުގެ ފަސްވަނަ ދުވަހު، ސައްދުންމަތީ (ހައްދުންމަތި) ކަޅައިދުއަށް އުފަންވެވަޑައިގަތް، އިދުރީސް މޫސާގެ މަންމައަށް ކިޔަނީ މަރްޔަމެވެ.
އާދެ! މީގެ ފަސްދޮޅަހަކަށް އަހަރު ކުރިއަށް، ނަޒަރު ހިންގައިލައިފިނަމަ، ކަޅައިދުއަކީ މާގިނަ ތަޢުލީމީ ބޭފުޅުން ތިއްބެވި ރަށެއްނޫންކަން އެނގެއެވެ. ސަބަބުތަކާއިހުރެ ވެސް މެއެވެ. އޭރަކީ ތަޢުލީމީ ފުރުޞަތުތައް، އެހާ ފަހިވެފައިވާ ދުވަސްވަރެއް ނޫނެވެ. މިހާރު މި ހުންނަ ފަދަ، މަދަރުސާތަކެއް ވެސް، އޭރު ނުހުރެއެވެ. އެހެންނަމަވެސް، އަލްމަރުޙޫމު އިދުރީސް މޫސާ، މާލެ ވަޑައިގެން، މަދަރުސަތުލް ސަނިއްޔާ (ފަހުން މަޖީދިއްޔާ ސުކޫލް) އިން، ތަޢުލީމު ހާސިލުކުރެއްވެވީ…… އާދެ! އެ ބޭފުޅާގެ ހިތްޕުޅުގައި، ކަޅައިދޫގެ މައްޗަށް އުފެދިފައިވާ ލޯބިފުޅުގެ ބޮޑުކަމުންކަމުގައި، އަޅުގަނޑަށް ދަންނަވަން ކެރިދާނެއެވެ. މިހެން ދެންނެވުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމުގައި، އަޅުގަނޑު ނުދެކެމެވެ. މިއީ އިޤްރާރުގެ ދޫތައް، އިންކާާރު ނުކުރާނެ ޙަޤީޤަތެކެވެ. އިންސާފުގެ ލޯތައް، ބޭއިންސާފުގެ ނަޒަރަކުން، ނުދެކޭނެ ކަމެކެވެ. ކަޅައިދޫގެ މާޒީގެތެރެއަށް، އިންސާފުގެ ދުރުމީއެއް އަޅުއްވައި ބައްލަވައިލައްވައިފި ބޭފުޅަކަށް، މި ކަމުގެ ބުރުހާނުތައް، ވަރަށް ސާފުކޮށް ފެނިލައްވާނެ ކަން ކަށަވަރެވެ.
އަލްމަރުޙޫމު އިދުރީސް މޫސާ ހާސިލުކުރެއްވި ސަނަދުތަކުގެތެރޭގައި، މުދިންކަމުގެ ސަނަދާއި، ކުޑަ ކަތީބުކަމުގެ ސަނަދާއި، ކަރަންޓީނުކުރުމުގެ ސަނަދު ހިމެނެއެވެ. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ މުދިންކަމެވެ. މުދިންކަމަށް އިސްކުރެވުނީ، ހިޖުރައިން ތޭރަ ސަތޭކަ ފަންސަހަތްތަރިވަނަ އަހަރުގެ، ރަބީޢުލްއައްވަލްމަހުގެ ތިންވަނަ ދުވަހުއެވެ. އެއަށްފަހު އަދާކުރެއްވީ، ކުޑަ ކަތީބުކަމުގެ ވަޒީފާއެވެ. މި ގޮތުގެ މަތިން، ކަޅައިދޫގެ ތަރައްޤީއަށް، ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވެވިއެވެ. މިހެން ގޮސް، ދެހާސް އަށްވަނަ އަހަރުގެ، މެއިމަހުގެ އެއްވަނަ ދުވަހާއި ހަމައަށް، ކަޅައިދޫ ކުޑަ ކަތީބުކަމުގެ މަޤާމު ފުރުއްވަމުން ގެންދެވިއެވެ.
އަލްމަރުޙޫމު އިދުރީސް މޫސާއަކީ، އާންމު ދިރިއުޅުއްވުމުގައި ވެސް، މަސައްކަތްތެރި ބޭފުޅެކެވެ. މި ގޮތުން ބަލާާއިރު، ކުރެއްވެވި މަސައްކަތްޕުޅުތަކުގެތެރޭގައި، ތެދުއުއި ވަޑާންކުރުމާއި، އެއްތެޔޮފުރުން ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އޭނާ އުޅުއްވައިފައިވަނީ ފުދުންތެރި ދިރިއުޅުއްވުމެކެވެ.
އަލްމަރުޙޫމު އިދުރީސް މޫސާ، ފާހަގަކޮށްލަންޖެހެނީ، ހަމައެކަނި ސަރުކާރަށް ޚިދުމަތްކުރެއްވުމަކުން ވެސް ނޫނެވެ. ހަމައެކަނި ވަޑިއެއްގެގޮތަކުން ވެސް ނޫނެވެ. އަދި ކިއެއްތަ! އޭނާއަކީ، ޒުވާނުން ކުޅޭ ކުޅިވަރުތަކަށް، ހިތްވަރުދެއްވި މަދަދުގާރެކެވެ. ޒުވާނުންގެ ކަންކަމުގައި، އެ ޒުވާނުންނަށް ލަފާދެއްވި ލަފާދާރެކެވެ. ރަށުގެ ޒުވާނުންނާއިގުޅޭ، ހިތްޕުޅުހެޔޮ ބޭފުޅެކެވެ. ޒުވާނުންނާއިއެކު، ވަގުތުތައް ހޭދަކުރެއްވެވި ހިތްޕުޅުތިރި ބޭފުޅެއްމެއެވެ. މި ގޮތުން ބަލާއިރު، ލިބިލައްވާ ހުސްވަގުތުތަކުގައި، ޒުވާނުންނާއިއެކު ރާޒުވާ ކުޅުއްވާ ހައްދަވައެވެ. ރާޒުވާ ކުޅުއްވުމުގައި ވެސް، އޭނާއަކީ ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުންތެރިއެކެވެ.
ތަޢުލީމީ ދާއިރާގެ އިސްވެރިއެއްގެގޮތުން، ނަވާވީހަކަށް އަހަރު ޚިދުމަތްކުރައްވައިފައިވާ، ސައްދުއްމަތީ (ހައްދުންމަތީ) މާވަށު، އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު، އަލްމަރުޙޫމު އިދުރީސް މޫސާއާއި ބެހޭގޮތުން ވިދާޅުވަނީ ކީކޭތޯއެވެ. “އަލްމަރުޙޫމް އިދުރީސް މޫސާއަކީ، އަޅުގަނޑުގެ ވަރަށްގާތް އަޚެއް. އޭނާއަކީ، ވަރަށް ޒަމާނީ ޚިޔާލުގެ، ހުނަރުވެރި، އުފެއްދުންތެރި، ފަންނުވެރި ޚިދުމަތްތެރިއެއް. މަސައްކަތްތެރި ބޭފުޅެއް. މީހުންނާއިގުޅޭ ސަމާސާވެރި ބޭފުޅެއް. ހިތްހެޔޮ، ދީލަތި، ސާދާ ބޭފުޅެއް.” އެއްވެސް ޝައްކެއްނެތެވެ. އިސްވެ މި ބަޔާންކުރި ބަސްފުޅުން ވެސް، ހާމަވަނީ އަލްމަރުޙޫމް އިދުރީސް މޫސާއަކީ، ޤާބިލު ޝަޚުޞިއްޔަތެއްކަމެވެ. އިންސާނިއްޔަތުކަން ހުންނެވި، މިތުރުވެރި ބޭފުޅެއްކަމެވެ.
އަލްމަރުޙޫމު އިދުރީސް މޫސާ ދެ ކައިވެނިފުޅެއް ކުރެއްވިއެވެ. ފުރަތަމަ އަނބިކަނބަލަކީ، ކައްދޫ ޢަބްދުއްރަޙްމާނުގެ ދި ޚަދީޖާ (ކަދީދަ) އާއި ޙުސައިންގެ ދަރި ހައްވާ ޒާހިރާއެވެ. ހައްވާ ޒާހިރާގެ ބަނޑުން، އަލްމަރުޙޫމު އިދުރީސް މޫސާއަށް އަންހެން ދަރިއަކު ލިބިވަޑައިގަތެވެ. ދެވަނަ އަނބިކަނބަލަކީ، ކަޅައިދޫ ޔޫސުފް (ބޮޑަ ޔޫސުބަ) އާއި ކަމަނާގެ ފުތް، ޢަލީ (އެކޮޅުބޭ، އެކޮޅު ދޮންބޭބެ)، ލ.ކަލައިދޫ ހައްވާމަނިކެ އާއި ކައިވެނިބައްލަވައިގެން ލިބުނު ފާޠިމަތު ޢަލީއެވެ. ފާޠިމަތުގެ ބަނޑުން، އަލްމަރުޙޫމު އިދުރީސް މޫސާއަށް ލިބިވަޑައިގަތީ ނުވަ ދަރިންނެވެ.
