​އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ގައި ރޭ ކުޅުނު އިނގިރޭސި ގަދަ ބާރުތަކުގެ ކުރިމަތިލުން ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. 

ލިވަޕޫލް އަދި އާސެނަލް ވާދަކުރި ފޯރިގަދަ މެޗް 5-5 އިން އެއްވަރުވެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އާސެނަލް ޓީމުގައި އެ ޓީމުގެ ފުރަތަަމަ 11އިގެ ބައެއް ކުޅުންތެރިންނަށް ފުރުޞަތު ދިންނަމަވެސް ލިވަޕޫލް ކުޅުނީ އެޓީމުގެ ރިޒާވް ކުޅުންތެރިންނަށް ފުރުޞަތު ދީގެންނެވެ. 

މެޗުގެ 6ވަނަ މިނެޓުގައި ލިވަޕޫލްގެ ޗެމްބަލިން އޭރިޔާ ތެރެއަށް ނެގި ހުރަސް ސާފުކޮށްލަން އުޅުމުގެ ތެރޭގައި އާސެނަލްގެ ޑިފެންޑަރު މުސްތާފީ އަތުން ބައިކޮޅަށް ވަދެ ލިވަޕޫލް އަށް ކުރި ލިބުނެވެ. 19ވަނަ މިނެޓުގައި އާސެނަލްގެ ސަކާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު މަތަކުރަން އުޅުމުގެ ތެރޭގައި ލިބުނު ފުރުޞަތުގެ ބޭނުން ހިފާ ލޫކަސް ޓޮރޭރާ ވަނީ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ އިރުކޮޅެއް ފަހުން 26ވަނަ މިނެޓުގައި ޔޫރަޕާ ލީގުގައި ވެސް މޮޅުކުޅުމެއް ދައްކަމުން އަންނަ އާސެނަލްގެ ޒުވާން ހުނަރުވެރި ފޯވާޑް ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ 2ވަނަ ގޯލްޖަހާ ކުރި ހޯދައިދީފައެވެ. އޭގެ 10 މިނެޓް ފަހުން އާސެނަލްގެ ސަކާ، އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާސެނަލްގެ 3ވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ މާޓިނެއްލީ އެވެ. ލިވަޕޫލްގެ ހާވީ އެލިއޮޓަށް އާސެނަލްގެ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 43ވަނަ މިނެޓުގައި ލިވަޕޫލްގެ 2ވަނަ ގޯލް ޖަހައިދިނީ ކެޕްޓަން ޖޭމްސް މިލްނާ އެވެ. ފުރަތަަމަ ހާފް ނިމުނީ 3-2 ނަތީޖާ އަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފުގައި ދެ ޓީމު ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. 54ވަނަ މިނެޓުގައި އާސެނަލްގެ މެއިޓްލޭންޑް ނައިލްސް ލިވަޕޫލްގެ ކީޕަރު ކައިރިން ނައްޓާލާފައި ދިޔުމުގެ ތެރޭގައި ބޯޅަ ކޮންޓްރޯލް ނުކުރެވި ބޭރަށް ދަނިކޮށް އޮޒިލް އެ ބޯޅަ ކޮންޓްރޯލްކޮށް، އަލުން މެއިޓްލޭންޑް ނައިލްސް އަށް ދިނުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާސެނަލްގެ 4ވަނަ ގޯލް ކާމިޔާބުކުރިއެވެ. އާސެނަލް އިން މި ގޯލް ކާމިޔާބުކުރިތަން މާ ގިނައިރުތަކެއްނުވެ 58ވަނަ މިނެޓުގައި އެޑަމް ލައްލާނާ ދިން ޕާހަކުން ގޯލެއް ޖަހާ ޗެމްބަލިން ވަނީ ނަތީޖާ 4-3 އަށް ހަދާފައެވެ. ލިވަޕޫލް އަށް ފުރަތަަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 62ވަނަ މިނެޓުގައި ކާޓިސް ޖޯންސް ދިން ޕާހަކުން ޑިވޮކް އޮރިގީ އެވެ. މެޗުގެ 70ވަނަ މިނެޓުގައި ވިލްލޮކް ވަނީ ގޯލެއް ޖަހާ އާސެނަލް އަށް އަނެއްކާވެސް ކުރި ހޯދަދީފައެވެ. ލިވަޕޫލް ސަލާމަތް ކޮށްދިން ގޯލް މެޗުގެ 90ވަނަ މިނެޓުގައި ޖަހާދިނީ 4ވަނަ ގޯލް ވެސް ޖެހި އޮރިގީއެވެ. 

ލިވަޕޫލް މޮޅުވީ ޕެނަލްޓީ ގައި 5-4 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ޕެނަލްޓީ ތައް ކާމިޔާބުކުރީ މިލްނާ، ލައްލާނާ، ބުރޫސްޓާ، އޮރިގީ އަދި ކާޓިސް ޖޯންސް އެވެ. 

އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބެލެރިން، ގެންޑޫޒީ، މާޓިނެއްލީ، މެއިޓްލޭންޑް ނައިލްސް އެވެ. ޑެނީ ސެބާޔޮސްގެ ޕެނަލްޓީ ވަނީ ލިވަޕޫލްގެ ކީޕަރު ދިފާއުކޮށްފައެވެ. 

ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑް އެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 25ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރި ހޯދައިދިނީ ރަޝްފޯޑް އެވެ. ދެވަނަ ހާފުގައި 64މިނެޓުގައި ޗެލްސީގެ ބަޓްޝުޔާއީ ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފއެވެ. މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ގޯލް މެޗުގެ 73ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފުރަތަަމަ ގޯލް ޖަހައިދިން ރަޝްފޯޑް އެވެ. 

އެސްޓަންވިލާ އަދި ވޮލްވަހޭމްޓަން ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަންވިލާ އެވެ. އެސްޓަންވިލާގެ ގޯލްތައް ޖަހާފައިވަނީ އަންވަރު އަލް ގާޒީ އަދި އަހުމަދު އަލް މުހަމަދީ އެވެ. ވޮލްވަހޭމްޓަން ގެ ގޯލް ޖަހައިދިނީ ޕެޓްރިކް ކަޓްރޯން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.