ބުއްދީގެ ނިޢުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ބުއްދިއަކީ ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ވަރަށް މަތިވެރި ދަލީލެއް ކަމަށާއި އަދި އެއީ ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއްކަމަށާއި، ބުއްދިވެރިކަމަކީ އިންސާނާ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމުގައި މިއަދުގެ ޚުޠުބާގައި ވެއެވެ.
“މިއަދު އެކި ރޮނގުތަކުން އިންސާނުން ކުރިއަރައި، މީގެ ކުރިން އިންސާނުން ދެކެފައިނުވާ ޢިލްމީ ޢާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަޞީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދިއެވެ. ނިކަން ވިސްނައި ބަލާށެވެ! އިންސާނުން ބުއްދި އުފެއްދެވީ މަތިވެރިވެގެންވާ ޢާލަމްތަކުގެ ވެރި ﷲ ނޫން ހެއްޔެވެ؟ ފަހެ އެކަލާންގެ އެއްކައުވަންތަ ކުރުމަށް އިންސާނުންނާއި، ޖިންނީންގެ މައްޗަށް ލާޒިމުވެގެންވެއެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުކަމީ އެއީއެވެ.” މިއަދުގެ ޚުޠުބާގައިވެއެވެ.
އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ އެ އިލާހުގެ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ދޮގުކޮށް އުޅުމުގެ ސަބަބުން އެ ނިކަމެތި އިންސާނާ ނަރަކައަށް ވެއްދެވޭނެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا (الفرقان 44) މާނައީ: “ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެ ވެސް އެއުރެންގެ މަގުފުރެދުން ބޮޑެވެ.”
އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދި ނުވަތަ މި ޒަމާނުގެ ސައިންސުގެ އަލީގައި ކަށަވަރު ކުރެވޭނެ ކަންކަމެއް ނޫނެވެ. ﷲ ތަޢާލާ އެކަލާންގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ދެއްކެވި މުޢުޖިޒާތްތަކަކީ އެކަމުގެ ތެދުދޮގު ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ކަށަވަރު ކުރެވޭނެ ކަންކަމެއްނޫނެވެ. އަދި ކީރިތި ޤުރުއާނާއި رسول الله صلي الله عليه وسلم ގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެކަންކަން ޤަބޫލުކޮށް ޢަމަލު ކުރަންޖެހޭނެ ކަންކަމެވެ.
ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެކަން މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އެކަންތައްތަކަކީ އެއީ މި ދުނިޔޭގައި އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖާކޮށް ނަފުސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރިރަސްކަލާންގެއަށް އިސްތިޣުވާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފުސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާއިއެކު ހޭދަކުރާ ވަގުތެވެ.
މިއަދުގެ ޚުޠުބާގައި ވެއެވެ. ” ބުއްދިއަކީ ނިޢުމަތެކެވެ. އެއާއިމެދު އިންސާނާ އޭނާ ހައްދަވާބޮޑުކުރެއްވި ﷲ ގެ ހަޟްރަތަށް ޝުކުރުވެރި ވާންޖެހޭނެއެވެ. އަދި ބުއްދިއަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. މިގޮތުން ޖުވާކުޅުމާއި، ރާބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި، ޙަރާމް ތަކެތި ކެއުންފަދަ ކަންކަމަކީ ދެދުނިޔޭގައި ވެސް ގެއްލުން ހުރި ކަންކަމެވެ. ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރެވޭނީ މުޖުތަމަޢުގެ އެންމެހައި އަފުރާދުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރި ވެގެންނެވެ.”
މި ފަނާވަނިވި ދުނިޔެއަކީ އިންސާނާގެ ވަގުތީ މަންޒިލެކެވެ. އެހެންކަމުން ﷲ ދެއްވި މަތިވެރި ބުއްދީގެ ނިޢުމަތް ހެޔޮގޮތުގައި ބޭނުންކުރި ކަމުގައިވާނީ އުމުރު ނަގައި ނުލައި ކުށް ފާފަތަކުން ދުރުވެ ﷲ ގެ މަގަށް ރުޖޫޢަވުމުންނެވެ. ﷲ ގެ ރުހިވޮޑިގަތުމާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގަނެވޭނީ އޭރުންކަމުގައި މިއަދުގެ ޚުޠުބާގައިވެއެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި