މުޖުތަމަޢެއްގެ ޙާލަތު ބިނާވެފައި އޮންނަނީ އެ މުޖުތަމަޢެއްގެ ތެރޭގައި އުޅޭ ފަރުދުން އެކަކު އަނެކަކާމެދު ބަހައްޓާ އަޅާލުމާއި، އޯގާތެރިކަމުގެ މައްޗަށެވެ. މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އެކަކު އަނެކަކާމެދު އަޅާލާ، އޯގާތެރިވެ، ހެޔޮކަންތަކަށް ވާގިވެރިވެ އަދި މުންކަރާތްތައް މަނާކޮށް އުޅޭނަމަ އެ މުޖުތަމަޢު އަކީ އުފާ ފާގަތިކަމާއި، ސުލްޙަ މަސަލަސްކަން ޤާއިމްވެފައިވާ މުޖުތަމަޢަކަށް ވެގެންދެއެވެ. 

ނަމަވެސް މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އެކަކު އަނެކަކަށް އަޅާނުލާ، އޯގާތެރިކަމެއް ނެތި، ހެޔޮކަންތަކަށް ވާގިވެރިނުވެ، މުންކަރާތްތައް މަނާކޮށް ނޫޅޭ މުޖުތަމަޢެއް އެވަނީ ހަލާކެއްގެ ތެރޭގައެވެ. 

“އޭނަ ކޮންމެ ގޮތަކަށް އުޅުނަސް، ނޫނީ ކޮންމެ ކަމެއް ކުރިޔަސް އަހަރެންނަށް ކީއްހެއްޔެވެ؟” މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ގިނަ މީހުން ބުނެ އުޅޭ ޢިބާރާތެކެވެ. ދަންނަވަންތޯއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންކަމަށް ބީރުކަންފަތެއް ދީގެން، ނޫންނަމަ ނުފެންނަ ކަމަށް ހަދައިގެން ތިބުމަކީ އަޅުގަނޑުމެންގެ ކަށްވަޅު އަޅުގަނޑުމެން އަމިއްލައަށް ކޮނުމެވެ. އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް އެހިސާބުން ހުރިހާ މުންކަރާތްތަކަށް އެ ހުޅުވައިދެވުނީ ދޮރެކެވެ. އަމަން އަމާންކަމާއި، ސުލްޙަ މަސަލަސްކަން ގެއްލިގެން ދިއުމަށް އެ ކޮށައިދެވުނީ ބޮޑު މަގެކެވެ. އެ ރޯކޮށްދެވެނީ ފިތުނައިގެ ބޮޑު އަލިފާންގަނޑެކެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހާލަތަކީ ކޮބާތޯއެވެ. ނެތުމުގެތެރެއިން އަޅުގަނޑުމެން އުފައްދަވާ ރިޒުޤު ތަނަވަސްކޮށްދެއްވި އޯގާވަންތަ މާތް ރަސްކަލާނގެ، ﷲ سُبْحَانَهُ وَتَعَالَى އަށް ބަދު ބަސްތައް ރައްދު ކުރަނީއެވެ. އަޅުގަނޑުމެންގެ މައިންބަފައިނާއި، އަނބި ދަރިންނާއި، އެއްބަނޑު އެއްބަފާ މީހުންނަށް ވުރެން ވެސް ބޮޑަށް އެ އިންސާނެއް ދެކެ އެންމެ ލޯބިވަންޖެހޭ ފަރާތް، ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރަނީއެވެ. އިސްލާމްދީނުގެ ޙުކުމްތަކަށް ފާޅުގައި ދެކޮޅު ހަދަނީއެވެ. ރާބުޔުމާއި، ޖުވާކުޅުމާއި، ޒިނޭކުރުން ފަދަ މުންކަރާތްތައް އާންމުވީއެވެ. 

ދަންނަވަންތޯއެވެ. ހެޔޮކަންތަކަށް ވާގިވެރިވެ މުންކަރާތްތައް މަނާކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގެ އެންމެ މުހިއްމު އެއް އަސާސެވެ. އަބޫ ސަޢީދު އަލް ޚުދްރީގެ ކިބައިން އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. (މާތް ﷲ އެބޭކަލުންނަށް ރުއްސުންލައްވާށި). ރަސޫލާ ﷺ ހަދީޘް ކުރައްވަނިކޮށް ތިމަންނަ އަޑު އެހީމެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން މަނާކުރާށެވެ. އަތުން މަނާނުކުރެވޭނަމަ އަނގައިން މަނާކުރާށެވެ. އަނގައިންވެސް މަނާނުކުރެވޭނަމަ ހިތުން މަނާކުރާށެވެ. އެއީ އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ.”  

އަޅުގަނޑުމެން އަމިއްލަ ނަފުސު މުންކަރާތްތަކާ ފާހިޝް ކަންތައްތަކުން ދުރުކުރާ ފަދައިން އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހެއެވެ. އުފާވެރި، ފާގަތި، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.