ހަފުތާގެ ތަރި ސެގްމެންޓުގެ މި ހަފުތާގެ އެޕިސޯޑް ގެނެސްދިނުން ތަންކޮޅެއް ލަސްވެސް ވެއްޖެއެވެ. ކިޔުންތެރިންގެ ކިބައިން އެކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ. މި ހަފުތާގެ ތަރިއާއި މި ބައްދަލުކޮށްލަނީ އަވަށްޓެރި ސްރީ ލަންކާއިން ނެވެ.

އޮނަވިހި ސަތޭކަ ނުވަދިހައިގެ އަހަރުތަކަށް ޖެހިލައި، އެންމެ ލާނެތް، ޒުވާން ފުރާގެ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ވާހަކައިން ފަށާނަމެވެ. ކުޑައިރުން ފެށިގެންވެސް އައްޔަ އަކީ ވަރަށް ކެމެރާކުރާހިތްވާ ފަރާތެކެވެ. ޓީވީ މޯލްޑިވްސް އިން ޝޫޓިންތަކަށް ތަންތަނަށް މީހުން ދާއިރު، އެމީހުންގެ ފަހަތުން އައްޔަ އަޅުވާލައެވެ. ޝޫޓިން ބެލުމަށް އެތައް އިރަކު އެތަނުގައި ހޭދަކުރެއެވެ. އެހެން ހުންނަ އިރު އަބަދުވެސް އައްޔަގެ ހިތަށް އަރަމުން ދިޔައީ ވަޒީފާއަށް ވަންނާނީ ޓީވީ މޯލްޑިވްސް އަށް ކަަމަށެވެ. އެންމެ ފަހުން، ވަޒީފާއެއް ލިބޭތޯ ސިޓީ ލިއެވެ. ކެމެރާމަނެއްގެ ވަޒީފާއަށެވެ. ކަން ދިމާކުރިގޮތުން ކެމެރާމަނެއްގެ ވަޒީފާއެއް އޭރު އެތަނަކު ނެތެވެ. ލިބުނީ ޓެކްނިކަލް އެސިސްޓެންޓެއްގެ ވަޒީފާ އެވެ.

ވަރަށް ކެމެރާކުރާ ހިތްވާ އައްޔައަށް އަބަދު އުޅެން ޖެހުނީ ކެމެރާކުރާ މީހުންނާއި އެކުގައެވެ. ނަމަވެސް ކެމެރާކުރަން ފުރުޞަތެއް ނުލިބެއެވެ. ލައިޓް ހެދުމާއި ކޭބަލް ވަޅުލުން ފަދަ މަސައްކަތްތަކުގައި ދެގޮތެއް ނުވެ ހިފަހައްޓާލީ ކެމެރާގައި އަތްލާނެ ފުރުޞަތު ލިބެންދެން، ޖެހުނު މަސައްކަތެއް ކޮށްގެންވެސް، ބޭނުންވާ ހިސާބަށް ދިއުމުގެ ފޮނި އުންމީދުގައެވެ.

އާދައިގެ މަތިން އެއް ދުވަހަކު އައްޔަގެ މަސައްކަތުގައި އުޅުނު ދުވަހެކެވެ. ކޭބަލް އެއް ވަޅުލަން އޮއްވާ ކުއްލިއަކަށް ލިބުނު ޚަބަރަކީ އައްޔަ ކެމެރާމަނެއްގެ ވަޒީފާއަށް ބަދަލުކުރި އުފާވެރި ޚަބަރެވެ.

މިއީ ދިގު 27 އަހަރު ފިލްމު އުފެއްދުމުގައި ކެމެރާ ކުރުމާއި އެޑިޓިން ފަދަ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ ޢަލީ ރަޝީދު އަށް ވަޒީފާ ލިބުމަށްފަހު މި ދާއިރާގެ އެކި ހިސާބުތަކުގައި ފައިތިލަ ސާބިތުކުރަމުން އަންނަ ފިލްމީ ޙަޔާތުގެ ދިގު ދަތުރުގެ ފެށުން އައި ގޮތެވެ. އިތުރު ވާހަކަތައް އައްޔައާއެކު މުނިއަވަސް އިން ކޮށްފައިވާ ޚާއްޞަ ބަސްދީގަތުމުން ކިޔައިލަމާ ހިނގާށެވެ.

