ބޮޑު ވާދީއެއްގެ ވަށައިގެން ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ދެ އަހަރުގެ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު މެނުވީއެވެ. އެ ތުއްތުކުއްޖާގެ މަންމަ އޭނާ މަސަލަސްކުރުމުގެ ގޮތުން ކައިރިއަށް ގެނެސް ނުހަނު ލޯތްބާއި، އޯގާތެރިކަމާއެކު ބައްދާލާ ކޮނޑުމަތީގައި ބާއްވާލުމުން އިސާހިތަކު އެކުއްޖާއަށް ނިދިއްޖެއެވެ.
“މާތް ﷲ ތިބާގެ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށި، މުޙައްމަދު ގެ ބައްޕާ. ތިބާ އަހަރެމެންގެ ބަނޑު ފުރާނަ މުއްތިކޮށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް މައްކާ އިން ގާޒާ އަށް ހިޖުރަ ކުރީމު. ތިބާ ފަސްދާނުލާން ވެސް މިޖެހުނީ މިތަނުގައި. މިހާރު އަހަރެން ދަތުރު ކުރަމުން މިދަނީ އަނެއްކާވެސް މައްކާއަށް ދިއުމަށް. މައްކާ އަށް ގޮސް އަހަރެމެންގެ ދަރިފުޅު އޭނާ ނިސްބަތްވާ މުއްޠަލިބު ވަންހައިގެ މީހުންގެތެރޭގައި އޭނާ ތަރުބިއްޔަތުކޮށް ބޮޑުކުރުމަށް.” މާ ދުރުން ފެންނަން ހުރި އުދަރެހަށް ބަލަހައްޓައިގެން ހުރެ، މާޒީގެ އުފާވެރި ހަނދާންތައް އާކުރަމުން ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ކުރަކި އަޑަކުން އެ ތުއްތުކުއްޖާގެ މަންމަ ބުންޏެވެ. ކުރާނީ ކީއްހެއްޔެވެ. ޙަޔާތަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ވަކިވެގެން ދިޔައީ އެންމެ އޯގާތެރި އަދި އެންމެ ލޯބިވާ ފިރިމީހާއެވެ. އެއީ ފިރިމީހާގެ އިތުރުން އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ.
މައްކާގައި ތުއްތުކުއްޖާ އާއި އޭނާގެ މަންމަ ދިރިއުޅުމެން ދިޔައީ އެކުއްޖާގެ ބައްޕަގެ އާއިލާގެ ހިމާޔަތުގައެވެ. ތުއްތުކުއްޖާގެ ހުރިހާ ޒިންމާތައް އަމިއްލަފުޅަށް އުފުލަމުން ދިޔަ ހިތްވަރުގަދަ ކަމަނާ، އެކުއްޖާއަށް އިސްލާމްދީނުގެ މަތިވެރި ޢިލްމާއި، ދުނިޔެވީ ތަޢުލީމާއި، ރިވެތި އަޚްލާޤު ދަސްކޮށްދީ، ޙިކުމަތްތެރި، ސޯލިޙު ކުއްޖަކަށް ހެދުމަށް ދިޔައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކުއްޖާއަށް ކީރިތި ޤުރުއާން އުނގަންނައިދީ ލިޔަންކިޔަން ދަސްކޮށްދިނުމުގެ ބޮޑު ޒިންމާ އަމިއްލަ ކޮނޑަށް ނަންގަވާ އެކަން ކުރައްވަމުން ގެންދެވީ އެކަމަނާ އަމިއްލަފުޅަށެއެވެ.
އެކަމަނާގެ ހުރި ފަގީރުކަމާއި، ނިކަމެތިކަމުގެ ސަބަބުން އެކުއްޖާއަށް ތަޢުލީމް ހާސިލްކޮށްދިނުމަށް ފޮނުވަން ޖެހުނީ ސަހަރުގައި ހުރި އެންމެ އާދައިގެ މަދަރުސާއަށެވެ. ދަތި އުނދަގޫތަކާ އެކު ވެސް ތުއްޕުޅުކަމުން ރަނގަޅަށް ހިންގަވަން ވެސް ނޭނގޭ މުޙައްމަދުގެ އިބްނު އިދްރީސް އައް ޝާފިޢީ رحمه الله ފުރަތަަމަ ދުވަހު މަދަރުސާ އަށް ވަޑައިގަތެވެ. މަދަރުސާ އަށް ވަޑައިގަތް ފުރަތަަމަ ދުވަހު މުދައްރިސަށް ޝާފިޢީގެފާނު ފެނިވަޑައިގެން ކައިރިއަށް ގެންނަވާ ކިޔަވައިދޭއިރުގައި ކަނުލާ އަޑުއައްސަވާ ބޮޑެތިމީހުންގެ ބަސް އެހުމަށް ނަސޭހަތް ދެއްވާ ކައިރީގައި އިށީނުމަށް ދެންނެވިއެވެ.
ދުވަސްތައް ވޭތުވަމުން ދިޔަ އެވެ. ޝާފިޢީގެފާނުންގެ ތޫނުފިލިކަމާއި، ކިޔަވައިދޭ އެއްޗެތި ހިތުން ދަސްކުރައްވާލެއް އަވަސްކަމާއި، ޢިލްމު އުނގެނުމަށް ހުރި ޝައުގުވެރިކަން ފެނި މުދައްރިސް އިހުނަށްވުރެ ބޮޑަށް އެކަލޭގެފާނުން ދެކެ ލޯބި ޖެހި، އެކަލޭގެފާނަށް ޢިލްމު އުނގަންނައި ދިނުމުގެ މަސައްކަތް ކުރިއަށް ވުރެން ބޮޑަށް ކުރެއްވިއެވެ. އެއް ދުވަހަކު ޝާފިޢީގެފާނު ގެންނަވާ މުދައްރިސް އެކަލޭގެފާނަށް ވިދާޅުވިއެވެ.
“ދަރިފުޅާ. ދަރިފުޅަކީ ވަރަށް ވިސްނުންތޫނު، ތޫނުފިލި ކުއްޖެއް. މިހާރު އަހަރެންނަށް ލިބިފައި ހުރި ޢިލްމެއް ދަރިފުޅަށް ތިހުރީ ދަސްވެފަ. ދަރިފުޅަށް އަހަރެން އިތުރަށް ދަސްކޮށްދޭނެ އެއްޗެއް ނެތް. ދަރިފުޅު އަތުން އެއްވެސް ފީ އެއް ވެސް ބޭނުމެއް ނޫން. އަހަރެން ބޭނުމީ އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ ބަދަލުގައި ދަރިފުޅު އެހެންމީހުނަށް ޢިލްމު އުނގަންނައި ދިނުން.” ޝާފިޢީގެފާނުން މި އުފާވެރިކަމުގެ ޚަބަރު އެކަލޭގެފާނުގެ މަންމާފުޅަށް އަށް ދެއްވިއެވެ. އަދި މަދަރުސާ އަށް ފީ ދައްކަން ނުޖެހޭނެ ވާހަކަ މަންމާފުޅަށް ދެންނެވިއެވެ. ޝާފިޢީގެފާނުންގެ މި އުފާވެރި ކާމިޔާބާއެކު ވެސް އެކަލޭގެފާނުގެ މަންމާފުޅު ދިޔައީ އެކަލޭގެފާނަށް އިތުރަށް ޢިލްމު އުނގަންނައި ދެއްވުމަށް ބާރުއަޅުއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން ހަތް އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ.
އިމާމް ޝާފިޢީގެފާނުން ކީރިތި ޤުރުއާން ހިތުދަސްކުރެއްވުމުގެ ބޮޑު އުފަލާއެކު އެކަލޭގެފާނުންނަށް އިތުރަށް ޢިލްމު އުނގަންނައި ދެއްވުމަށް އެކަލޭގެފާނުންގެ މަންމާފުޅު މާތްވެގެންވާ ޙަރަމްފުޅަށް އެކަލޭގެފާނު ފޮނުއްވިއެވެ. އެތަނުގައި އިންނަވައިގެން އޭރުގެ ބޮޑެތި ޢިލްމުވެރިން ދެއްވާ ދަރުސްތަކާއި، ފަތުވާތައް ކަނުލާ އަޑު އައްސަވަމުން ގެންދެވި އެވެ. އަޑުއައްސަވާ އެއްޗެތި ލިޔުއްވާނެ ކަރުދާސް ގަންނާނެ ފައިސާ އަތްޕުޅުގައި ނެތުމުން ރުކުގެ ފަނުގައި އަދި ޖަމަލުގެ ކޮނޑު ކަށިގަނޑު ގައި ލިޔުއްވާ ހެއްދެވިއެވެ.
ކީރިތި ޤުރުއާން އަދި މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ސުންނަތް އެންމެ ރަނގަޅަށް އުނގެނި، ދިރާސާކޮށް ހެދުމަށް އެވޭލާ ޒަމާނުގެ ޢަރަބި ބަހުގެ މުހިންމުކަން އެނގިވަޑައިގަތުމުން އޭރުގައި ޢަރަބި ބަހުގައި އެންމެ ކުރިއަރާފައިވާ ހުޘައިލް ވަންހައިގެ ދަރިކޮޅުގެ މީހުން ކައިރިއަށް ވަޑައިގެން އިމާމް ޝާފިޢީގެފާނު އެތަނުގައި އަހަރުތަކެއް ހޭދަކުރެއްވިއެވެ. މި އަހަރުތަކުގައި ޢަރަބި ބަހުގެ ތާރީޚާއި، އިސްލާމީ ތާރީޚު ދަސްކުރެއްވިއެވެ. އަދި ދުނި ދަނޑި ޖެހުމާއި، ހެވިކަން ވެސް ދަސްކުރެއްވިއެވެ. އެކަލޭގެފާނުން ދުނި ދަނޑި ޖައްސަވާ އިރު އަމާޒުން ނައްޓައިގެން ނުދާކަމާށްވެއެވެ.
އަހަރުތަކަކަށް ފަހު އިމާމް ޝާފިޢީގެފާނު މައްކާއަށް އެނބުރިވަޑައިގަތެވެ. ނަމަވެސް ޢިލްމު އުނގެނުމުގެ ކަރުހިއްކުން ފިލައިގެން ނުދެއެވެ. އިތުރަށް ޢިލްމު އުނގެނުމަށް ދެން އެކަލޭގެފާނު ވަޑައިގަތީ މައްކާގެ އޭރުގެ އެންމެ ބޮޑު ޢިލްމުވެރިޔާ މުފްތީ މުސްލިމް އިބްނު ޚާލިދު އައްޒިންޖީ رحمه الله ގެ އަރިހަށެވެ. މިއީ ފިޤުހު ޢިލްމުން ޝާފިޢީގެފާނުންގެ އެންމެ ފުރަތަމަ އުސްތާޛެވެ. އަދި ހަދީޘް ގެ ޢިލްމު އުނގެނިވަޑައިގަތީ އޭރު ހަރަމްފުޅުގައި ހަދީޘް އުނގަންނައި ދެއްވި ޢިލްމުވެރިޔާ ސުފްޔާން އިބްނު އުޔާނާ رحمه ﷲ ގެ އަރިހުންނެވެ.
މާގިނަ ދުވަސްތަކެއްނުވެ ފުންނާބުއުސް ޢިލްމުވެރިއަކަށް އެކަލޭގެފާނުގެ ވެވަޑައިގަތެވެ. އެކަލޭގެފާނުންގެ އުމުރުން އެންމެ 15 އަހަރުގައި ދީނީ ފަތުވާ ދިނުމާއި، ދީނީގޮތުން ކުރިމަތިވާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ހުއްދަ އެކަލޭގެފާނުންގެ އުސްތާޛް އަދި މައްކާގެ އޭރުގެ އެންމެ ބޮޑު ޢިލްމުވެރިޔާ މުފްތީ މުސްލިމް އިބްނު ޚާލިދު ދެއްވިއެވެ.
“އޭ މުޙައްމަދެވެ. ފަތުވާ ދެއްވާށެވެ. މީހުންގެ ސުވާލުތަކަށް ޖަވާބުދެއްވާށެވެ. ﷲ އަށްޓަކައި ބުނަމެވެ. މިހާރު ތިޔަހުރީ ފަތުވާ ދެވޭނެ ވަރަށް ޢިލްމު އުނގެނިފައެވެ.” އިމާމް ޝާފިޢީގެފާނުންގެ އުސްތާޛް އެކަލޭގެފާނަށް ދެންނެވިއެވެ.
އިމާމް ޝާފިޢީގެފާނުންގެ އަނެއް އުސްތާޛް ސުފްޔާން އިބްނު އުޔާނާ އަށް ހުށަހެޅޭ ސުވާލުތަކަށް ޖަވާބުދެއްވަމަށް ޝާފިޢީގެފާނަށް އިނގިލިން އިޝާރާތް ކުރައްވަމުން ވިދާޅުވެއެވެ. “މިކުއްޖާ ކައިރީގައި އަހާށެވެ.”
މައްކާގައި ޢިލްމު އުނގެނުމުގެ މަސައްކަތާއިގެން މަސްޢޫލުވެ އުޅުއްވަނިކޮށް މަދީނާގެ މަޝްހޫރު ޢިލްމުވެރިޔާ އިމާމު މާލިކް އިބްނު އަނަސް رحمه الله ގެ ޚަބަރު އިވިވަޑައިގެން އެކަލޭގެފާނު އަރިހުން ޢިލްމު އުނގެނިވަޑައިގަންނަވަން އިމާމް ޝާފިޢީގެފާނު ބޭނުންފުޅުވިއެވެ. ނަމަވެސް އިމާމް މާލިކް ގެ އަރިހަށް ވަޑައިގަންނަވާއިރު ކުރައްވާނެ ސުވާލަކަށް ތައްޔާރުވުމުގެ ގޮތުން އިމާމް މާލިކްގެފާނުގެ މަޝްހޫރު ފޮތް އަލް މުވައްޠާ އެންމެ ނުވަ ދުވަހުން ހިތުދަސްކުރެއްވިއެވެ. އެއަށްފަހު އިމާމް މާލިކްގެފާނުގެ އަރިހަށް މަދީނާ އަށް ވަޑައިގެން އެކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނުމުގެ ޝަޢުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ޢިލްމު އުނގެނުމަށް ކުރެއްވި މަސައްކަތްޕުޅު ޙިއްޞާ ކުރެއްވިއެވެ. އިމާމް ޝާފިޢީގެފާނުންގެ ވާހަކަ އަޑު އައްސަވަން އިންނަވާފައި އިމާމް މާލިކްގެފާނުގެ ވިދާޅުވިއެވެ. “ދަރިފުޅާއެވެ. މާތް ﷲގެ އިރާދަފުޅުން ތިބާގެ މުސްތަގުބަލް ވަރަށް އުޖާލާ އެވެ. މާދަމާ އަންނާށެވެ. މާދަމާ އަންނައިރު ތިބާއަށް އަލް މުވައްޠާ ކިޔައިދެވޭ ވަރުގެ މީހެއް ގެންނާށެވެ. އަހުރެން ތިބާޔަށް އެ ކިޔަން ނޭނގިދާނެކަމުގެ ބިރު ހީވަމެވެ.”
“އިމާމް. އަޅުގަނޑު އެއްވެސް އެއްޗަކަށް ނުބަލާ އެ ފޮތް ކިޔާނީ އަމިއްލައަށް.” ވަރަށް އަދަބުވެރިކަމާއެކު ޖަވާބުގައި އިމާމް ޝާފިޢީގެފާނުން ދެންނެވިއެވެ. އިމާމް މާލިކްގެފާނުގެ އަރިހުން ޢިލްމު އުނގެނުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށް ފަހު އިމާމް ޝާފިޢީގެފާނު އަނބުރާ މައްކާއަށް ވަޑައިގަތީ ހިޖުރައިން 179 ވަނަ އަހަރު އިމާމް މާލިކް އަވަހާރަވުމުންނެވެ.
މައްކާ އަށް ވަޑައިގެން މުސްލިމުންގެ 3 ވަނަ ޚަލީފާ އުސްމާން އިބްނު ޢައްފާން رضي الله عنه އަށް ކާފަ ވިދާޅުވާ ބޭކަނބަލެއް ކަމުގައިވާ ޙަމީދާ ބިންތި ނާފީ އާ ކައިވެނި ބައްލަވައިގެން ދެ ފިރިހެން ބޭފުޅުންނާއި، އަންހެން ކަނބަލެއް ލިބިވަޑައިގަތެވެ.
ޒަމްޒަމް ވަޅު ހުރި ސަރަހައްދުގައްޔާއި، އިބްރާހީމް عليه السلام މަގާމު ހުރި ސަރަހައްދުގައި އިމާމް ޝާފިޢީގެފާނު މީސްތަކުންނަށް އިސްލާމްދީނުގެ ޢިލްމު އުނގަންނައި ދެއްވުމުގެ މަސައްކަތް ކުރެއްވި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެކަލޭގެފާނުގެ އަރިހަށް އިސްލާމްދީނުގެ ޢިލްމު އުނގެނުމަށް އައިސްފައިވެއެވެ. އިމާމް ޝާފިޢީގެފާނުންގެ ޚަބަރު އިރާގަށް ފޯރުމުން އިރާގުގެ ފުންނާބުއުސް ޢިލްމުވެރިއެއް ކަމުގައިވާ އަބްދުއްރަޙްމާން އިބްނު މަޙްދީ ޝާފިޢީގެފާނުންގެ އަރިހަށް ސިޓީއެއް ފޮނުއްވާ ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި އަދި ޢިލްމުވެރިންގެ ރަޢުޔުތަކަށް ރިޢާޔަތްކޮށް އިސްލާމްދީނުގެ ހަމަތަކާއި، ޢުސޫލުތަކާއި އަދި ޙުކުމްތަކަށް ފޮތެއް ލިޔެ ދެއްވުމަށް އެދިވަޑައިގަންނެވިއެވެ. އިމާމް ޝާފިޢީގެފާނު ފޮތެއް ލިޔުއްވާ “އައް ރިސާލާ” ގެ ނަން އެފޮތަށް ދެއްވިއެވެ.
ހިޖުރައިން 195 ވަނަ އަހަރު އިމާމް ޝާފިޢީގެފާނު ބަގުދާދަށް ވަޑައިގެން އިސްލާމީ ޢިލްމު ފެތުރުއްވުމުގައި ދެ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނުންގެ އަރިހުން ވަރަށް ގިނަ އަދަދެއްގެ މީހުން ޢިލްމު އުނގެނުނެވެ. އެކަލޭގެފާނުގެ އަރިހުން އިސްލާމްދީނުގެ ޢިލްމު އުނގެނިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އިމާމް އަޙްމަދު އިބްނު ހަންބަލް رحمه الله ވެސް ހިމެނިވަޑައިގަންނަވައެވެ. އިމާމް އަޙްމަދު އިބްނު ހަންބަލް ވިދާޅުވިކަމަށް ވެއެވެ. “އިމާމް ޝާފިޢީގެފާނުގެ ސަބަބުން ނޫންނަމަ އަހަރެމެންނަށް ހަދީޘް ގެ ޢިލްމަކީ ކޮން އެއްޗެއްކަން ނޭނގުނީހެވެ.”
އިމާމް ޝާފިޢީގެފާނު އިރާގުން ވަޑައިގަތުމުގެ ކުރިން ފޮތެއް ލިޔުއްވާ އެފޮތަށް “އަލް ޙުއްޖާ” ގެ ނަން ދެއްވިއެވެ.
ހިޖުރައިން 199 ވަނަ އަހަރު އިމާމް ޝާފިޢީގެފާނު މިސްރަށް ވަޑައިގެން އިސްލާމްދީނުގެ ޢިލްމު އުނގަންނައި ދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނުންގެ އުމުރުގެ ފަހު ހަތަރު އަހަރު ހޭދަކުރެއްވީ އާލާސްކަންފުޅުގައެވެ. ނަމަވެސް ޢިލްމު ފެތުރުއްވުމުގައި އެކަން ހުރަހަކަށް ވިޔަ ނުދެއްވިއެވެ. މީސްތަކުންނަށް ޢިލްމު އުނގަންނައި ދެއްވުމަށް ފަހު ގެއަށް ވަޑައިގެން ހަށިކޮޅަށް އަޅާ ވޭނަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ މިސްރުގައި ލިޔުއްވި ފޮތް “އަލް ޙުއްޖާ” ލިޔެވިފައި ހުރީ ރަނގަޅަށްތޯ ބަލައި އިސްލާޙް ކުރަން ޖެހޭ ތަންތަން އިސްލާޙް ކުރައްވާ “އަލް އުއްމު” ގެ ނަން އެފޮތަށް ދެއްވިއެވެ. އެކަލޭގެފާނުން އަވަހާރަވަންދެން ޢިލްމު ފެތުރުއްވުމުގައި ދެމިހުންނެވި އެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރުގައެވެ. ފަސްދާނުލާފައި ވަނީ އަލް ޤުރައިޝިއްޔީން ކިޔާ ސަޙަރާއެއްގައެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި