އޭޕްރީލް 2019ގައި ދިވެހި މިއުޒިކީ މައިދާނަށް އުފަންވި ”އިއްޔަ ރިކޯޑްސް“ އިން މިއުޒިކްގެ ދާއިރާގައި ކުރަމުން އަންނަ ބުރަ މަސައްކަތުގެ އިތުރު ފޮނި މޭވާއެއް 07 ނޮވެމްބަރު 2019 (މާދަމާ) އެހުންތެރިންނަށް ލިބިގެންދާނެ ކަމަށް ‘އިއްޔަ ރެކޯޑްސް’ އިން ބުނެފިއެވެ.

‘އިއްޔަ ރެކޯޑްސް’ އިން ނެރޭ ފުރަތަމަ އަންހެން ސިންގަލް ލަވައަކީ “ވަގުތު”ގެ ނަމުގައި ހަޔާ އަޙްމަދު ޝިހާމް (ހައި) ކިޔާފައިވާ ލަވައެކެވެ.

“ޏ. ފުވައްމުލަކަށް އުފަން ހަޔާ އަޙްމަދު ޝިހާމް (ހައި) އަކީ ‘އިއްޔަ ރެކޯޑްސް’ އިން ސްކައުޓް ކުރަމުން ދަނިކޮށް ސޯޝަލް މީޑިއާގަ ކިޔާފަވާ ކަވަރ ސޯންގް ތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ހުނަރުވެރި އަޑެއްގެ ވެރިއެއް މިއީ.” ‘އިއްޔަ ރެކޯޑްސް’ އިން ނެރޭ ފުރަތަމަ އަންހެން ލަވައިގެ އަޑުގެވެރިޔާ އާމެދު ‘އިއްޔަ ރެކޯޑްސް’ގެ ވެރިޔާ އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) ބުންޏެވެ.

 

‘އިއްޔަ ރެކޯޑްސް’ގެ ސީއީއ،ޯ އިއްޔަ ބުނީ ހަޔާ ގެ އަޑު ވެގެންދާނީ ގިނަ ބަޔަކަށް ހިތްގައިމު އަޑެއްގެ ގޮތުގައި ކަަމަށެވެ.

“ވަގުތު މި ލަވަ މިއީ ދެ ވާރޝަން އަކަށް ނުކުންނާނެ ލަވައެއް. މީގެ އަންހެން ވާރޝަން ހަޔާ ކިޔާފައި ވާއިރު، މި ލަވައިގެ ފިރިހެން ވާރޝަން ކިޔައިދޭނީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަޑެއްގެ ވެރިއެއް.” އިއްޔަ ބުނީ “ވަގުތު” ލަވައިގެ ފިރިހެން ވާރޝަންގެ އަޑުގެ ވެރިއަކީ ކާކުކަން އަދި ހާމަކުރަން ބޭނުންނުވާ ކަމަށެވެ.

މިހާރުވެސް ތިން ސްޑޫޑިއޯއެއްގަ އަމިއްލަ ހަ ލަވައިގެ މަސައްކަތް ކުރަމުން އަންނަ ‘އިއްޔަ ރެކޯޑްސް’ އިން ބުނިގޮތުގައި ‘އިއްޔަ ރެކޯޑްސް’ އަށް އިތުރު ދެ އާޓިސްޓުން ވަރަށް އަވަހަށް ސޮއެ ކުރާނެ ކަމަށެވެ.

“މި ދެ އާޓިސްޓުން ‘އިއްޔަ ރެކޯޑްސް’ އާ ގުޅުން ވެގެންދާނީ ގިނަ ބަޔަކަށް ސިހުން ލިބިގެންދާނެ ޚަބަރަކަށް.” ގިނަ އަދަދެއްގެ ފަންނާނުން މިހާރުވެސް ގުޅިފައިވާ އިއްޔަ ރެކޯޑްސް އިން ފާހަގަކުރިއެވެ.

‘އިއްޔަ ރެކޯޑްސް’ އިން މިހައިތަނަށް އައިއިރު ޖުމްލަ އަށް ލަވަ ނެރެފައިވެއެވެ. އެ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބި، ދިވެހި ލަވައަށް ލޯބިކުރާ ގިނަބައެއްގެ ކަންފަތުގައި އެ ލަވަތައް ހަރުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އޯޑިއޯ ލަވައިގެ އިތުރުން ‘އިއްޔަ ރެކޯޑްސް’ އިން މިހައިތަނަށް ދެ ވީޑިއޯ ލަވަވެސް ނެރެފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.