އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ރައުންޑް އޮފް 16 ގައި ރޭ މެޗުތަކެއް ކުޅެ 5 ޓީމު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ސައުތަމްޓަން އާ ބައްދަލުކޮށް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުން ވެސް އާންމުކޮށް ފުރަތަަމަ 11 ގައި ނުހިމެނޭ ގިނަ ކުޅުންތެރިންނަށް ފުރުޞަތު ދީގެން ކުޅުނު މި މެޗުގައި ބާނާޑޯ ސިލްވާ ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހާ ގޯލަށް ވައްދާލައިގެން 20ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އާޖެންޓީނާ ގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ.
ގިނަ ހަމަލާތަކެއް އުފައްދާ ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ ސިޓީ އިން އެ ޓީމުގެ 2ވަނަ ގޯލް 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކައިލް ވޯކާ ނަގައިދިން ހުރަހަކުން އެ ޓީމުގެ ހުނަރުވެރި ފޯވާޑް އާޖެންޓީނާ ގެ ސާޖިއޯ އަގުއޭރޯ އެވެ. މިއީ އަގުއޭރޯ މެންޗެސްޓަރ ސިޓީ އަށް ކުޅުނު 350 ވަނަ މެޗެވެ. 56 ވަނަ މިނެޓުގައި އެޓީމުގެ އަލްޖީރިޔާގެ ހުނަރުވެރި މިޑްފީލްޑަރު ރިޔާދު މާރޭޒް ފޮނުވާލި ހަމަލާ ސައުތަމްޓަންގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި އައި ވަގުތު ގޯލަށް ވައްދާލައިގެން ސިޓީ ގެ 3ވަނަ ގޯލް ކާމިޔާބުކުރީ 2ވަނަ ގޯލް ވެސް ކާމިޔާބުކޮށްދިން އަގުއޭރޯ އެވެ. ސައުތަމްޓަން ގެ ހަމަ އެކަނި ގޯލް މެޗުގެ 75ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖެކް ސްޓީވެންސް އެވެ.
ލެސްޓާ ސިޓީ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކުރީ އިނގިރޭސި 3ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބާޓަން އަލްބިއޮން ގެ މައްޗަށް 3-1 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ލެސްޓާ ސިޓީ ގޯލްތައް ޖަހާފައިވަނީ ކެލެޗީ އިހެނާޗޯ، ޔޫރީ ޓިލެމަންސް އަދި ޖޭމްސް މެޑިސަން އެވެ. ބާޓަން އަލްބިއޮން ގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ ލިއަމް ބޮއިސް އެވެ.
އެވަޓަން އަދި ވެޓްފޯޑް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެވަޓަން އެވެ. އެޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ މޭސަން ހޮލްގޭޓް އަދި ރިޗާލިސަން އެވެ.
އިނގިރޭސި 4ވަނަ ޑިވިޝަނުގެ ދެ ކުލަބު ކަމަށްވާ ކްރޯލީ ޓައުން އަދި ކޮލްޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލްޗެސްޓާ ޔުނައިޓެޑް އެވެ. އެ ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ލޫކް ނޮރިސް އަދި ލޫކް ގޭމްބިން އެވެ. އަނެއް ގޯލަކީ ކްރޯލީ ޓައުން ގެ ލުޔަމްބޫލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކްރޯލީ ޓައުން ގެ ހަމައެކަނި ގޯލް ޖެހީ ޑެނީ ބުލްމަން އެވެ.
ސަންޑަލޭންޑް އަދި އޮކްސްފޯރޑް ޔުނައިޓެޑް ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ސަންޑަލޭންޑްގެ ގޯލް ޖެހީ މާކް މެކްނަލްޓީ އެވެ. އޮކްސްފޯރޑް ޔުނައިޓެޑް ގޯލް ޖަހައިދިނީ ރޮބަޓް ހޯލް އެވެ. ޕެނަލްޓީ ގައި 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެން މެޗް ކާމިޔާބުކުރީ އޮކްސްފޯރޑް ޔުނައިޓެޑް އެވެ.
ކަރަބާއޯ ކަޕްގައި މިރޭ ވެސް ތިން މެޗެއް ކުޅޭނެއެވެ. އިނގިރޭސި ގަދަބާރުތައް ކަމަށްވާ ލިވަޕޫލް އަދި އާސެނަލްގެ ކުރިމަތިލުމާއި، ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑް ގެ ކުރިމަތިލުން ވެސް މިރޭ އޮންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި