ކީރިތި ޤުރުއާނަކީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވުނު އިލާހީ ޤާނޫނުކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
“ކީރިތި ޤުރުއާނުގައި ވަނީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖެވެ. މުސްލިމުން އެ ފޮތް ކިޔަވައި އެ ފޮތާއި އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަން ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ޅަ ދަރިންނަށް އެ ޤުރުއާން އުނގަންނައިދޭން ޖެހެއެވެ. އެ ކުދިންގެ ހިތްތަކުގައި ޤުރުއާނުގެ ލޯބި އަށަގަންނުވައި، އެ ފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހެއެވެ. އަދި ކީރިތި ޤުރުއާނަށް އިޙްތިރާމު ކުރުމަށް ވެސް އެ ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ.” މިއަދުގެ ޚުޠުބާގައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ ކީރިތި ޤުރުއާނަކީ ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރި ކަމުގެ ގޮތުންވެސް މުޢުޖިޒާތެއް ކަމުގައެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙާތްތެރިން ވެސް ވަނީ އެފަދަ ޤުރުއާނެއް ގެނައުމަށް ނުކުޅެދިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ﷲ ތަޢާލާ الإسرا ސޫރަތުގެ 88 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. އެ އާޔަތުގެ މާނާގައި ވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާއި އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާއި އެއްފަދަ އެއްޗެއް އެއުރެންނަށް ނުގެނެވޭނެތެވެ. އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސް މެއެވެ.”
“އަޅުގަނޑުމެން މުސްލިމުންގެ މުޅި ޢަމަލީ ހަޔާތް، ކީރިތި ޤުރުއާނާއި އެއްގޮތަށް ބައްޓަން ކުރަންޖެހެއެވެ. އެ ފޮތަކީ މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާއެވެ. އަދި އެ ފޮތް ކިޔަވައި ތިލާވަތުކުރާ މީހާ ހިތަށް ދިރުން ލިބި، ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުވާނެއެވެ. އަދި މީގެ އިތުރުން ކީރިތި ޤުރުއާނަކީ އެންމެހާ ނުރައްކާތަކުން މުޢުމިނު އަޅާ ސަލާމަތް ކޮށްދޭނެ ގަދަފަދަ އައްޑަނައެއްކަމުގައި މިއަދު ޚުޠުބާގައިވެއެވެ.
މިއަދު އަޅުގަނޑުމެން ވަނީ އެ މަތިވެރި އިލާހީ ކަލާމްފުޅާއި ދުރަށް ގޮސްފައި ކަމަށާއި، އަދި އެ ފޮތުގައިވާ ޙުކުމްތަކާއި ޚިލާފުވެފައި ކަމަށާއި މިކަމުގެ ސަބަބުން އަޅުގަނޑުމެން ވަނީ އިސްލާމް ދީނާއި ދުރުވެގެން ގޮސްފައި ކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަ ކޮށްފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވެއެވެ. “މިއަދު ބައެއް މުސްލިމުން އިސްލާމް ދީނާއި ބީރައްޓެހި ފިކުރުތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ އެބައި މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާން އަށަގެންނެވިފައި ނުވުމުގެ ނަތީޖާއެވެ. ޅަފަތުގައި ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވައި އެ ފޮތަށް އިޙްތިރާމު ކުރުމަށް ދަސްކޮށްދެވިފައި ނުވުމެވެ. ޤުރުއާނުގެ މިންވަރެއް ހިތުތެރޭގައި ނެތް މީހާ ހެޔޮމަގުން އެއްކިބާވެގެން ހިނގައިދާނެކަން ބަޔާންކުރައްވާ رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. ان الذي ايس في جوفه شيء من القرآن كالبيت الخرب (رواه الترمذي) މާނައީ: “ހަމަކަށަވަރުން އެ މީހެއްގެ ހިތުގައި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ ވީރާނާވެ، ފަޅުވެފައިވާ ގެއެއްގެ މިސާލެވެ.” އެހެންކަމުން އެފަދަ ތަނަކަށް އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ވިޔަ ދީގެން ނުވާނެއެވެ.”
ކީރިތި ޤުރުއާނަކީ ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތެވެ. އެ ފޮތަށް އިޙްތިރާމު ކުޑަވާފަދަ އެއްވެސް ޢަމަލެއް އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެކަމަށާއި، އެގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ﷲ ގެ އިސްމުފުޅު ލިޔެފައިވާ ފޮތްތަކާއި ނޫސް މަޖައްލާފަދަ ތަކެތި ބިންމައްޗަށް އުކާލުމަކީ ހުއްދަވެގެން ވާނެ ކަމެއްނޫންކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ބަލިކަށިވެފައިވާ އަޤީދާއާއި އީމާންކަން، ވަރުގަދަކޮށް ހަރުދަނާކުރެވޭނީ އެ ޤުރުއާން ކިޔަވައި އޭގައިވާ އާޔަތްތަކާއިމެދު ވިސްނައި އެއާއި އެއްގޮތަށް ޢަމަލުކޮށްގެންކަމުގައި މިއަދުގެ ޚުޠުބާގައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި