މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގާލާ ރައުންޑާއި ހަމައަށް ދަތުރުކޮށް، ގަދަ ހަޔަކާއި ހިސާބުން އެ ޝޯ އާއި ވަކިވާން ޖެހުނު، ހުނަރުވެރި ލަވަކިޔުންތެރިޔާ އަޙްމަދު ފަރަޝް ވެސް ‘އިއްޔަ ރިކޯޑްސް’ އަށް ސޮއެކޮށްފި އެވެ.

ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ‘އިއްޔަ ރިކޯޑްސް’ ގެ ހަފޮޅުގެ ތެރެއަށް ގިނަ ޢަދަދެއްގެ އާޓިސްޓުން އެތެރެކުރަމުން އަންނައިރު، މިިއީ މިމަހު އެ ލޭބަލް އާއި ގުޅުނު، މަޤްބޫލުކަން ހޯދާފައިވާ ދެވަނަ އާޓިސްޓުކަން ފާހަގަކޮށްލެވެއެވެ.

މިމަހު 6 ވަނަ ދުވަހު، ‘އިއްޔަ ރިކޯޑްސް’ އަށް ޙަސަން އިބްރާހިމް ނުވަތަ ”އެއްކިބާ“ ހަސަން ސޮއެކޮށްފައިވެއެވެ. ހަސަން ސޮއެކުރި ޚަބަރު ދެމުން ‘އިއްޔަ ރިކޯޑްސް’ގެ ސީއީއޯ އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) މުނިއަވަސް އަށް ބުނީ ވަރުގަދަ އެހެން އާޓިސްޓެއްވެސް ސޮއެކުރާނެ ކަމަށެވެ.

މިއުޒިކީ ދާއިރާއާއި ފަރަޝް ވަކިވެއްޖެ ކަމުގެ އަޑު އަރާފައި ވަނިކޮށް، އޭނާ ‘އިއްޔަ ރިކޯޑްސް’ އާއި ގުޅުނު ޚަބަރު ލިބުމުން މުނިއަވަސް އިން ފަރަޝް އާ ވާހަކަދައްކައިލުމުން ބުނީ މިއުޒިކީ ދާއިރާއާ ދުރަށް ނުދާކަމަށާއި ބްރޭކެއް ނެގީ ކަމަށެވެ. ‘އިއްޔަ ރިކޯޑްސް’ އާއި ގުޅުނީ ކީއްވެގެންތޯ އެހުމުން، ލަވަކިޔަން ބޭނުންވާތީ ކަމަށް ބުނަމުން އުމުރުން 23 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ މީޑިއާއަށް އެކަމާމެދު އެއްވެސް އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

މީޑިއާއަށް ފަރަޝް އެއްވެސް މަޢުލޫމާތެއް ނުދިނަސް މައްސަލައެއް ނެތްތާއެވެ. ހަމަ ގައިމުވެސް ‘އިއްޔަ ރިކޯޑްސް’ އާ ފަރަޝް ގުޅުން ވެގެންދާނީ އޭނާގެ ފޭނުންނަށް ލިބޭ އުފާވެރި ޚަބަރަކަށެވެ.

އިއްޔަ ރިކޯޑްސް’ގެ މަސައްކަތަކުގެ ސްޕީޑް ހުރިގޮތުންނާއި މިއަދުވެސް ‘އިއްޔަ ރިކޯޑްސް’ގެ ސްޓޫޑިއޯގައި ފަރަޝް ވަގުތުތަކެއް ހޭދަކޮށްފައިވުމުން ގަބޫލުކުރެވެނީ އޭނާގެ ލަވައެއް ވަރަށް އަވަހަށް ނިކުންނާނެ ކަމަށެވެ.

ވީޑިއޯ އަދި އޯޑިއޯ ޕްރޮޑަކްޝަން މަސައްކަތް ކުރުމަށް މި އަހަރު އުފައްދާފައިވާ ‘އިއްޔަ ރިކޯޑްސް’އާ ހުނަރުވެރި އާޓިސްޓުން ތަކެއް ގުޅެމުންދާއިރު، އެ ރެކޯޑްސް އާ އެންމެ ފުރަތަމަ ގުޅުނު މަޝްހޫރު އެއް ފަންނާނަކީ މޯލްޑިވިއަން އައިޑަލް އިން ވިދައިލި ހަމޫދު އަޙްމަދު އެވެ.

މި އަހަރު ޖޫން މަހުގެ 19 ގައި ކުރީގެ މަޝްހޫރު ރެޕާ އިރުފާން ލަޠީފް (ޓްރޯ)، މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ’ޓޮޕް ސިކްސްޓީން‘ އިން ފެނިގެންދިޔަ ވޯކަލިސްޓް އަދި ޕިއާނިސްޓް އަޙްމަދު މާއިޝް ނިޔާޒްއިއްޔަ ރިކޯޑްސް’ އަށް ސޮއެކުރި އެވެ. މީގެ އިތުރުން ރެޕަރ ޒޫމް ވެސް ސޮއިކޮށްފައިވެއެވެ. މީގެ އިތުރުންވެސް މަޝްހޫރު ބައެއް ފަންނާނުން ސޮއެކޮށްފައިވެއެވެ.

ޒޫމް، މާއިޝް އަދި ޓްރޯ އާއި އިއްޔަ މުސްތާޤް އަދި ހަމޫދު – ފޮޓޯ: އިއްޔަ ރެކޯޑްސް

ގިނަ އާޓިސްޓުންތަކެއް ‘އިއްޔަ ރިކޯޑްސް’ އަށް ހޯދަމުންދަނީ ކީއްވެގެންތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން އިއްޔަ ބުނީ ގިނަ އަމިއްލަ ރާގުތަކަކާއެކު ތަފާތު އަޑުތަކުން އެހުންތެރިންނަށް ގިނަ ލަވަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

”އަދި އަޑުއެހުންތެރިންނަށް މި ދެނީ އެތައް ބައިވަރު ޗޮއިސްތަކެއް، އެއީ އަހަރުމެން ކުރިއަށްދާނީ ހަމައެކަނި އެއް ވައްތަރެއްގެ މިއުޒިކަކާ އެކުގައެއް ނޫން. ކޮންމެ ޖޮންރާއެއް އަޑުއަހާ ބޭފުޅުންނަށް ވިޔަސް އެ ބޭފުޅެއްގެ ބޭނުންތަކަަށްވެސް ކޭޓާ ވާގޮތަށް މިއުޒިކު ނެރެދިނުން އަމާޒަކީ.“ އިއްޔަ ބުންޏެވެ.

އިއްޔަ ރިކޯޑްސް’ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.