ލ. ފޮނަދޫ ‎ޒިޔާދު އާއި ފަތުހީ އަކީ ވަރަށް ތަފާތު ދެ އެކުވެރިންނެވެ. މިޒާޖުގެ ގޮތުން އުޑާއި ބިމާހާ ތަފާތު ދެމީހުންނެވެ. އެހެން ނަމަވެސް ޚިޔާލު ތަފާތުވުމަކީ ރައްޓެހިކަމަށް އޮތް ގޮންޖެހުމެއް ނޫންކަން މިދެމީހުން ވަނީ ސާބިތު ކޮށްދީފައެވެ.

ފަތުހީ އަކީ ބަސްމަދު، މީހުންގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ނަމޫނާ ބައްޕައެކެވެ. ޒިޔާދުއަކީ މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ މީހެއްކަމުން މި ދެ ރަހުމަތްތެރިންގެ އެކުވެރިކަމަކީ އަޅުގަނޑަށް ވަރަށް ފާހަގަކޮށްލެވޭ ކަމަކަށްވިއެވެ. އޭގެ ތެރެއިން އެކަކު އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ވުމާއި އަނެކަކު އެއީ އަޅުގަނޑު އާއިލާގެ މީހުން ތެރެއިން އެންމެ ލޯބިވާ އެއް ބޭބެ ކަމުން، ދެމީހުންގެ މިޒާޖުވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދެމީހުންވެސް މަސައްކަތް ކުރަނީ އެއްތަނެއްގައެވެ. ދެމީހުން ކުރަނީވެސް އެއް މަސައްކަތެކެވެ.

“އެފްޒެޑް ޗެލެންޖް ރަން 2019” ގައި ފޮނަދޫގެ ބައެއް ޒުވާނުން ބައިވެރިވި – ފޮޓޯ: ސާލިހާ

ލ. ފޮނަދޫގެ ހިތްގައިމު ލިންކްރޯޑުގައި މިއަދުގެ ހިތްފަސޭހަ ހެނދުނު ބޭއްވި “އެފްޒެޑް ޗެލެންޖް ރަން 2019” ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަކަމަށެވެ. ދެ އެކުވެރިންގެ އެކުވެރިކަން އިތުރަށް ބަދަހިވި ކަމަކަށެވެ. އެ ދެ އެކުވެރިންގެ އިތުރުން އެތައްބައެއްގެ ގުޅުން ބަދަހިކުރުވި ޗެލެންޖަކަށެވެ.

“ފަތުހީ އާއި ޒިޔާދުގެ ޗެލެންޖް ރަން 2019” ފެށިގެން އައި ގޮތާ ބެހޭ ގޮތުން ޒިޔާދުއާ ސުވާލުކޮށްލުމުން ޒިޔާދު ބުނެފަ ވަނީ މި ޗެލެންޖަކީ ފަތުހިޔާ ދެމީހުން ކުރި ބެޓެއް ކަމަށެވެ.

“އެފްޒެޑް ޗެލެންޖް ރަން 2019” ގެ ތެރެއިން – ފޮޓޯ: ސާލިހާ

ހަމަ ގައިމުވެސް މި ޗެލެންޖު މިހާ ފުޅާކޮށް ގެންދިޔަ ގެންދިއުމުން އަންގައިދެނީ ފަތުހީ އާއި ޒިޔާދުގެ ރަހުމަތްތެރިކަމަކީ ވަރަށް ވަރުގަދަ ގުޅުމެއްކަން އަންގައިދޭ އަލިގަދަ ހެއްކެކެވެ. ވާދަވެރިވުމަކީ ރައްޓެހިކަމަށް ބުރޫ އަރަން ޖެހޭ ކަމެއް ނޫންކަމާ ވާދަވެރިކަން އެއީ ރަނގަޅުގޮތުގައި އޮންނަންޖެހޭ އެއްޗެއް ކަން މިދެމީހުން ސާބިތުކޮށްދީފިއެވެ.

“އެފްޒެޑް ޗެލެންޖް ރަން 2019” ގެ ތެރެއިން ޒިޔާދު، ކައުންސިލް މެންބަރު ޠާހާ އަދި ފަތުހީ – ފޮޓޯ: ސާލިހާ

ދެ ރަހުމަތްތެރިންގެ މި ޗެލެންޖުން އަޅުގަނޑުމެން މިސާލު ނެގުން ކީއްތޯއެވެ. އަޅުގަނޑުމެން އެންމެންވެސް މިގޮތުގައި ރަހުމަތްތެރިކަން ބާއްވާ ނަމަ، މުޅި މުޖުތަމަޢަށް އެކަމުގެ ފައިދާ ކުރާނެކަން ޔަގީނެވެ. އަޅުގަނޑު އެދެނީ މި ރަހުމަތްތެރިންނަށް އިތުރު ކުރިއެރުން ލިބުމަށެވެ. އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވުމަށެވެ. ކުރިޔަށް އޮތްތަނުގައިވެސް މިކަހަލަ އެއްބައިވަންތަ ކުރުވަނިވި ކަންކަން ފެނިގެން ދިއުމެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.