އަލްމަރުޙޫމު އިދުރީސް މޫސާ އަވަހާރަވީ، ދެހާސް ބާރަވަނަ އަހަރުގެ ޖުލައިމަހުގެ ދެވަނަ ދުވަހުއެވެ. އަވަހާރަވިއިރުގައި ޖުމްލަ ދިހަ ދަރިންނާއި، އެކާޅީސް ކާފަދަރިންނާއި، ބާވީސް މުނިކާފަ ދަރިން ތިއްބެވެ.
އަޅުގަނޑުގެ ލިޔުން ނިންމައިލުމުގެކުރިން، ތިޔަ އެންމެ ބޭފުޅުންނާއި، ވަރަށް މުހިއްމު ވާހަކައެއް ހިއްސާކޮށްލަން ބޭނުމެވެ. އަޅުގަނޑުގެ އެދުމަކީ، މި ވާހަކަ ހިއްސާކޮށްލައިގެން ވެސް، އަލްމަރުޙޫމު އިދުރީސް މޫސާއަށް ހެޔޮގޮތްތަށް މިންވަރުކުރެއްވުމެވެ.
އަލްމަރުޙޫމު އިދުރީސް މޫސާގެ، ޢުމުރުފުޅުގެ ފަހުކޮޅުގައި….. އާދެ! ހައްދުންމަތީ ގަމުގައި ހުންނަ، “މަސްޖިދުލް އިޚުލާޞް” ތެރެއިން، އޭނާއާއި ބައްދަލުވުމުގެ ނަސީބު، އަޅުގަނޑަށް ލިބުނެވެ. ނަމާދުކޮށް އަވަދިވެގެން، މިސްކިތުން ނިކުތުމަށް ހިނގައިގަތީމެވެ. އަޅުގަނޑަށް ފެނުނީ، އަލްމަރުޙޫމު އިދުރީސް މޫސާ، މިސްކިތުގެ ތަންކޮޅެއް ފަހަތުގައި، ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވިތަނެވެ. އިންނެވީ ޤުރުއާން ކިޔަވައިވިދާޅުވާށެވެ. އޭނާއާއި އަރައި ހަމަވުމުން، އަޅުގަނޑު ގާތުގައި ވިދާޅުވީ ކީކޭތޯއެވެ. އާދޭހެވެ. ވިދާޅުވީ “ޒުމަރު ސޫރަތް ހޯދައިދީބަލަ” މިހެންނެވެ. “ސޫރަތުއް ޒުމަރު” ހޯދައިދިނުމަށް ފަހު، އަޅުގަނޑު ހިނގައިގަތީ މިސްކިތުން ނިކުތުމަށެވެ. އޭނާގެ، މި ބަސްފުޅަކީ، އަޅުގަނޑުގެ ގާތުގައި، ވިދާޅުވި އެންމެ ފަހު ބަސްފުޅެވެ.
މިސްކިތުގެ ދޮރާއި އަރައި ހަމަ ވުމުން، ފަސްއެނބުރި އޭނާއާއި ދިމާއަށް ބަލައިލީމެވެ. ބަލައިލުމުން…. އާދެ! އަޅުގަނޑުގެ ހިތް، ސިއްރުސިއްރުން، އެ ކިޔާ އެއްޗަކީ… އަލްމަރުޙޫމު އިދުރީސް މޫސާއަކީ، “ޒާހިދެއްމެއެ ޢާބިދެއްމެއެ މުޚުލިޞެއްމެއެ ސާފު މާތް” (ބޮޑު ފެންވަޅުގޭ ސީދީ)
ޔާ ޙައްޔުލްޤައްޔޫމް! އަލްމަރުޙޫމު އިދުރީސް މޫސާގެ ފުރާނަފުޅަށް ރަޙުމަތްލައްވައި، ޖަންނަތުލް ފިރުދައުސް ދެއްވާފާނދޭވެ! އާމީން!
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި