ރާއްޖޭގައި އަލަށް އުފެއްދި ވެބްސީރީޒް “ހުވާ”ގެ ފުރަތަ ސީޒަނަށް ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއަދު އެ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފިއެވެ. “ހުވާ-02″ގެ ޝޫޓިން ކުރިއަށްދާއިރު، ޝޫޓިން ސެޓުން މުނިއަވަސްގެ ކިޔުންތެރިންނާ ހަމައަށް މަންޒަރާއި ބައެއް މަޢުލޫމާތުތައް ހިއްސާކޮށްލާނަމެވެ

ތަނަވަސް ދިރިއުޅުމެއް ހޭދަކުރަމުންދިޔަ މާލޭގެ އާއިލާއަކަށް ދިމާވާ ކަންތައްތަކެއް މައިގަނޑު ގޮތެއްގައި ގެނެސްދިން ނަމަވެސް، މުޖުތަމަޢުގައި ހުރި، ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް “ހުވާ”ގައި ގެނެސްދީ ބެލުންތެރިން ހެއްވަމުން، ރޮއްވަމުން އިބްރަތްތެރި މެސެޖްތަކެއް ދީފައިވެއެވެ. ސީރީޒްގެ ފުރަތަމަ ސީޒަންގައި82 އެޕިސޯޑް ދެއްކިއިރު، ބެލުންތެރިންގެ ހިތުގެ އެންމެ ހިމަނާރާ ކުޅެލައި، ޖަޒުބާތުގެ އޮއިވަރެއްގައި ޖެއްސި “ހުވާ”ގެ ދެވަނަ ސީޒަން އަންނާނެ ވަގުތަކަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.

“ހުވާ-02″ގެ ސެޓުގައި ޝައުނާގެ ޢާއިލާ – ފޮޓޯ: ހުވާ ޓީމް މެންބަރެއް

“ހުވާ-02″ގެ ސެޓްގައި އިނދެ، ސީރީޒްގެ ޕްރޮޑިއުސަރ އަދި އެއް ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) މިއަދު މުނިއަވަސް ބުނީ “ހުވާ-02” ގެ ފުރަތަމަ ބައެއް އެޕިސޯޑްތައް ޑައިރެކްޓްކުރާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) ކަމަށެވެ.

“ހުވާ”ގެ ފުރަތަމަ ސީޒަން އެކޭ އެއްގޮތަށް ދެވަނަ ސީޒަން ވެސް ލިޔުނީ ހުނަރުވެރި ލިޔުންތެރިޔާ ނަހޫއެވެ. މިއަދު ފަށާފައިވާ ޝޫޓިން ކުރިއަށްދާއިރު ސެޓްގައި ނަހޫ ވެސް އިންތަން ފެނިފައިވެއެވެ. އެހެންކަމުން ހަމަ ގައިމުވެސް ޔޫއްޕެގެ މޮޅު ޑައިރެކްޝަން އިތުރަށް ފުރިހަމަވެގެންދާނެކަން ޔަޤީންކުރެވެވެ.

“ހުވާ-02″ގެ ސެޓުގައި ޑައިރެެކްޓަރ ޔޫއްޕެ – ފޮޓޯ: ނަހޫ

“މިދިޔަ ސީޒަންގަވެސް ފައިސަލް އާއެކު ޑައިރެކްޝަންގަ ޔޫއްޕެ ވަނީ މަސައްކަތްތަކެއް ކޮށްފަ.” ސެޓްގައި އިނދެގެން މުނިއަވަސް އަށް ނަހޫ ބުންޏެވެ.

މިއަދު ޝޫޓިން ފަށާފައިވާ “ހުވާ-02″ގެ ސްކްރިޕްޓް ކިޔައި ނިމިގެން އެ ސީރީޒްގައި ހަރަކާތްތެރިވާ މަރިޔަމް ޢައްޒަ ކޮށްފައިވާ ތަޢުރީފުން، ސީރީޒް ބެލުމުގެ ޝައުޤުވެރިކަން ދެގުނައަށް އިތުކޮށްފިކަމަށް ގިނަބަޔަކު ބުނެއެވެ. ހަމަ އެހެންމެ ސީރީޒްގައި އެންމެ ދަތިހާލުގައި، ހިތާމައިގައި އުޅޭ ‘ޝައުނާ’ގެ ކެރެކްޓާ ދެއްކި އާއިޝަތު ރިޝްފާ އޭނާގެ ފޭސްބްކްގައި ޖަހާފައިވާ ސްޓޭޓަސް އަކަށް ނަހޫ ދިން ރައްދު ޖަވާބުންވެސް ސީރީޒް ރިލީޒްކުރާނެ ވަގުތަކަށް ކުރެވޭ އިންތިޒާރު އިތުރުކޮށްފިއެވެ.

ރިޝްފާގެ ސްޓޭޓަސް އަށް ނަހޫ ބުނީ ހިތްވަރުކުރެވޭތޯ ބެލުމަށާއި ޗެލެންޖް އެކްސެޕްޓްކޮށްފި ކަމަށެވެ.

ނިމުމަކާ ކައިރިވަންދެން އަހަރެން، ތިބާ (ރިޝްފާ ނުވަތަ ޝައުނާ) ރޮއްވާނަން! ކަންބޮޑު ނުވޭ، ތިބާ ހުންނާނީ އެކަންޏެއް ނޫން، އޯޑިއަންސް ވެސް ތިބާގެ ހިތާމައާއި ތަދު ހިއްސާކުރާނެ.” ނަހޫ ބުނެފައިވެއެވެ.

“ހުވާ-02″ގެ ސެޓުގައި ނަހޫ އާއި ރިޝްފާ – ފޮޓޯ: ނަހޫ

މިއަދު ކުރިއަށްދާ ޝޫޓިން ސެޓުން ރިޝްފާ އާއި ނަހޫ ނަގާފައިވާ ސެލްފީއެއް، މުނިއަވަސް އާ ހިއްސާކުރަމުން ނަހޫ ބުނީ “މީ ރޮށްވަން ފެއްޓީ” ކަމަށެވެ.

“ހުވާ-02” އަންނާނެ ދުވަހަކަށް ކަލަންޑަރުން ދުވަސްތައް ކަނޑަމުންދަނީ ސީރީޒް ދައްކަން ފަށާނެ ސީދާ ތާރީޚެއްވެސް ނޭނގޭ ހާލުގައެވެ. “ހުވާ” އާއި ނަހޫގެ ފޭނުން ތިބީ އެހާވެސް ބޮޑަށް ކެތްމަދުވެ، އިންތިޒާރުގެ ވަގުތައް ގުނާށެވެ.

ރާއްޖޭގެ ނަން ހިނގާ ގިނަ ތަރިންތަކަކާއި ކުރިއަރަމުން އަންނަ ތަރިންތަކެއް ހިމަނައިގެން ބައިސްކޯފުން ޕްރޮޑިއުސްކޮށްފައިވާ ”ހުވާ“ އަކީ ނަހުލާގެ ސްޓައިލްގައި ގެނެސްދެމުން އަންނަ އަސަރުގަދަ ސީރީޒްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.