ބަތްކައްކާ ކުޅެން ކުދިވެރިން ގެންގުޅޭ ކުދި ދޯނި، ދޯންޏަކަށް ވަނީ ބޮނބިގަނޑެއް ނުވަތަ ކަނދުގަނޑެއް ކޮށައި މަށައިގެން އެއަށް ދޯނީގެ ބައްޓަން ގެނެސްގެންނެވެ. ކުނބާއި ކުނބުކަތްޕާއި ހުންގާނުވެސް އެޅީމައެވެ. އެހެން ނޫނީ ބޮނބިގަނޑަށް ކިޔާނީ ބޮނބިގަނޑެކޭ އެވެ. ކަނދުގަނޑު ވާނީ ކަނދުގަނޑަކަށެވެ. ހަމަ މިގޮތަށް ޅެމެއް ނުވަތަ ޅެން ބައިތެއް ޅެމަކަށް، ޅެން ބައިތަކަށް ވާނީ އޭގައި ހިމެނެން ޖެހޭ ޚާއްޞަ އުންސުރުތައް އޭގެ އެއްމެ ރަނގަޅު ގޮތުގައި ހުރެގެންނެވެ. އަޅުގަނޑަކީ ޅެންވެރިއެއް ނޫނަސް، ޅެން ހަދައި ނޫޅުނަސް ބަހާއި ބަހުގެ އަދަބުގެ ލިޔުންތަކާއި ފަތްފުށްތައް ކިޔައި އުޅޭތީ އެނގޭ މިންވަރު ހާމަކޮށްލުމަކީ ނުފޯރާ ފޮތިން ފޫގަޅަން އުޅުމަށް ވެދާނެ ކަމަކަށް ނުދެކެމެވެ.

 

ފޭސްބްކް ގެ އަދާހަމަ (ސްޓޭޓަސް) ތަކުގައި މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ޅެންބައިތު ހިމަނަމުން އައުމަކީ ފެންނަމުންދާ ކަމެކެވެ. މޮޅެތި ޅެންވެރިން ހަދާފައި ހުންނަ ޅެންތަކާއި، ސިޔާސީ މީހުން ސިޔާސަ ވުމަށް އަމިއްލައަށް ހަދާފައި ހުންނަ ޅެންބައިތުތަކެވެ. ބައެއް ޢާއްމު ފަރުދުން ހަދާފައި ހުންނަ ޅެންބައިތު ތަކެވެ. މިހެން ފެންނަން ހުންނަ ބައެއް ޅެންބައިތުތައް ކިޔައިލުމުން ޅެންވެރިކަމުގެ ‘ހާށަވިޔަނި’ ނޭނގޭ އަޅުގަނޑަށްވެސް، އުނދަގޫވާގޮތް ވެއެވެ. ސަބަބުތައް ބައިވަރެވެ. ޅެން ބައިތެއްގައި ހުންނަން ޖެހޭ އަސާސީ ސިފަތައް ފުރިހަމަ ނުވުމެވެ. ފަހަރެއްގައި ޅެން ހެދި ބޭފުޅަކަށް ޅެމުގައި ކޮންމެހެންވެސް ހުންނަން ޖެހޭ ބައިތައް ނުވަތަ އުންސުރުތައް އެހާ ރަނގަޅަށް ނޭނގެނީ ކަމަށްވެސް ވެދާނެ އެވެ.

 

ޅެމެއް ހަދަންޏާ ކޮންމެހެންވެސް އެނގުން ލާޒިމު ކަންތައްތަކެއް ހުރެއެވެ. ބައިތެވެ. ޞަދުރާއި ޢަޖުޒެވެ. ކާފިޔާ އާއި ފިލިކޯޅި އަދި ބަނޑުވައްއަކުރެވެ. ކުރުފިއްޔެވެ. މުލައަކުރެވެ. ވަޒަނެވެ. މިހުރިހައި އުންސުރުތަކުގެ އިތުރުން، ހަމަޖެހޭ ރަނގަޅު ވާހަކައެއް ނުވަތަ މެސެޖެއް ކޮންމެ ބައިތެއްގައިވެސް އޮންނާން ޖެހެއެވެ.

 

ކުރިންވެސް ދަންނަވައިލެވުނު ފަދައިން އަޅުގަނޑަކީ ޅެންހަދައި އުޅޭ ޅެންވެރިއެއް ނޫނެވެ. އެހެންކަމުން ޅެމެއްގައި ހުންނަންޖެހޭ ބައިތަކާއި ސިފަތައް ކުރުގޮތަކަށް ނަކަލު މިކޮށްލަނީ ކުޅަދާނަ ޝާއިރެއްކަމަށްވާ މުޙަންމަދު ޝާހިދު ޙަލީމް ލިޔުއްވާފައިވާ މަޒުމޫނަކުންނެވެ.

 

ބައިތު: މިއީ ޅެމެއްގެ އޮނިގަނޑުގައި އެކުލެވިފައިވާ ބައިތަކުގެ ތެރެއިން ބައެކެވެ. ބައިތެއްގައި މަދުވެގެން ދެ ކާފިޔާ އޮންނާނެއެވެ. ދިވެހި ޅެމުގައި ގިނައީ ދެ ކާފިޔާ ބައިތުގެ ޅެމެވެ. ޅެމެއްގެ ބައެއްގެ ގޮތުގައި ނުހިމެނި އެކަހެރިކޮށް ވެސް ބައިތެއް އޮވެދާނެއެވެ. 

 

ބަނޑުވައްއަކުރު: މިއީ ބައިތުގެ ކޮންމެ ކާފިޔާއެއްގެ ފެށޭ ކޮޅުން ދެ ވަނަ އަކުރެވެ. 

 

ބަނޑުވައްއަކުރު އެއްގޮތްކުރުން: ބަނޑުވައްއަކުރު އެއްގޮތްކުރުމަކީ ބައިތުގެ ފުރަތަމަ ކާފިޔާގެ ބަނޑުވައްއަކުރު އެ ބައިތުގެ އަނެއް ކާފިޔާގެ ބަނޑުވައްއަކުރަށް ވެސް ގެނައުމެވެ. ދެ ކާފިޔާއަށް ވުރެން ގިނަ ކާފިޔާގެ ބައިތުގައި، ބައިތުގެ ފުރަތަމަ ކާފިޔާގެ ބަނޑުވައްއަކުރު އެ ބައިތުގެ އެހެން ކާފިޔާތަކުގެ ބަނޑުވައްއަކުރަށް ވެސް ގެނައުމެވެ. 

 

ޅެން: ޅެންވެރިކަމުގެ ބަހުރުވައިގައި ދެ މާނައެއްގައި ޅެން ބޭނުންކުރެއެވެ. ފުރަތަމަ މާނައަކީ ހިތަށް އަސަރުފޯރުވާ ގޮތަށް ލަފުޒުތަކާއި ލަފުޒުތަކުގެ އެމުނިއެކުލެވުން ބޭނުންކޮށްގެން، ވަކި ވަޒަނެއް ނުވަތަ ހަމައެއް ހިފާއްޓައިގެން އުފައްދާ އަދަބީ އުފެއްދުމެވެ. މި މާނައިގައި ޅެމުގެ ތެރޭގައި ބަނދި، ކާ، ރައިވަރު، ލަވަ، ފަރިހި ފަދަ ހުރިހައި ބާވަތެއް ހިމެނޭނެއެވެ. ދެ ވަނަ މާނައަކީ ޅެމުގެ ބާވަތްތަކުގެ ތެރެއިން ވަކި ބާވަތެކެވެ. މި މާނައިގައި ޅެމަކީ އޮނިގަނޑުގެ ގޮތުން ބަލާއިރު، އެއް ވަޒަނެއްގެ، އެއް ބައިތަށް ވުރެން ގިނަ ބައިތުގެ މައްޗަށް އެކުލެވިފައި ވާ ޅެމުގެ ބާވަތެކެވެ. 

 

ކާފިޔާ: ޅެންވެރިކަމުގެ ބަހުރުވައިގައި ކާފިޔާ ދެ މާނައެއްގައި ބޭނުންކުރެއެވެ. ފުރަތަމަ މާނައަކީ ބައިތެއްގެ ފޮޅުވަތެކެވެ. ޞަދުރަކީ ކާފިޔާއެކެވެ. ޢަޖުޒަކީ ކާފިޔާއެކެވެ. މި މަޒުމޫނުގައި ކާފިޔާ ގިނައިން ބޭނުންކުރެވޭނީ މި މާނައިގައެވެ. ދެވަނަ މާނައަކީ ބައިތުގެ ނިމޭ އަކުރާއި އެއަކުރުގެ ފިއްޔެވެ. 

