ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން، ފިލްމު “ރާދޭ”ގައި މަސައްކަތްކުރާނެކަން ރަސްމީކޮށް އިޢުލާނުކޮށްފައިވާއިރު، ނޮވެމްބަރު ހަތަރެއްގައި ފިލްމުގެ ޝޫޓިން ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ތިން ދަހަރަށް ވުރެން ގިނަދުވަސް ވާންދެން ބޮލީވުޑްގެ ފިލްމީ އުދަރެހުގެ މެދުއުޑުގައި ފިޔަޖަހަމުން އަންނަ ހަށިހެޔޮ އެކްޓަރު ސަލްމާން ޚާން އަށް ނިސްބަތްވާ ވަރުގަދަ ބްލޮކްބަސްޓާ ފިލްމުތަކެއް އެހަބުއްޓެވެ. އެހެންކަމުން، ސަލްމާންގެ އައު ޕްރޮޖެކްޓެއް ފެށެން އުޅޭކަމުގެ ޚަބަރު އާއްމުވާ ކޮންމެ ފަހަރަކީ އެކަން ރަސްމީކޮށް އިޢުލާނު ކުރުމުގެ ކުރިން މީޑިއާތަކުގެ ފަލަ ސުޚީން ޖާގަހޯދާ ކަމެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން ވަނީ އޭނާ “ރާދޭ” ގައި މަސައްކަތްކުރާނެކަން ރަސްމީކޮށް ހިއްސާކޮށްފައެވެ. ކޮންމެއަކަސް ސަލްމާން މިހާރު ހުރީ “ރާދޭ”ގެ ޝޫޓިން އަށް ތައްޔާރުވެގެންނެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން “ރާދޭ”ގެ މަންޒަރުތައް ސަލްމާން ނަގަން ފަށާނީ މުމްބާއީގެ މަޤްބޫލު ފިލްމު ސްޓޫޑިއޯއެއްގައެވެ. ފިލްމުގެ ޝޫޓިން ޝެޑިއުލް މަހަކަށް ދެމިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ޝޫޓިންއަށް ފަހު، ދެން ސަލްމާން މަސައްކަތް ފަށާނީ ރިލީޒްވުމުގެ މަގުމަތީގައިި އޮތް އޭނާގެ ފިލްމު “ދަބަންގް 3” ޕްރޮމޯޓްކުރުމަށެވެ.

“ދަބަންގް 3” ޕްރޮމޯޓްކޮށް ނިންމުމަށްފަހު، “ރާދޭ”ގެ ލަވައެއް ޝޫޓްކުރުމަށްޓަކައި ބިދޭސީީ ޤައުމަކަށް ސަލްމާން ދާނެއެވެ. “ދަބަންގް 3” ސިނަމާތަކުގައި އަޅުވާނީ މި އަހަރު ޑިސެމްބަރު 20ގައެވެ.

“ރާދޭ” އަކީ ސޮހައިލް ޚާން ޕްރޮޑިއުސްކޮށް އުފައްދާ ފިލްމެކެވެ. މިއީ ސަލްމާން އާއި ހުނަރުވެރި ނެށުންތެރިޔާ އަދި ޑައިރެކްޓަރ ޕްރަބޫދޭވާ އެކުގައި ކުރާ ތިންވަނަ މަސައްކަތަށް ވާނެއެވެ. 2009 ގައި ނުކުތް ސަލްމާންގެ “ވޯންޓެޑް” އާއި ކުރިއަށް އޮތް ފިލްމު “ދަބަންގް 3” އެއީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ދެ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.