ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ ކުރަން ބޭނުންވާނެ ކަމެވެ. މަބްރޫރު ޙައްޖެއް ވުމަށް ފަހު މަރުވާން ނޭދޭނީ ފަހެ ކޮން މުސްލިމެއްހެއްޔެވެ؟ މިކަން ވަރަށް ސާފުކޮށް ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި މައްކާގެ ބިމުން ފެނިގެންދެއެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިއަން މުސްލިމުންނެއް ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް މައްކާގެ ބިމަށް ޖަމާވެއެވެ. އެމީހަކަށް ދެވުނުގޮތަކަށެވެ.

އިންޑޮނޭޝިޔާގެ ޒުވާނެއް ކަމަށްވާ މުހައްމަދު ޙަމިމް ވެސް މިވަނީ އޭނާއަށް ދެވުނުގޮތަކަށް މައްކާގެ ބިމަށް ގޮސް ޙައްޖުވެފައެވެ. އާދެ! ފައިމަގުގައެވެ. އިންޑޮނޭޝިޔާގެ ޖާވާގެ ޕްރޮވިންސް އަކުން ފައިމަގުގައި ހިނގާފައި މައްކާގެ ބިމަށް އޭނާ ދިޔައީ 9000 ކިލޯމީޓަރު ހުރަސްކޮށްފައެވެ.

މިދަތުރު ފުރިހަމަ ކުރުމަށް އެއް އަހަރު ދުވަސް ހޭދަވެގެން ގޮސްފައިވެއެވެ. އަދި މިދަތުރުގައި އޭނާވަނީ ގިނަ ގައުމުތަކެއް ހުރަސްކޮށްފައެވެ.

ފައިމަގުގައި ޙަމިމް ކުރި ދިގު ދަތުރުގައި އޭނާ ގެންދިޔައީ ވަރަށް މަދު އެއްޗެކެވެ. މީގެ ތެރޭގައި ގުރުއާން މުޞްޙަފަކާއި ޖީޕީއެސް އެއް އަދި ޕޯޓަބަލް ޓޯޗެއް ހިމެނެއެވެ. އޭނާގެ ދިގު ދަތުރުގައި ހުރަސް ކުރި ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިޔާ، މެލޭޝިޔާ، ތައިލެންޑް، މިޔަންމާ، އިންޑިޔާ، ޕާކިސްތާން، އޮމާން އަދި އެކުވެރި ޢަރަބި އިމާރާތު ހިމެނެއެވެ.

ޙަމިމް ފައިމަގުގައި ޙައްޖައް ދިޔުމަކީ ގިނަބަޔަކަށް ހައިރާން ކުރުވަނިވި ކަމަކަށްވަނީ ވެފައެވެ. އެހެނީ، އޭނާއަކީ ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭވަރުގެ ފަގީރަކަށް ނުވުމެވެ. އޭނާގެ ގައުމުގައި އޭނާގެ އަމިއްލަ ވިޔަފާރިއެއް ހިންގިނަމަވެސް ޙައްޖު ފަދަ އަޅުކަމަކަށް އޭނާ ދާން ބޭނުންވީ ހިތާ ރޫޙުން ފާފަތަކާ ދުރުހެލިވެގެން ހުރެއެވެ. އޭނާ ސިފަކުރި ގޮތުގައި ހިނގައިފައި ޙައްޖަށް ދިޔުމަކީ އޭނާ ކުރި ޖިހާދެކެވެ.

“އަހަރެން މިކުރަނީ މަތިވެރި ޖިހާދެއް. ނަފްސް އިސްލާހު ކުރުމާއި ފާފަތަކުގެ މައްޗައް ކާމިޔާބު ލިބުން” އިންޓަރވިއުއެއްގައި ޙަމިމް ބުނެފައިވެއެވެ. ދަތުރުގައި އޭނާ ބޭނުންކުރި ޓީޝާޓްގައިވެސް ލިޔެފައިވަނީ “މާތް ﷲ އާ ވަކީލުކޮށްލައިގެން އަހަރެން މިދަނީ ފައިމަގުގައި މައްކާއަށް” މިހެންނެވެ.

ޙައްޖަށް ދިޔުމަށް ކުރި އުނދަގޫ ދަތުރުގައި އޭނާ ބަނީ ދެފަހަރު ބަލިވެފައެވެ. އަދި ކަކުލަށް އެރި ތަދުގެ ސަބަބުން ހިނގުން މަދު ކުރަން ޖެހުނު ކަމަށްވެސް އޭނާބުންޏެވެ. އަދި ދަތުރު ކުރަމުން ދިޔައިރު އެމަންޒަރުތައް ރިކޯޑްކޮށް ސޯޝަލް މީޑިޔާއަށް އަޕްލޯޑް ކުރަމުން ގޮސްފައއިވެއެވެ.

އުނދަގޫ ދަތުރަކަށްފަހު އޭނާވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްއޭނާގެ އުއްމީދު ހާސިލް ކޮށްފައެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.