އެޑިޑާސް އިން ޔުއެފާ ޔޫރޯ 2020 ގެ ރަސްމީ މެޗު ބޯޅަ ދައްކާލައިފިއެވެ. ޔުނިޓީ (އެއްބައިވަންތަކަން) ޔޫފޯރިއާ (އުފާވެރިކަމާއި، ކެތްމަދުވުމުގެ އިޙްސާސް) މި ދެ ލަފުޒު އެއްކޮށްލުމަށްފަހު “ޔުނިފޯރިއާ” މި ނަން އެ ބޯޅައަށް ދީފައިވަނީ ޔޫރޯގެ 60 ވަނަ މުބާރާތް ފާހަގަ ކުރުމުގެ ގޮތުން ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާތީއެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނެދަލޭންޑްސްގެ އެމްސްޓަޑެމް، އަޒަރުބައިޖާންގެ ބަކޫ، ސްޕެއިންގެ ބިލްބާއޯ، ރޫމޭނިއާގެ ބުކަރެސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޑެންމާކްގެ ކޯޕަންހޭގަން، އަޔަލޭންޑްގެ ޑަބްލިން، ސްކޮޓްލޭންޑްގެ ގްލާސްގޯ، އިންގްލެންޑްގެ ލަންޑަން، ޖާމަނީގެ މިއުނިކް، އިޓަލީގެ ރޯމް އަދި ރަޝިޔާގެ ސެއިންޓް ޕީޓަސްބާގު ގައެވެ. މުބާރާތުގެ ސެމީ ފައިނަލް އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ބޯޅައިގެ ފަރުމާގައި ހުރި ފިއްސަކުން ދަމާ ކަހަލަ ގަދަ ކަޅުކުލައިގެ ރޮނގުތައް ރަމްޒުކޮށްދެނީ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ އިންފާރާއި، އެއްގައުމުން އަނެއް ގައުމު ހުރަސްކުރުމަށް އޮންނަ ބޯޑަރުތަކެވެ.

ޔުއެފާ ޔޫރޯ 2020 ގެ ރަސްމީ ބޯޅަ “ޔުނިފޯރިއާ”

“ބޯޅަ ފަރުމާކުރުމުގައި އަހަރެމެން އަަބަދުވެސް ބަލަނީ ސިޓީތަކުގެ ސަގާފަތާއި، މަގުތަކުން ފެންނަ ޖޯޝާއި، ފޯރި ރަމްޒުކޮށްދެވޭ ކަހަލަ ގޮތެއް. އޭރުން ފަޚުރުވެރިކަމާއެކު ފުޓްބޯޅަ ދަނޑުތަކުގައި އަހަރެމެންނަށް އެ ދައްކާލެވޭނެ.” އެޑިޑާސްގެ އުފެއްދުންތައް ފަރުމާކުރާ އެނިކާ މޭރީ ކެނޯގް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ “އަހަރެމެންނަށް މުބާރާތުގެ މެޗުތައް ކުޅޭ ސިޓީ ތަކުން ފެނުނީ އެންމެން އެއްބައިވަންތަވެ އަތުގުޅާލައިގެން ބަދަލަކަށް މަސައްކަތް ކުރަންޖެހިފައިވާތަން.” މިހެންނެވެ.

އެޑިޑާސްގެ ބްރޭންޑް މާކެޓިންގެ ނައިބު ރައީސް ފްލޯރިއަން އާލްޓް ބުނެފައިވަނީ “ފުޓްބޯޅަ އަކީ އެންމެންނަށް އޮތް ކަމެއް. އޭގަ ބަލަން ނުޖެހޭ ކާކުތޯ؟ ނިސްބަތްވަނީ ކޮންތަނަކަށްތޯ؟ އަދި ކުޅެނީ ކޮންތަނެއްގަތޯ؟ ފުޓްބޯޅަ އަހަރެމެން އެންމެން އެއްބައިވަންތަކޮށްދޭ. ޔުނިފޯރިއާ ރަމްޒުކޮށްދެނީ އަހަރެމެން އެންމެން އެއްބައިވަންތަވެ އެންމެންނަށް އެކީ މިކަން ކުރެވޭނެ ކަން.”

ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ގުރުނެގުން އޮންނާނީ 30 ނޮވެމްބަރު 2019 ވަނަ ދުވަހުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2020 ވަނަ ދުވަހުގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2020 ވަނަ ދުވަހުގައެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.