ރާއްޖޭގެ ނަސްރު ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބެއްވި ރަސްމީ ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެފި އެވެ. ކޮންމެ އަހަރަކު ސިފައިންގެއިން ނެރެމުން އަންނަ ގައުމީ ލަވަ އަލަބަމް ސިރީޒް އަށް މިފަހަރު އިތުރުވެގެން ދިޔައީ “މިންތީގެ ހަމަހަމަކަން”ގެ ނަމުގައި ނެރުނު އަލްބަމެކެވެ.

ލަވަ އަލްބަމް ނެރެދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ތީމަށް އަލްބަމްގެ ލަވަތައް ބިނާކުރީ ގައުމު ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާއި ހިއްސާ އެއްވަރަކަށް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް މުޖުތަމައު ހޭލުންތެރިކުރުމުގެ އިތުރަށް، އެންމެން އެއް ރޫހެއްގައި ގައުމީ ޚިދުމަތުގައި ބައިވެރިވުމުގެ ޝައުގާއި ވިސްނުން އުފައްދާ އާލާކުރުމުގެ ގޮތުން ކަމަށެވެ.

މިފަހަރުވެސް ނެރުނު އަލްބަމްގައި ހިމެނެނީ އަމިއްލަ ރާގުގެ ދިވެހިވަންތަ ލަވަތަކެކެވެ. ރާގުތައް ހަދާފައި ވަނީ ކެފްޓަން ކާނަލް އަލިމަނިކާއި ވޮރެންޓް އޮފިސަރު 1 އަބްދުﷲ އިލްހާމް އިބްރާހީމާއި ކޯޕްރަލް އަހްމަދު ޔާސިރާއި އިބްރާހީމް މޫސާ ފިކުރީ، ޝާޒް ސައީދާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ އިތުރުން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

ލަވަތަކުގެ ޅެންތައް ހައްދަވާފައި ވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ހުސައިނާއި އާދަމް ނަސީރު އިބްރާހީމާއި އާދަމް އަބްދުއްރަހްމާނާއި އާދަމް ހަލީމް އަދުނާނާއި އީސާ ސަރީފާއި އިއްޒަތް އަހުމަދު ނިޒާރު އަދި ކޮމާންޑް ސާޖަންޓް މޭޖަ އަބްދުﷲ ސައީދެވެ.

“މިންތީގެ ހަމަހަމަކަން” އަލްބަމުގެ ލަވަތައް ކިޔާފައި ވަނީ ހަސަން އިލްހާމް، ފަސްޓް ލެފްޓިނެންޓް ހުސައިން އަލީ، ހައިޝަމް މުހައްމަދު ރާޝިދު، ވޮރެންޓް އޮފިސަރު އެކެއް އަބްދުﷲ އިލްހާމް އިބްރާހީމް، ކޯޕްރަލް އަހުމަދު ޔާސިރު، ހަސަން ތޮލާގް، ރާފިއަތު ރަމީޒާ، މަރިޔަމް އަޝްފާ، ޒާރާ މުޖުތަބާ، އަމްރާ މުހައްމަދު އާމިރު، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، އައިޝަތު ޖައިޝާ ވަހީދު، ފާތިމަތު އިރާދާ، މަރިޔަމް ނަފްހާ، އައިޝަތު އަފާ، މަރިޔަމް އީނާޝް، އައިޝަތު ޔަރާ ޝަމާލް، އައިޝަތު އަމާނީ އަބްދުﷲ، ކުޑަ އިއްބެ، ތޭރަވާ، އަބްދުﷲ ނާސިފް އަދި އަހުމަދު ހިޝާމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