ދުވަސްތަކެއް ވެގެން ދިޔައިރުވެސް ސާހިލްގެ ހަބަރެއް ނުވެއެވެ. އޭނަގެ އުފަން ރަށަށް ފުރައިގެން ދިޔަފަހުން ސާހިލް އަކީ އުޅޭ މީހެއްކަންވެސް ނޭގެއެވެ. ސާމިހާގެ ގާތުގައި ކުޑަކުޑަ ސީކް ހުރުން ވެގެން ދިޔައީ ސާމިހާގެ ހަޔާތުގެ ފަޅުކަން ފިލައިގެން ދިއުމުގެ އަސްއަލަކަށެވެ. ނަމަވެސް ސީކް ފެންނަ ކޮންމެފަހަރަކު ސާހިލްގެ ހަނދާންތައް އާވެގެންދެއެވެ. އެ ދަރިފުޅުގެ މުސްތަގުބަލާމެދު ވިސްނަން މިއަދު ހުރީ ސާމިހާ އެކަންޏެވެ. ބައްޕައެއްގެ ލޯބިން މަހްރޫމްވެފައިވާ ކުއްޖެއްގެ ގޮތުގައި ސީކް ބޮޑުވުމަކީ ސާމިހާ އެދޭ ކަމެއްނޫނެވެ.

ދުވަހަކީ އާދައިގެ މަތިން އޮފީހުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނުދުވަހެކެވެ. ގެއަށް ދެވޭނެ ވަގުތަކަށް އިންތިޒާރުކުރަމުން ސާމިހާ ދިޔައީ ނިންމަން ހުރި މަސައްކަތްތައް ނިންމަމުންނެވެ. އޮފީސް ސްޓާފުންނަށް ބާއްވާ މީޓިންނެއް މިރޭ އޮތުމާއެކު އަވަހަށް ގެއަށް ދިއުމަށް ސާމިހާ ހުރީ ބޭނުންވެފައެވެ. ނަމަވެސް އަވަހަށް ގެއަށް ގޮސްފިނަމަ މަސައްކަތްތައް ފުނިޖެހުން ނޫންކަމެއް ނުވާނެއެވެ. މާދަމާވެސް މި މަސައްކަތްކުރަން ހުންނާނީ ހަމަ ސާމިހާއެވެ.

މަސައްކަތުގައި އަވަދިނެތި އިން ސާމިހާ އޮފީސް ނިމޭގަޑި ޖެހުމާއިއެކު އޮފީހުން ނިކުމެގެން ގެއާއި ދިމާއަށް ހިނގައިގަތީ އިތުރު އެެއްވެސް ވިސްނުމެއްނެތި އަވަހަށް ގެއަށް ދިއުމަށެވެ. ސާމިހާގެ ގެ ހުންނަނީ އޮފީހާއި މާދުރު ނޫން ހިސާބެއްގައެވެ. އެހެން ކަމުން އިރުކޮޅެއްގެ ތެރޭގައި ގެއަށް ދެވިއްޖެއެވެ. ދޮރުހުޅުވާލާފައި ވަދެވުނީ މަންމަގެ ކުރިމައްޗަށެވެ.

 

“ކޮބާ ސީކް!” ސާމިހާ ފުރަތަމަވެސް ބެލީ ސީކް ވީތަނެކެެވެ. ވާނީ ވެސް އެހެންނެވެ. ސާމިހާ ދިރިހުރުމުގެ ހުރިހާ އުންމީދަކީ ސީކްއެވެ.

“ސީކް އޮތީ ނިދާފަ. މަންމަ މިދަނީ ފިހާރައަކަށް. ހުންނާނެ ކާން ހަދާފަ އަވަހަށްދޭ ކާން.” މިހެން ބުނެ މަންމަ ދިޔައީ ބޭރަށެވެ.

ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ސާމިހާ ވަނީ ކޮޓަރިއަށެވެ. ފުރަތަމަވެސް ނަޒަރު ހުއްޓުނީ ނިދާފައި އޮތް ސީކް އަށެވެ. އެ މައުސޫމް ދަރިފުޅުގެ އެއްވެސް ކުށެއްނެތި ބައްޕަގެ ލޯބިން މަހުރޫމުވަމުން ދާތީ އަބަދުވެސް ސާމިހާ ދިޔައީ ވިސްނަމުންނެވެ.

ފާހާނައަށް ވަދެ ފެންވަރާލައިގެން ސާމިހާ އެނދުގައި އޮށޯވެލިއެވެ. އަދިވެސް ސާހިލްގެ ހަނދާންތައް އެ ހިތަކުން ފިލައިގެން ނުދެއެވެ. ނަމަވެސް މިއަދު އެ ހަނދާންތައް އާލާކުރުމުގެ އެއްވެސް މާނައެއްނެތެވެ. ސާމިހާ އަކީ މިއަދު ސާހިލްގެ އަންބެއް ނޫނެވެ. ހަޔާތުގައި ސާހިލް އާއި އެއްކޮށް ކިޔަމުން އައި ވާހަކަ ނިމިއްޖެެވެ. އެ ސަފްހާތައް އިތުރަށް ބެލުމުގެ އެއްވެސް މާނައެއްނެތެވެ. މިއަދު ސާމިހާއަށް އެވަނީ އިތުރު ވާހަކައެއް ފަށަން ޖެހިފައެވެ. މިކަހަލަ ފިކުރުތަކެއްގައި ސާމިހާ އޮއްވާ މަންމަ އައިސް ދޮރު ހުޅުވާލިއެވެ.

 

“ދަރިފުޅު ނުކަނީތަ އަދިވެސް.. ހިނގާ ކާންދާން.” ސާމިހާގެ މަންމަ ކަންބޮޑުވީ ސާމިހާ ނުކައި އޮތީމައެވެ. މަންމަގެ ތިބި ހަތަރު ދަރިންގެ ތެރެއިން ހަމައެކަނި އެ މަންމަ ކައިރީގައި ހުރީ ސާމިހާއެވެ. އެހެން ދަރިން އުޅެނީ އެހެން ރަށްރަށުގެ ކުދިންނާ ކައިވެނިކޮށްގެން ގޮސް އެ ރަށްރަށުގައެވެ. މަންމަގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ޒިންމާނަގައިގެން މިއަދު ހުރީ ސާމިހާއެވެ.

 

ކާމޭޒުދޮށުގައި ތިބެގެން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މަންމަގެ ނަސޭހަތްތައް ވެސް އައީ ދެމުންނެވެ. ސާމިހާ ދިޔައީ މަންމަގެ ނަސޭހަތްތައް ކަނުލާ އަޑުއަހަމުންނެވެ. ކިތަމެ ބޮޑުވިއަސް މައިންބަފައިންނަށް ދަރިން ބޮޑެތި ނުވާނެޔޭ ބުނަނީ ތެދެކެވެ.

 

ރޭގަނޑު 8 ޖަހަންވާއިރަށް ސީކް ނިންދަވާފައި ސާމިހާ ތައްޔާރުވާން ފެށީ އޮފީހުގައި އޮތް ބައްދަލުވުމަށް ދާށެވެ. ގަޑި ޖެހިގެން ތަންތަނަށް ދިއުމަކީ ސާމިހާ ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން ދުރާލާ ތައްޔާރުވުމަކީ އަބަދުވެސް ސާމިހާގެ އާދައެކެވެ. ގަޑިން 8 ޖެހިއިރު ސާމިހާ އިނީ އޮފީހުގެ މީޓިންގ ރޫމްގައެވެ.

މީޓިންގައި ވާހަކަ ދެކެވިގެން ދިޔައީ އަހަރުގެ ކުރިއަށްހުރި ޕްރޮގްރާމް ތަކާއި ބެހޭގޮތުންނެވެ. އެގޮތުން ޖެހިގެން އޮތް ހަފުތާގައި މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިންތިޒާމްކޮށްގެން އަތޮޅުގެ ރައްތަކަށް ބާއްވާ ތިން ދުވަހުގެ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއްގައި ކައިރީގައި އޮތް ރަށަށް އޮފީހުގެ ސްޓާފެއް ފޮނުވުމަށް ނިންމުނެވެ. އިއްތިފާގުން ދަތުރުގައި ދިއުމަށް ހަމަޖެހިގެން ދިޔައީ ސާމިހާއެވެ. ބައްދަލުވުން ނިމިގެން އޮފީހުގެ މެނޭޖަރ ސާމިހާއާއި ވަކިން ބައްދަލުކުރިއެވެ. ދަތުރުގައި ސާމިހާއަށް ދަތިވެދާނެ އެއްވެސް ކަމެއް އޮތްތޯ ސުވާލުކުރިއެވެ. ދަތުރުގެ ކަންތައްތައް ރޭވިފައިވާގޮތް ހިއްސާކުރިއެވެ. ސާމިހާ ހުރީ ހިތުން ރުހުމުން ދަތުރުގައި ބައިވެރިވާން ތައްޔާރަށެވެ. ނަމަވެސް ސީކް އާއި ވަކިން ތިން ދުވަސް ވެސް ސާމިހާއަށް އެއީ ތިން އަހަރު ފަދައެވެ.

 

ދުވަހަކީ ހުކުރު ދުވަސް ކަމުން ސާމިހާ ވެސް ހުރީ ގޭގައެވެ. މެންދުރުގެ ކެއްކުމުގެ ވަގުތުގައި ސާމިހާގެ މަންމަ ކައިރީގައި ދަތުރުގެ ވާހަކަތައް ކިޔައިދިނެވެ. ސީކްގެ ކަންތައްތައް ބަލަހައްޓާނެ ގޮތާއިމެދު ދެމައިން ވާހަކަދެއްކިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް