ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއްދުވަހަކީ ޤައުމީ ދުވަހެވެ. އެ ދުވަހަކީ، ޤައުމަށްޓަކައި، އަދި ވަޠަނުގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްވަރުގަދަ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރުމުގެ ދުވަހެވެ. ޤައުމަށް ނަޞްރާއި ފަތަޙަ ލިބިގެންދިޔަ ހާދިސާތަކުގެ ޒިކުރާ އާކުރުމުގެ ދުވަހެވެ.
ޤައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ ބޮޑުތަކުރުފާނު އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ޤައުމު، ބޭރު ބައެއްގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވުމަށް ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކުރަމުން، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކޮށްފައިވަނީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ 4 ފެބްރުއަރީ 1946ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކޮށްފައެއް ނުވެއެވެ. 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ.
އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އުތީމު ކަޅުއަލި ޚަތީބު ތަކުރުފާނުގެ ހުސައިން ޚަތީބު ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.
ތާރީޚީ ގޮތުން ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. ޤައުމީ ދުވަހުގެ ނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1ވަނަ ދުވަހަކީ ‘ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން’ މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް ދިޔައެވެ.
އެހެންނަމަވެސް ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނަ އަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރަމުން އައީ “ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހުގެ’ ގޮތުގައެވެ.
މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޡަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައި ވަނީ ކުރީގެ ޤައުމީ ދުވަސް 1 ރަބީޢުލްއައްވަލް އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ 26 ޖުލައި މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އެހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.
މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ “މިނިވަން ޤައުމީ ދުވަސް” ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. އެހެންކަމުން އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ.
ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރު. އެ އަހަރު އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ.
އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަސްކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖިލިސްގެ ނަން އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މިގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު 1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ”ދިވެހިރާއްޖޭގެ ޤައުމީ ދުވަސް” ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.
އެދުވަހަކީ ރަބީޢުލްއައްވަލް 1ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ. ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މިދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުވެސް ފުޅާވެ ފުރިހަމަ ވެގެން ދިޔައެވެ.
1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އޮފީހަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އެއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުންދިޔައެވެ.
2008 ވަނަ އަހަރު އޮގަސްޓް 7 ގައި އަމަލުކުރަން ފެށި އާގާނޫނު އަސާސީގައިވެސް ހަމައެކަނި ކަނޑައެޅި ބަޔާންވެގެންވާ ދުވަހަކީ ޤައުމީދުވަހެވެ.
މުނިއަވަސް ގެ ކިޔުންތެރިންނަށް ޤައުމީދުވަހުގެ ތަހްނިޔާ ދަންނަވަމަވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!