ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބްސީރީޒް “ހުވާ”ގެ ދެވަނަ ސީޒަންގެ ޝޫޓިން މި ހަފުތާގެ އަންގާރަ ދުވަހު ފަށާނެކަމަށް މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) މިއަދު ބުނެފިއެވެ.
ބެލުންތެރިންގެ ފަރާތުން މިހައިތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވާ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ފުރަތަމަ ސީޒަން ނިމުމުން ބެލުންތެރިންނަށް ލިބުނު މާޔޫސްކަން ފިލައިގެންދިޔައީ އެ ސީރީޒްގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމުގެ އުފާވެރި ޚަބަރު ނަހޫ ދިން ހިސާބުންނެވެ. އެ އުފާވެރިކަން އިތުރުވެގެންދާނެ ޚަބަރެއް ނަހޫ މިއަދު މިވަނީ ދީފައެވެ.
ބައިސްކޯފާއި ނަހޫ ގުޅިގެން އުފެއްދި ވެބް ސީރީޒް ”ހުވާ“ގެ ފުރަތަމަ ސީޒަންގައި 82 އެޕިސޯޑު ގެނެސްދީފައިވެއެވެ.
ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލިއަޅުވައިލާގެން ހަދާފައިވާ “ހުވާ” އަކީ ފާތިމަތު ނަހުލާ ލިޔެ، ނަހޫ އާއި އެކްޓަރު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދިން ވެބް ސީރީޒެކެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން މި ސީރީޒްގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ކުރިއަރަމުން އަންނަ ފަންނާނުން ހިމެނެއެވެ.
ވެބް ސީރީޒް “ހުވާ” ގެ ދެވަނަ ސީޒަން ޝޫޓް ކުރުމަށް އެޕާޓްމަންޓެއް ހޯދަން މީގެ ތިން ދުވަސް ކުރިން ފޭސްބްކްގައި ނަހޫ ޖެހި ޕޯސްޓަށް ވަރަށް ބަޮޑު ތަރުހީބެއް ލިބުނުކަންވެސް ނަހޫ މިއަދު ކޮށްފައިވާ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
“ތިން ދުވަސް ކުރިން، ވެބް ސީރީޒް “ހުވާ” ގެ ދެވަނަ ސީޒަން ޝޫޓް ކުރުމަށް އެޕާޓްމަންޓެއް ހޯދަން އަހަރެން ޕޯސްޓެއް ޖެހިތާ 18 ގަޑިއިރު ތެރޭގައި 17 އެޕާޓްމެންޓް ލިބެން ހުރިކަން އަހަންނަށް (މީހުން) އެންގިކަމީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް. ވަކީން ޚާއްޞަކޮށް މާލޭގައި ޝޫޓްކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އެކަށޭނަ ލޮކޭޝަނެއް ހޯދުން. ވޭތުވެ ދިޔަ ތިން ދުވަހު އަހަރެން ދޮރުން ދޮރަށް ހިނގީ ތިޔަ އެންމެން ހުށައެޅި އެޕާޓްމެންޓްތައް ބެލުމަށް. މިކަމުން ދައްކައިދެނީ ތިޔަ ބެލުންތެރީން އަހަންނަށް ދެމުން އަންނަ ނިމުމެއް ނުވާ ސަޕޯޓާއި “ހުވާ”ގެ ދެވަނަ ސީޒަން ދުށުމަށް އެދިއެދި ތިބި މިންވަރު.” ނަހޫގެ ޕޯސްޓްގައި ބުނެފައިވެއެވެ.
“ތިޔަ އެންމެންގެ ސަޕޯޓާއި އެކުގައި އަންނަ އަންގާރަ ދުވަހު އަހަރުމެން “ހުވާ”ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށާނަމު.” ނަހޫގެ ޕޯސްޓް ނިންމައިލީ އެންމެންނަށް ޝުކުރު އަދާކުރަމުންނެވެ.
“ހުވާ”ގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށުމުގެ އުފާވެރި ޚަބަރު ނަހޫ ދީފައިވާއިރު، ސީޒަން އެކެއްގައި އެންމެ ގިނަ ބައެއްގެ ހަމްދަރުދީ ލިބިގެންދިޔަ ކެރެކްޓާ ކުޅެފައިވާ މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ “ހުވާ” ސީޒަން ދޭއްގެ ސްކްރިޕްޓް ކިޔާ ނިމުނު އިރު އަނގައިން ބަސް ހުސްވާވަރަށް ކޮސްވެ އަންތަރީސް ވެއްޖެ ކަމަަށެވެ.
“ސްކްރިޕްޓަކީ މި ދުނިޔޭން ބޭރުގެ ކަމެއް، ކާކު ހީކުރާނީ އޭތި (ހުވާ ސީޒަން1) މިހެން އަނބުރާލެކަމަށް…. ޓްވިސްޓްތައް… ސަންޕެންސްތައް… ހަމަ އަސްލުވެސް ޤަބޫލުކުރަންވެސް ދަތި… އިރާދަކުރެއްވިއްޔާ “ހުވާ” ސީޒަން ދޭއް ވަރަށް ކާމިޔާބުވާނެ… އެތަކެއް ބައިވަރު ސަޕްރައިޒްތަކެއް… ޝޫޓިން ފެށުމަށް އަހަރެން މިހުރީ ކެތްމަދުވެފަ…ވަރަށް ބޮޑަށް ހިތްއަވަސް ވެފަ… ހަމަ ހުވާ މި ފައްކާ ސްކްރިޕްޓް ފެނިފަ އަހަރެން މިހުރީ ހައިރާންވެ އަންތަރީސްވެފަ… އެތަކެއް މަސާލާތަކެއް!!… ޔަޤީނުންވެސް މީތި ވެގެންދާނީ ނަހޫ އުފައްދާ އަނެއް މާސްޓަރޕީސް އަށް…ވަރަށް ފަޚުރުވެރިވަން ނަހޫއާމެދު… މި ބޮޑު ޕްރޮޖެކްޓްގެ ހިއްސާއަކަށް ވެވޭތީ ވަރަށް އުފާކުރަން.” ވެބް ސީރީޒް “ހުވާ” ގެ ދެވަނަ ބައިގެ ސްކްރިޕްޓް ކިޔުމަށްފަހު އައްޒަގެ ފޮނިފޮނި ތަޢުރީފުގެ މެސެޖްގައި ވެއެވެ.
ހަމަ ގައިމުވެސް އައްޒަ ނޫނަސް، ބެލުންތެރިން ވެސް މިހާރު ތިބީ ކެތްމަދުވެފައެވެ. ބެލުންތެރިންގެ ކެތްތެރިކަން ދެ ގުނައަށް ކޮޅުންލައިގެން ދިޔައީ ނަހޫ އާއި އައްޒަ ދީފައިވާ އުފާވެރި ޚަބަރުންނެވެ. ބެލުންތެރިން ތިބީ އިންތިޒާރުގައެވެ. ނަމަވެސް ބެލުންތެރިންނާ ހަމަޔަށް “ހުވާ”ގެ ސީޒަން ދޭއް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅުކަމަށް ނަހުލާ ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ގެ ޓިކެޓް ވިއްކަން ފަށައިފި
- 8 ނޮވެމްބަރ 2024ޚަބަރުހިލްމީގެ “ލަމްހާ” ގެ ނަން އާއްމުކޮށްފި
- 6 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޓްރެއިލާއިން އެހެން ޝަރަފެއް
- 1 ނޮވެމްބަރ 2024ޚަބަރުނޫމާއަށް އެކްޓްކުރަން އެންމެ ފަސޭހައީ ކާކާ އެކުގައިބާ؟