އޭރު ޒިޔާން ގެ އުމުރުން ވާނީ އެއްމެ ހަތް އަހަރެވެ. ޒިޔާން އާއި އޭނާގެ މަންމަ މަގުމައްޗަށް ބިކަކޮށްލާފައި ޒިޔާން ގެ ބައްޕަ މާޖިދު އެހެން ކައިވެންޏެއް ކުރިއެވެ. ކައިވެނި ކުރެވުނީ ހަފައި ކައިއުޅޭ ޑައިނަކާއި އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިހާރު ޒިޔާން ގެ އުމުރުން ތޭވީސް އަހަރެވެ. ޒިޔާން ބޭނުންވަނީ އޭނާގެ ބައްޕަގެ ކިބައިން ބަދަލު ހިފާށެވެ. ނަމަވެސް ޒިޔާން ގެ ރުޅިގަނޑު ބާލަމުންދަނީ އެހެން މީހަކަށެވެ.

ޒިޔާން ގެ ބައްޕަ ނިޔާވުމުގެ ކުރިން، ކުރެވުނު ކުށް އިހްސާސް ކުރެވުނެވެ. މާޖިދާއި އެއްލޭ ހިނގާ ހަމައެކަނި ދަރިފުޅަށް އޭނާގެ ހުރިހައި މުދަލަކާއި ބިމެއް ހިބަކޮށްދިނެވެ. މާޖިދު ގެ ދެވަނަ އަނބިމީހާ އާއި އޭނާގެ ދެ ދަރިންނަށް ލޯލާރިއެއްވެސް ނުދެއެވެ. ޒިޔާން ގެ ދޮންމަންމަ ގެ ދޮށީ ދަރިފުޅު އާނިކާ އާދޭސްކުރި އެވެ. އޭނާގެ ދެބެއިން ގެއިން ނުނެރުމަށެވެ. ބިކަކޮށްނުލުމަށެވެ. ދާނެ އެއްވެސް ތަނެއް މާލޭގައި ނެތީމަ އެވެ. ޒިޔާން އެއްބަސްވި އެވެ. ޝަރުޠެއް ކޮށްފަ އެވެ. ޤުރުބަނީ އަކަށް އާނިޔާ ވުމަށެވެ. އެއީ އެހައި ބޮޑުކަމެއް ހެއްޔެވެ؟

ކޮންމެ މަހަކުވެސް އާނިކާ ގެ މަންމަ އާއި ބޭބެ އަށް ޒިޔާން މުސާރަ ދޭގޮތަށެވެ. ބަދަލުގައި އާނިކާ އަށް ޖެހުނީ ޒިޔާން އާއި ކައިވެނިކުރާށެވެ. ޒިޔާން އަށް ކިޔަމަންތެރި އަތްބެއްގެ ވާޖިބު އަދާކޮށްދޭށެވެ.

އާއިދާ ގެ އެއްވެސް ކުށެއް ނެތްކަން ޒިޔާން އަށް ނުވެސް އެނގޭކަހަލަ އެވެ. މަޑުމަޑުން އާނިކާ ގެ މުޅި ޙަޔާތް ބަރުބާދު ކުރަމުން އޭނާ ގެންދިޔައީ ހެދެނީ ކިހައިވަރެއްގެ ގޯހެއްކަން ނުވެސް އެނގިހުރެ އެވެ.

**********

ވާހަކައިގެ ސިނޮޕްސިސް ކިޔައިލުމުން ފަހަރުގައި އިނގިރޭސި ޑްރާމާ ސިލްސިލާ ‘ރިވެންޖް’ އާއި އެއްގޮތް ކަމަށް ފާހަގަ ކުރެވިދާނެ އެވެ. އެގޮތް ވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. މިއީވެސް ބަދަލުހިފުމުގެ ވާހަކަ އެކެވެ. ނަމަވެސް ވާހަކައިގެ ހަމަ ކޮންމެ އެޕިސޯޑެއް ވެސް ބިނާކުރެވިގެންދާނީ ރިވެންޖް ސީރީސް އާއި މުޅިން ތަފާތުކޮށް ކަމުގެ ޔަޤީންކަން ކިޔުންތެރިންނަށް އަރުވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.