 

ކުރުފިލި: މިއީ ނުދަމައި ކިޔާ ފިއްޔެވެ. އެއީ އަބަފިލި، އިބިފިލި، އުބުފިލި، އެބެފިލި، އޮބޮފިލި މި ފަސް ފިއްޔެވެ. ސުކުނަކީ ކުރީ އަކުރާ ގުޅުވައިގެން ކިޔޭ ފިއްޔެއް ނަމަވެސް، ޅެމުގައި ސުކުން ކުރީއަކުރާ ނުގުޅުވައި ބަލާނީ ކުރު ފިއްޔެއްގެ ގޮތުގައެވެ. 

 

ޞަދުރު: މިއީ ދެ ކާފިޔާ ބައިތުގެ ފުރަތަމަ ކާފިޔާއެވެ. 

 

ޢަޖުޒު: މިއީ ދެ ކާފިޔާ ބައިތުގެ ދެ ވަނަ ކާފިޔާއެވެ. 

 

މުލައަކުރު: މިއީ ކޮންމެ ކާފިޔާއެއްގެ ފުރަތަމަ އަކުރެވެ. 

 

ފިލިކޯޅި: ޅެންވެރިކަމުގެ ބަހުރުވައިގައި ފިލިކޯޅި ދެ މާނައެއްގައި ބޭނުންކުރެއެވެ. ފުރަތަމަ މާނައަކީ ކޮންމެ ކާފިޔާއެއްގެ ފުރަތަމަ ދެ އަކުރުގައި އޮންނަ ފިއްޔެވެ. ދެ ވަނަ މާނައަކީ ކާފިޔާއެއްގެ ތެރޭގައި ޖެހިޖެހިގެން އޮންނަ ދެ ފިލި ނުވަތަ ދެތިންފިއްޔެވެ. 

 

ފިލިކޯޅި އެއްގޮތްކުރުން: ފިލިކޯޅި އެއްގޮތްކުރުމަކީ ބައިތުގެ ފުރަތަމަ ކާފިޔާގެ ފުރަތަމަ ދެ އަކުރުގައި އޮތް ދެ ފިލި އެ ބައިތުގެ އަނެއް ކާފިޔާގެ ފުރަތަމަ ދެ އަކުރުގައި ވެސް ޖެހުމެވެ. ދެ ކާފިޔާއަށް ވުރެން ގިނަ ކާފިޔާގެ ބައިތުގައި، ބައިތުގެ ފުރަތަމަ ކާފިޔާގެ ފުރަތަމަ ދެ އަކުރުގައި އޮތް ދެ ފިލި އެ ބައިތުގެ އެހެން ކާފިޔާތަކުގެ ފުރަތަމަ ދެ އަކުރުގައި ވެސް ޖެހުމެވެ.

 

ޅެމުގެ ވަޒަނަކީ ކޮބައިކަން ބަލައިލުމަށްވެސް ބަހުގެ އުސްތާޛެއްގެ ލިޔުމަކުން އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ނަކަލުކޮށްލާނަމެވެ. އާދަމް ޒާހިރު (ކުރޮޅި) ލިޔުއްވާފައިވާ ‘ ވޭނަކާ ނުލައި ޅެން ވެރިއަކަށް’ މަޒުމޫނުން ނެވެ.

ވަޒަނަކީ ކޮބާ؟

ވަޒަނަކީ ޅެން އެ މިނަކުން ކިރައި ކިޔުން ހަމަކޮށްފައިވާ ބަރުދަނެވެ. އަޑާއި ރާގާއި މަޚުރަޖު އެ ބަރުދަނަށް ފެތުނީމާ ބުނާނީ އެހުރީ ވަޒަނަށް ފެތިފައިކަމުގައެވެ. ވަޒަން ކިރުމުގައި ބަރުދަން ހިފަނީ ފިލިންނެވެ. ވަޒަން ކިޔުމުގެ ގޮތް ދަމައި ގެތިގެން ދަނީ އަކުރުގެ މަޚުރަޖުންނެވެ. ވީމާ ފިލި ގުނުމަކުން 7 + 7+ 7+ 7 ކިޔައިގެން ފަރުނުޖެހޭ ދަނޑިވަޅު އަންނާނެއެވެ. އެންމެ ރަނގަޅުވާނީ ކިޔުމުގެ ހޭދަވުމާއި ބަރުދަން ބަލައިގަތީމައެވެ.

އަޅުގަނޑު ޅެން ހަދަން ދަސްކޮށްދޭ މި ކޯހުގައި ފުރަތަމަ ދަސްކޮށްދެނީ ވަޒަނަށް ބަސް ފައްތަވާށެވެ. މި ހުނަރު ދަސްކުރުމުގައި ބޭނުންކުރާނީ ބައިވެރިންގެ އަތްޕުޅާއި ފައިންޕުޅުން ހިންގޭ ޢަމަލީ ކިޔުމެކެވެ. މި ބައިތު ވަނީ މިފަދަ ކިޔުމަކަށް ކިޔާނަމަ ވަޒަނަށް ކިޔޭނޭގޮތަށް ބައިކޮށްފައެވެ. ފިލި ގުނުމެއް މިކަމުގައި ނުވެއެވެ. ފިލި ގުނުއްވާނަމަ ޅެންހައްދަވަން ދަސްވެލައްވާނީ އުނިކޮށެވެ. ހައްދަވާ ޅެންބައިތުތަކުގައި އައިބު ހުންނާނެއެވެ.

| ކޮންފަދަނަސީ      | ބެއްތޯއެމީ         | ދޮންވެލިބިމެއް     | ގައިލެއްވުމީ

| ހަންހާރަވެތި       | ދިވެހިންގެމީ       | ގިންތީތެރޭ        | ހިމެނުއްވުމީ

 

މިއީ ޔޫސުފް މުޙައްމަދު ފުޅުގެ ޅެމެއްގެ ބައިތެކެވެ. ޅެމަކީ “ކޮންފަދަ ނަސީބެއްތޯއެމީ” އެވެ.

 

މި ޅެމުގައި ބަސް ކިރަން ބޭނުންކުރައްވައިފައިވަނީ “ހޯދާބަލާ” މި ތައްގަނޑެވެ. މި ވަޒަނުގެ އަށް ގުނަ ނުވަތަ ކިރުން މިއިން ކޮންމެ ބައިތެއްގައިވެއެވެ.  ކޮންމެ ފޮޅުވަތެއްގައި ވަނީ ހަތަރު ކިޔުމެވެ. މުޅި ބައިތުގައި ވަނީ އަށް ކިޔުމެވެ. ދެން މުޙައްމަދު އަމީންދީދީގެ ޅެން ބައިތަކަށް ބަލައިލާނަމެވެ.

 

| ހިތުގައި ހިނގާ     | ގަދަ އެދުމަކުން     | ނަފުސާ ދުލަށް     | ކެތް ނުވެވިގެން

| ހިތުގައިމިވާ       | ގޮތްވުން އަދައި     | ގޮވުނޭ އެކީ       | ރޫޙާ ދުލުން

 

މިއީވެސް ކުރިން ދައްކައިލެވުނު ބައިތުފަދައިން ބައިކޮށްލެވިފައިވާ ޅެންބައިތެކެވެ. ވަޒަނުގެ ތައްގަނޑެއްކަމުގައި ޚިޔާރުކުރައްވައިފައިވަނީ “ހޯދާ ބަލާ” އެވެ. މި ކިރުމުގެ 8 ބައި މުޅި ބައިތުގައި ވެއެވެ. އެއީ ފޮޅުވަތެއްގައި ހަތް ކިޔުމެވެ.

 

މުޅިން ތަފާތު ވަޒަނަކަށް އަލްފާޟިލް ޢަބްދުﷲ ޞާދިޤް ހައްދަވައިފައިވާ ޅެމެއްގެ ވަޒަނަކަށް ވިސްނަވައިލެއްވުން ކީއްތޯއެވެ. މިއީ “ލިޔުންތެރިންގެ ދުވަހަށް މަރުޙަބާ” މި ސުރުޚީގެ ދަށުން ހައްދަވައިފައިވާ ޅެމެއްގެ ދެވަނަ ބައިތެވެ.

 

| އަދީބުންނާ        | އެކީ ޤަލަމުގެ       | ވެރިން

| މިދީބުންއަގު       | އަރާތިބިޅެން       | ވެރިން

 

މި ޅެމުގައި ބޭނުންކުރައްވައިފައި މިވަނީ “ބަލާހޯދާ” ގެ ދެ ކިޔުމާއި “ބަލާ” ގެ އެއް ކިޔުން، ކޮންމެ ފޮޅުވަތެއްގައި ހިމަނުއްވައިގެންނެވެ. މިއީވެސް ވަޒަނެކެވެ. ކޮންމެ ޅެންވެރިއަކީވެސް ތަފާތު ވަޒަންތަކަކަށް ޅެން ހައްދަވައިފައިވާ ޅެންވެރިންނެވެ. ޙަޤީޤީ ޅެންވެރިއެއްނަމަ ކޮންމެ ވަޒަނަކަށްވެސް ޅެން ހެއްދެވޭނެއެވެ. މިފަހަރު ފާޠިމަތު ސަޢީދު ހެއްދެވި ޅެމެއްގެ ބައިތެކެވެ.

 

| ކޮންމެ ރަށަކުން    | ނަމަވިޔަސްވަސް    | މީރުމަލުގައި       | ހުރިވަހެއް

| ކޮންމެ ގޮތަކުން     | ވެސް ހިފައިގެން     | ދާނެމަތިވެރި      | އަރިއަހަށް

 

މި ބައިތުގައި މިވަނީ ޞަދުރުގައި “ހޯދަމާހޭ” ގެ ތިން ބައި ހިމަނުއްވައި ހަތަރުވަނަ ކިޔުން “ހޯދަމާ” އިން ކިރުއްވައިފައެވެ. ޞަދުރުވެސް ވަނީ ހަމަ އެ ތައްގަނޑަށް އަމުނުއްވައިފައެވެ. މި ޅެންވެރިޔާވެސް ތަފާތު ވަޒަންތަކަށް ޅެން ވިރުވައި އަޅުއްވައިފައި ވެއެވެ. ޔޫސުފު އަލީފުޅު “ހޯދަމާހޭ” އާއި “ހޯދަމާ” ބޭނުންކުރައްވައިގެން ހައްދަވައިފައިވާ ތައްގަނޑަކަށް އުފެއްދެވި ބައިތަކާމެދު ފިކުރުކޮށްލައްވާށެވެ.

 

| އަންހެނުންނަށް     | ދޭށެ އިސްކަން      | ކުރިއަރަން ތަން    | ދީމަގުން

| އަންނަހާ ކަމަ      | ކަށް ޙަޔާތުގެ       | ފަހި ވެދާނޭ       | ހައި މަގުން

 

މި ބައިތުގައި މިވަނީ “ހޯދަމާހޭ” ގެ ތިން ގުނައާއި “ހޯދަމާ” ގެ އެއް ގުނައެވެ. މި ތައްގަނޑު ޞަދުރާއި ޢަޖުޒު އެކުލަވައިލައްވައިފައި ވެއެވެ. މިއީވެސް ފުރިހަމަ އަދި ފަސޭހަ ތައްގަނޑު ތަކެކެވެ.

 

މި ތަނުގައި މި ހިމަނައިލީ މަދު ވަޒަންކޮޅެކެވެ. ޅެންވެރިންނަކީ އެބައިމީހުން ފާޅުކުރައްވަން ބޭނުންފުޅުވާ ޚިޔާލުފުޅުތަކާއި އޭގެ ކިޔުމާގުޅޭނޭހެން ތަފާތު ތައްގަނޑުތައް އުފައްދަވާ ހުނަރުވެރި ބޭފުޅުންނެވެ. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަޒަނަކީ ހަމައެކަނި 11 ނުވަތަ 18ގެ ލިސްޓަކުން ނިންމައިލެވޭނޭ މިންވަރެއްގައި ހުރި އުފެއްދުމެއް ނޫނެވެ. މި ތަނުގައި ނުހިމަނާ ވެސް އެތައް އެތައް ވަޒަނެއް އެބަހުއްޓެވެ. ގިނަގުނަ ތައްގަނޑުތަކުގެ ޅެމާއި ލަވަ އެބަހުރި މެއެވެ.

މަސްދަރުތައް:

ބަނޑުވައްއަކުރު އެއްގޮތް ކުރުން (1)

ވޭނަކާ ނުލައި ޅެން ވެރިއަކަށް 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.