މިރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލް ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ވަރުގަދަކޮށް ފެށި މެންޗެސްޓަރ ސިޓީ އަށް ސިހުން ގެނުވީ ލިވަޕޫލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމުގެ މިޑްފިލްޑަރ ފަބީނިއޯ މެޗުގެ 6 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑުނެގުމުންނެވެ. ނަމަވެސް ލިވަޕޫލް އިން މި ގޯލް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީ އިން އުފެއްދި ހަމަލާއެއްގައި ލިވަޕޫލްގެ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު އެލެކްޒެންޑާ އާނޯލްޑް އަތުގައި ޖެހުމުން ޕެނަލްޓީ ހޯދުމަށް ރެފްރީ ގާތުގައި ޝަކުވާ ކުރަނިކޮށެވެ. ފަހުން ވީ.އޭ.އާރު އިން ޗެކް ކުރުމަށް ފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާ ރެފްރީ ވަނީ ލިވަޕޫލްގެ ގޯލު ރަނގަޅު ކަމަށް ނިންމާފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބާޓްސަން ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސަލާހް ވަނީ ލިވަޕޫލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެންޗެސްޓަރ ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަަމަ ހާފްގައި ގޯލެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ.
ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 51 ވަނަ މިނެޓުގައި ހެންޑަސަން ނަގައިދިން ހުރަހަކުން ސަޑިއޯ މާނޭ ވަނީ ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލްގެ މި ގޯލާއެކު މެންޗެސްޓަރ ސިޓީގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ދިޔައީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މެންޗެސްޓަރ ސިޓީ އަށް ސުން ކަނޑުވާލެވުނީ މެޗުގެ 78 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ކާމިޔާބުކޮށްދިން ގޯލުންނެވެ.
ލިވަޕޫލްގެ ދަނޑުގައި މެންޗެސްޓަރ ސިޓީ ފާއިތުވެދިޔަ 17 މެޗުގައި ވެސް މޮޅުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ލިވަޕޫލް އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވާތާ 900 ދުވަސް މިވަނީ ވެފައެވެ. މި މެޗުން ހޯދި މޮޅާ އެކު 34 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު މެންޗެސްޓަރ ސިޓީ އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި