‏ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާ އަދި ލިވަޕޫލް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ހަނިގޮތަކަށް މޮޅުވެ ތާވަލުގެ ކުރީގައި ލިވަޕޫލް ހަމަޖެހިލައިފިއެވެ. 

އެސްޓަންވިލާ ދަނޑުގައި ކުޅުނު މި މެޗުގައި ލިބުނު ހިލޭ ޖެހުމެއް އެސްޓަންވިލާގެ މިޑްފިލްޑަރ ޖޯން މެކްގިން އޭރިޔާ ތެރެއަށް ހުރަސްކޮށް ލުމުން އެޓީމުގެ ފޯވާޑް ޓްރެޒެގޭ ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ގޯލެއް ޖަހާ އެސްޓަންވިލާ އަށް ކުރި ހޯދަދީފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން 27 ވަނަ މިނެޓުގައި ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފާމީނިއޯ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. 

ގިނައިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅެމުންދިޔަ ޔޫރަޕްގެ ޗެމްޕިއަނުންނަށް އެސްޓަންވިލާގެ ޑިފެންސް ފޫ އަޅުވާލާފައި ގޯލެއް ކާމިޔާބު ކުރެވޭގޮތެއްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނެޓަށް ވެފައި ވަނިކޮށެވެ. ސަޑިއޯ މާނޭ ނަގައިދިން ހުރަހެއް 87 ވަނަ މިނެޓުގައި ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑިފެންޑަރު އެންޑީ ރޮބާޓްސަން ވަނީ ލިވަޕޫލް އަށް އުއްމީދު ގެނުވާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސަޑިއޯ މާނޭ ވަނީ ލިވަޕޫލް އަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.  

މި މޮޅާއެކީ ލިވަޕޫލް ވަނީ ކުޅުނު 11 މެޗުން 31 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މީ އިނގެރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް އިތުރުވި ބޮޅެކެވެ. މި މެޗުން މޮޅުވުމުން ލިވަޕޫލް ބަލިނުވެ 28 މެޗު ވަނީ ފުރިހަމަ ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.