‘އައު ދޯނި’ ނުވަތަ ‘އާ ދޯނި’ މިހެން ބުނުމުން ހަމަ ގައިމުވެސް ހިތަށް އަރާނީ ދޯންޏެއްގެ މަތިންނެވެ. އާ ދޯންޏެއްގެ މަތިންނެވެ. އެކަމަކު އެއީ ކޮން އާދޯންޏެއް ހެއްޔެވެ؟ ކާކުގެ އާދޯންޏެއް ހެއްޔެވެ؟ ކިތައް ރިޔަނުގެ އާދޯންޏެއް ހެއްޔެވެ؟

ދައްކަން މިއުޅެނީ ‘އާ ދޯންޏެއްގެ’ ވާހަކަ އެވެ. ނަމަވެސް މިއީކީ ކަނޑުގައި ދުއްވާ ދޯންޏެއް ނޫނެވެ. ތިޔަ ހީކުރެވުނު ގޮތަށް އެއްގަމުގައި ނުވަތަ ފަޒާގައި ދުއްވާ އާ ދޯންޏެއްވެސް ނޫނެވެ. މި ދައްކަނީ ވިޔަފާރިއެއް ކުރާ ތަނެއްގެ ވާހަކަ އެވެ. ފެހުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެއްގެ ވާހަކަ އެވެ. ނަމަކީ ‘އާ ދޯނި’ އެވެ. ތަނަކީ ‘އަނަންޓާރާ’ ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޓެއިލަރ ޝޮޕެކެވެ. އެކަށީގެންވާ ހެޔޮ އަގެއްގައި ހުރިހައި ބާވަތެއްގެ ހެދުން ފަހައިދޭ ތަނެކެވެ.

އާ ދޯނި‘ ޓެއިލަރ ޝޮޕް އަޅުގަނޑުގެ ރާޑަރަށް އަރާގޮތްވީ އެ ފިހާރައިގެ ފޭސްބްކް ޕޭޖް ގައި ކޮށްފައި ހުރި ޕޯސްޓްތަކެއް ފެނިގެންނެވެ. އާދަޔާޚިލާފް ރީތި ޑިޒައިންތަކަކަށް ފަހާފައިހުރި ހެދުންތަކެއް ލައިގެން ތިބި މީހުންތަކެއް ފެނިގެންވެ. ބުރުގާ އަޅައިއުޅޭ އަންހެންވެރިންނަށް ވަރަށް ކަމުދާނޭ އާ ޑިޒައިންތަކުގެ ހެދުމާއި ބުރުގާ ޑިޒައިން އެވެ. ފިރިހެނުންގެ ކުރުތާ ހެދުމެވެ. ޖޯޑް ޖޯޑަށް ގުޅޭގޮތަށެވެ. ޢާއިލާ އެއްމެން ޕާޓީއަކަށް ނުވަތަ ޢީދަށް ނަލަހެދި ޒީނަތްތެރިވުމަށް ވަރަށް އެކަށީގެންވާ ފަރިފަރި ޑިޒައިންތަކުންނެވެ.

ތަފާތު ނަމަކަށްވެފައި ތަފާތު ޑިޒައިންތަކެއް ފެންނަން ހުރުމުން ‘އާ ދޯނި‘ ޓެއިލަރ ޝޮޕާއިބެހޭ އިތުރު މަޢުލޫމާތު ހޯދީމެވެ. ވަރަށް ރަހުމަތްތެރި މާހައުލެއްގައި ‘އާ ދޯނި’ ފިހާރައިގެ ފަރާތުން ޖަވާބުތައް ދިނެވެ.

 

މުނިއަވަސް: ކޮން އިރަކު ފެށި ވިޔަފާރިއެއް ތޯ؟

އާދޯނި: މަސައްކަތް ފެށީ މީގެ ހައެއްކަ އަށެއްކަ މަސް ކުރިން.

 

މުނިއަވަސް: ފަހަނީ ދިވެހި ކުދިންތޯ؟

އާދޯނި: މަސައްކަތް ކުރުމަށް ދިވެހިން ލިބޭތޯ ވަރަށް މަސައްކަތް ކުރިން. 3 މަސް ދުވަސް ވާންދެން ދިވެހިން ނުލިބިގެން މަސައްކަތް ނުފަށައި ހުރިން.

 

މުނިއަވަސް: ރަނގަޅު ޑިމާންޑެއް އޮވޭތޯ؟

އާދޯނި: ޑިމާންޑް ގޯހެއް ނޫން. އެކަމަކު އެއްމެ ދަތި ކަމަކީ ތަނުގެ ޖާގައިގެ ދަތިކަން.

 

މުނިއަވަސް: ކޮންކަހަލަ ހެދުންތަކެއް ފަހައި އުޅެނީ؟

އާދޯނި: މިހާތަނަށް ކަސްޓަމަރުން ގެނައި ހުރިހައި ވައްތަރެއްގެ ހެދުންވެސް ވާނީ ފަހައިދެވިފަ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގަވެސް މިގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނީ.

 

މުނިއަވަސް: ފެހުމުގެ މަސައްކަތްކުރާ އެހެން ތަންތަނާއި އަޅާބަލާއިރު އަގުތައް ކިހިނެތް އުޅެނީ؟

އާދޯނި: އަގު ހުންނާނީ މާރކެޓްގައިވެސް ހުންނަ އަގުތައް.

މުނިއަވަސް: ފޮޓޯތަކުން ފެންނަން އެހުރިގޮތަށް ކަޕްލްސް އަދި ފެމެލީ ހެދުންތައް ފަހައިދެންތޯ ޢީދާއި ކައިވެނި ޕާޓީފަދަ ރަސްމިއްޔާތު ތަކަށް؟

އާދޯނި: ޕޭޖް ގަ އަޕްލޯޑް ކުރާ ފޮޓާތަކަކީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް އަޕްލޯޑް ކުރާ ފޮޓޯތައް. ގެންނަ ކޮންމެ ޑިޒައިނަކަށް ފަހައިދެން. ކަސްޓަމަރުން ޑިޒައިން ހޯދުމަށް ފަސޭހަކޮށްދިނުމަށް ފޮޓޯ ތައް ލާފަ އެ ހުންނަނީ.

 

މުނިއަވަސް: އަޅުގަނޑުމެންނަށް ތި ޕޭޖް އަޅައިގަތީ ކަޕްލްސް ހެދުންތައް ފެނިފަ.

އާދޯނި: އެހެންތޯ؟ ގިނަ ކަސްޓަމަރުން ގެ އައިޑިއާ އެއް ނުހުރޭ ހެދުން ފަހަން އަންނަ އިރަކު. މިގޮތަށް ހެދީމާ (ފޭސްބްކް ޕޭޖް އަށް ޑިޒައިންތައް ލީމާ) ޑިޒައިން ބަލާފައި ބާޒާރަށް ގޮސް މެޓީރިއަލްސް ހޯދަން ފަސޭހަވަނީ. މާލޭގައި ވަރަށް ރީތި ފޮތި ހުރޭ. އެކަމަކު ޑިޒައިން ކުރަންވީގޮތް ގިނަމީހުންނަށް ނޭނގެނީ.

 

މުނިއަވަސް: ‘އާ ދޯނި’ މީ ހާދަ ތަފާތު ނަމެއް؟ ކިހިނެތް އިޚްތިޔާރު ކުރެވުނު ނަމެއް؟

އާދޯނި: ވަރަށް ރަނގަޅު ވާހަކައެއް. މީ ވަރަށް ތަފާތު ނަމެއް. އެކަމަކު ދިވެހި ނަމެއް.

 

މުނިއަވަސް: ތިޔައީ ފެމެލީ ވިޔަފާރިއެއްތޯ ނޫނީ ވަކިން އެކަނި ކުރައްވާ މަސައްކަތެއްތޯ؟

އާދޯނި: ވިޔަފާރި އޮންނާނީ އަމިއްލަ ނަމުގައި. އެކަމަކު މި ވިޔަފާރި ހިންގުމުގައި މުޅި އާއިލާ ޝާމިލު ވާނެ. ފެމެލީ ވިޔަފާރިއެކޭވެސް ބުނެވިދާނެ.

 

މުނިއަވަސް: ހާމަކުރެވެން އޮތްވަރަކަށް މަހެއްގެ މައްޗަށް ލިބޭ އާއްމުދަނީ؟

އާދޯނި: ތެދަށް ދަންނަވާނަމަ އަދި މިއީ ފެށުމެއް. ހަމަ ފައިދާއެއް ނެތި މި ހިންގެނީ. އެކަމަކު ދުވަހެއް ދުވަހަކަށް ކަސްޓަމަރުން އިތުރުވެ ރަނގަޅުވަމުން އަންނަނީ. އުއްމީދަކީ ފައިދާ ހުރި ރަނގަޅު ވިޔަފާރިއަކަށް ހެދުން.

 

މުނިއަވަސް: ފާހަގަ ކޮށްލަން ބޭނުންވާ އިތުރު ކަމެއް؟

އާދޯނި: ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިހާތަނަށް މި އާދެވުނީ ކަސްޓަމުން ދެއްވި ފުރިހަމަ އެހީ އާއި ޚިޔާލާއި އެއްބާރުލުމާއި އެކު. ތަނުގެ ޖާގަ ރަނގަޅުވިހާ އަވަހަކަށް އިތުރު ޚިދުމަތްތައް ދެވޭނެ ކަމަށް އުއްމީދު ކުރަން.

 

މުނިއަވަސް އިން އެދެނީ ‘އާ ދޯނި‘ ފައްސިޔަ ވައިގައި އަމާންކަމާއިއެކު ވީހާވެސް ގިނަބަޔަކަށް ޚިދުމަތްދެމުން އަމާން ބަނދަރަކާއި ހަމައަށް ދިއުމެވެ.

 

އާދޯނި ފޭސްބްކް ޕޭޖް: https://web.facebook.com/Aadhoni/

ފޯން: 7483322

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.