ކުރު  ތަޢާރަފެއް؟

ފުރިހަމަ ނަން: ޢަލީ ރަޝީދު

އުފަން ރަށް: ކ. މާލެ، ގަލޮޅު ގޮޅާގެ

އުފަން ތާރީޚް: 24 ނޮވެމްބަރު 1976

ފިލްމީ ދާއިރާއަށް ނުކުތީ ކޮން އިރަކު، ކިހިނެއް؟

ފިލްމީ ދާއިރާއަށް ވަނީ 1993 ވަނަ އަހަރު. ދެން ފުރަތަމަ ފިލްމެއްގެ ގޮތުން މަސައްކަތްކުރީ “ޔަތީމް”ގަ. އޭރު ފަރިވާ ފިލްމްސް ގަ މަސައްކަތްކުރީ. މަހުމާ ހުސެން ދިން ފުރުސަތަކުން “ޔަތީމް” އެ ފިލްމު ލިބުނީ. ދެން އެއަށްފަހު ފަހަރަކު ފިލްމެއް ކަހަލަ ގޮތަކަށް ނަގަމުން ދިޔައީ.

މީ ޓީވީ މޯލްޑިވްސްގަ އޭގެ ކުރިން އުޅުނިން 1990 ން ފެށިގެން 1994 އާ ހަމައަށް. ދެން އެ ދޭތެރެއިން ފިލްމީ ދާއިރާއާ ގުޅުނީ. އެހެންވީމަ ގާތްގަނޑަކަށް މިހާރު 27، 28 އަހަރު ވަނީ.

އަލީ ރަޝީދު ކެމެރާކުރުމުގައި – ފޮޓޯ: ޢަލީ ރަޝީދު

މި ދާއިރާގަ އައްޔަ ކުރާ މަސައްކަތްތަކަކީ ކޮބާ؟

ދާއިރާގަ ކުރާ އަސްލު ޕްރޮފެޝަނަލް މަސައްކަތަކީ ކެމެރާކުރުން. ދެން އޭގެ އިތުރުން އެޑިޓްކުރުމާ ބައެއް އެއްޗެހި ޑައިރެކްޝަން ހަދާލުމާ ދެން މިހެން ގޮސް ވަރަށް ގިނަ މަސައްކަތްތައް ދާއިރާގަ ކުރެވޭ. ދާއިރާގަ އަސްލު މަސައްކަތަކީ ކެމެރާކުރުން.

ކިތައް ފިލްމު، ޑްރާމާ އަދި ސީރީޒް ގަ މަސައްކަތް ކުރެވިއްޖެ؟

ގާތްގަނޑަކަށް މިހާރު ބަލަންޏާ ކެމެރާކުރެވިފަ ހުރެދާނެ 26، 27 ފިލްމު ވަރު. ދެން ޑްރާމާ ސީރީޒްވެސް އުޅޭނެ ހަމަ ފުދޭވަރަކަށް. މީގެ އިތުރުން ވީޑިއޯ ލަވައިގެ މަސައްކަތްވެސް ހުންނާނެ ކުރެވިފަ. ދެން ފިލްމު މި ކިޔަނީ ކުރު ފިލްމާ، ފީޗާ ފިލްމާ ހުންނާނެ މަސައްކަތްކުރެވިފަ.

މުނިފޫހިފިލުވުމުގެ ދާއިރާގަ، ޚާއްޞަކޮށް ފިލްމީ ދާއިރާގައި އުޅޭ މީހުންނަކީ އެހާ މުހިންމު ނޫން ބައެއްގެ ގޮތުގަ ސިފަކުރާތަން އެބަފެނޭ. އަދި މިކަމަކީ އަދިވެސް ރާއްޖޭގެ މުޖުތަމަޢުގައިވެސް އޮތްކަމެއް. ބުނާނެ މިއީ މީހުންގެ އަގު ހިފެހެއްޓޭ ދާއިރާއެއް ނޫނޭ. އެހެންވީމަ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން މަސައްކަތްކުރި ދުވަސްވަރު އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ކޮންކަމެއް ނުވަތަ ކަންތައްތަކެއް؟

އަސްލު ދާއިރާގަ އޮތް ގޮންޖެހުމަކީ މިހާރު މިސާލަކަށް އަޅުގަނޑު މި އުޅެނީ ފިލްމީ ދާއިރާގަ ކެމެރާގެ ފުރަގަހުގަ. ދެން މީގަ ކެމެރާގެ ކުރިމަތީގަ މި އުޅޭ ފަރާތްތަކުން އެބަ ޖެހޭ ކޮންމެވެސް ވަރަކަށް އެމީހުންގެ ޑިސިޕްލިންނާ އެއްޗެހި ހިފަހައްޓަން. އެބައި ނެތްކަމުގަ ވަންޏާ މި ދާއިރާއަށް ހަމަ މީހުންގެ މަލާމާތުގެ ބަސްތައް އާދޭ. ދެން އެހެންވީމާ އަޅުގަނޑު މިކުރާ މަސައްކަތަކުން ހަމަ ގައިމުވެސް އަޅުގަނޑު މި ދާއިރާގެ އަގު ހިފަހައްޓަން ހަމަ ވަރަށް މަސައްކަތްކުރަން. އެހެންވީމަ އަޅުގަނޑަކަށް އެއްވެސް ފަރާތަކުން ނާދޭ އެއްވެސް ގޮންޖެހުމެއް.

ސިންގަޅަ ފިލްމެއް ނެގުމަށް އަލީ ރަޝީދު ކެމެރާކުރުމުގައި – ފޮޓޯ: ޢަލީ ރަޝީދު

މިދާއިރާގައި މިހާ ދުވަހު މަސައްކަތްކުރިއިރު އެކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން ދަސްވީ ކޮން ކަންތައްތަކެއް؟

އެކުގާ މަސައްކަތްކުރާ ފަރާތްތަކުން ދަސްވެފަ ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި. ދެން އަޅުގަނޑު ހަމަ ބޮޑަށް ބަލާނީ ކެމެރާކުރުމުގަ ދަސްވެފަ ހުރި އެއްޗެއް. ދެން އެގޮތުން ހަމަ ވަރަށް ގިނަ ކަންތައްތައް އެބަހުރި މިކަމުގަ އުޅޭ މީހުންގެ ފަރާތުން އަޅުގަނޑު ދަސްކޮށްފަ.
ކުރެވުނު މަސައްކަތްތަކުން އެންމެ ފާހަގަކޮށްލެވޭ، އެންމެ ރަނގަޅު މަސައްކަތްތަކީ ކޮބާ؟ (ކޮން ފިލްމު، ޑްރާމާ، ސީރީޒް ތަކެއް)

މިހާތަނަށް އަޅުގަނޑަށް ކުރެވިފަ ހުރި މަސައްކަތަކުގެ ތެރޭގަ ހަމަ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ފިލްމަކަށް ބަލައިފިއްޔާ “އެ ދަތުރު”. އެއީ ވަރަށް ބުރަ މަސައްކަތެއް. އެއް ފިލްމު އެއްކޮށް ވަނީ ހަމަ އަތުގަ ނަގާފަ (އަތުން ކެމެރާ ހިފަހައްޓައިގެން ނަގާފަ) އޭތި ފިލްމަކަށް ހަދާފަ. ދެން އަނެއްކާ އެއީ ޔޫއްޕެގެ ފުރަތަމަ ޑައިރެކްޝަން ވީމަ ޔޫއްޕެގެ ވަރަށް ބޮޑު އެއްބާރުލުމެއްވެސް އެބަ ލިބެން ޖެހޭ. ކެމެރާމަންގެ އެއްބާރުލުމެއް ހޯދައިގެން ޔޫއްޕެއަށްވެސް މިކަން ކުރެވޭނީ. އެހެންވީމަ އެ މަސައްކަތަކީ ހަމަ ވަރަށް ބުރަކޮށް އުޅުނު މަސައްކަތެއް “އެ ދަތުރު” ފިލްމަކީ.

ދެން ޑްރާމާ ސީރީޒްތަކުގަ އެބަހުރި އެހާ ބުރަ ނޫނަސް މަސައްކަތްތަކެއް ކުރެވިފަ. އޭގެ ތެރެއިން އެންމެ ފަހުން ހެދި “ޝަކުވާއަކާ ނުލާ” ގެ މަސައްކަތް ހަމަ ފުދޭވަރަކަށް ފާހަގަކޮށްލެވޭ. އޭގެ އިތުރުން “ކަލާދެކެ ވަރަށް ލޯބީވޭ” ކަހަލަ ޑްރާމާތަކެއް އެބަހުރި އޭރުގަ މަސައްކަތް ކުރެވިފަ.

ދިވެހި ފިލްމެއް ކެމެރާކުރުމުގައި އަލީ ރަޝީދު – ފޮޓޯ: ޢަލީ ރަޝީދު

ފިލްމީ ދާއިރާގަ ސްޓާރުން ނޫނަސް، އައްޔަމެންގެ މަސައްކަތަށް ބަލާ އެކަަމަށް ތާއިދުކުރާ ފޭނުން ތިބޭނެ ދޯ. އެހެންވީމަ މިހާތަނަށް އައިއިރު އައްޔަގެ ފޭނުންގެ ފަރާތުން އެންމެ އާދަޔާޚިލާފް ކަމަކަށް ކޮށްފަ އޮތީ ކޮންކަމެއް؟

އަބަދުވެސް ރައްޓެހިންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. ރަނގަޅު މޮޅު މަސައްކަތެއް ފެނިއްޖެއްޔާ އެއަށް ތަޢުރީފުކޮށް އެމީހުންގެ ވާހަކަތައް ހުރޭ. އެއީ އަސްލުގަ އަޅުގަނޑުގެ ފޭނުންގެ ފަރާތުން ލިބޭ ވަރަށް ބޮޑު އެއްޗެއް. އަބަދުވެސް މަސައްކަތެއް ކޮށްފިއްޔާ އެއަށް ޖޯކުޖެހުމުގެ ބަދަލުގަ އޭތި ބަލައިގަނޭ. އޭގެ މަސައްކަތްތައް ވަރަށް ސަޅިއޭ، މިގޮތަށް އާދޭ. އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފޭނުންގެ ފަރާތުން ލިބޭ.
ފިލްމީ ދާއިރާއިން މިހައިތަނަށް އައިއިރު ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބާ؟

ކާމިޔާބަށް ބަލާއިރުގަ ފުރަތަމަ ކަމަކީ އަޅުގަނޑުކުރާ މަސައްކަތް އެ ޑައިރެކްޓަރު ފަހާގަކުރުން. ދެން އަޅުގަނޑު ކުރާ މަސައްކަތެއް ޕަބްލިކް ގަބޫލުކުރުން. ޕަބްލިކް އެއަށް ސަޕޯޓްކޮށް ބަލައިގަތުން. ދެން މީވެސް ދާއިރާގަ ކުރާ މަސައްކަތަށް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް.

އެއްގޮތަކަށްވެސް އަޅުގަނޑު ކާމިޔާބަށް ކިޔަނީކީ އަޅުގަނޑު ގޭގަ ހަތަރު ވަރަކަށް އެވޯޑް ހުރީމައެއް ނޫން.

އަލީ ރަޝީދު ހިންދީ ފިލްމެއް ކެމެރާކުރުމުގައި – ފޮޓޯ: ޢަލީ ރަޝީދު

ރާއްޖޭގެ ފިލްމީ ދާއިރާއިން، ވަކިން ޚާއްޞަކޮށް ޕްރޮޑަކްޝަން ސައިޑުން ކުރިއަށްދިއުމަށް ބޭނުންވާ މީހަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟

އަސްލު ފިލްމީ ދައިރާގަ މީހަކަށް ނަސޭހަތެއް ދެންޏާ ދޭނީ ގަޑިއަށް ފަރުވާތެރިކަން ބަހައްޓާށޭ. އާއްމުކޮށް އަޅުގަނޑުމެން ޝޫޓްކުރާއިރުގަ، ގަޑިއަކަށް ފަރުވާތެރިކަމެއް ނުބެހެއްޓޭ. ނުބެހެއްޓޭތީ އަޅުގަނޑުމެން ހަދާފަ ހުންނަ ޝެޑިއުލަށްވެސް އެބަ ބުރޫއަރައިގެން ދޭ.

އެހެންވީމަ އަޅުގަނޑު ދޭނެ ނަސޭހަތަކީ ކޮންމެ ސްޓާރެއް ވިޔަސް، އަދި ޕްރޮޑަކްޝަން ސައިޑުން މަސައްކަތްކުރަން ވިޔަސް، ގަޑިއަށް ސަމާލުވެގެން މަސައްކަތް ކޮށްފިއްޔާމުން އެ ޓާގެޓަށް މަސައްކަތް ކުރެވޭނެ.
މިއަދު ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އާއިމެދު ދެކެނީ ކިހިނެތް؟

ރާއްޖޭ ފިލްމު އިންޑަސްޓްރީ ހަމަ ވަރަށް އުޖާލާ. ދެން މަސައްކަތްތައް، އަހަރަކު ތިން ފިލްމު ހަތަރު ފިލްމު ސިނަމާތަކަށް އެހެރަގެން އަންނަނީ. އެހެންވީމަ ހަމަ ވަރަށް ސަޅިއޭ ބުނެވޭނީ.

ދެން އަޅުގަނޑު ބުނެލަން ބޭނުންވޭ، މިހާރު ފިލްމީ ދާއިރާއާ ދުރުގައި އަޅުގަނޑު ލަންކާގަ ދިރިއުޅޭތާ 10 ވަރަކަށް އަހަރުވަނީ މިތާ. ދެން އެހެންވީމަ އެއަށް ފަހު އަޅުގަނޑު މަސައްކަތެއްގަ ފުރައިގެން މި ދިޔައީ މާމިގިއްޔަށް ވެބް ސީރީޒް “ހަނާ”ގެ މަސައްކަތަށް. އެހެންވީމަ ވަރަށް ބޮޑު އެކްސްޕީރިއަންސެއް ކުރެވިއްޖެ އަނެއްކާވެސް އެހާ ދުވަހު، މިއަދުގެ މަސައްކަތާ ދުރުގަ ހުރެފަ. އެހެންވީމަ އެވެސް ވަރަށް ފާހަގަކޮށްލެވޭ.

ޑްރާމާ ސީރީޒް “ހަނާ” ކެމެރާކުރުމުގައިވެސް އައްޔަ ހަރަކާތްތެރިވި – ފޮޓޯ: ޢަލީ ރަޝީދު

ދެން މިހާރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާ އޭރުގަ އަޅުގަނޑުމެން 1990، ނުވަދިހަ ފަހެއް އެ ހިސާބުގަ ޝޫޓްކުރި އިރުގަ އެ ގެންގުޅުނު ޔޫމެޓިކް ބެޓަކެމް އެއްޗިއްސާ މިހާރާ އެ ވަރަށް ބޮޑު ފަރަގެއް ފެނިއްޖެ.

ދެން އަޅުގަނޑު ލަންކާގަ ދިރިއުޅުނަސް އަޅުގަނޑު ހަމަ މިތާ މީހުންނާ އެއްކޮށް ހުންނާނެ ސިންގަޅަ ފިލްމުތަކުގެ މަސައްކަތްވެސް ކޮށްފަ. އެހެންވީމަ އަޅުގަނޑު ދާއިރާއަކާ ދުރަށް ނުދަމޭ، ކޮންމެވެސް ގޮތަކުން ކޮންމެވެސް މަސައްކަތެއް ހޯދައިގެން ކުރަމޭ މިދާއިރާގެ މަސައްކަތް.
ފިލްމު ކުޅުމުގެ އިތުރުން އައްޔަގެ ހުރި ޚާއްޞަ ހުނަރުތަކަކީ ކޮބާ؟

ފިލްމު އުފެއްދުމުގެ މަސައްކަތުގެ އިތުރަށް އަޅުގަނޑަށް ނުހުންނާނެ އިތުރު ހުނަރެއް ލިބިފަ. ފިލްމު އުފެއްދުމުގަ ކެމެރާކުރުމާ، އެޑިޓްކުރުމާ، ލައިޓް ހެދުމާ، ޑައިރެކްޓް ކުރުމާ އޭގެ ހުރިހާ ކަމެއްވެސް ކުރެވޭނެ.

ލަންކާގައި އައްޔަ ކެމެރާ ކުރުމުގައި

އަދާކުރެއްވި ވަޒީފާތަކުގެ ތަފުސީލެއް؟

އުމުރުން 18 އަހަރު ފުރުނުތަނާ ހެން ޓީވީ މޯލްޑިވްސް އަށް ވަނީ. އޭރުގެ ޓެކްނިކަލް ޑިޕާޓްމެންޓްގަ މަސައްކަތްކުރީ. ދެން ޓީވީއެމްގަ ގާތްގަނޑަކަށް އަހަރެއްވާން އުޅެނިކޮށް ކެމެރާމަނަކަށް ބަދަލުވީ. ސަރުކާރު ވަޒީފާއަކަށް އުޅުނީ ޓީވީ މޯލްޑިވްސްގަ. ދެން އޭގެ ފަހުން ފަރިވާ ފިލްމްސްއާ ގުޅުނީ. ފަރިވާއަށް ފަހު މޯޝަން ޕިކްޗަރސް، އިމޭޖް ވިލެޖް މިހެންގޮސް ދެން ދިޓީވީ ގަވެސް މަސައްކަތްކުރިން. ގޯ ޕްލަސްގަ ވެސް މަސައްކަތްކުރިން.

ގޯ ޕްލަސް ޓީވީން އައްޔަ އުފެއްދި ބައިސްކޯފު ޕްރޮގްރާމުގެ އިޝްތިހާރުކޮޅެއް – ފޮޓޯ: ޢަލީ ރަޝީދު

ޝޫޓިންތަކުގައި އުޅޭއިރު ހުންނާނެ ހަނދާނުން ފިލުވާނުލެވޭ ކަހަލަ ކަންތައްތައް ހިނގާފައި.. މަޖާ ކަންތައްތައްވެސް.. އެކަހަލަ ކަމެއް ހިއްސާކޮށްލަބަލަ..

ޝޫޓިން ތެރޭގަ ހަމަ ވަރަށް ހުރޭ ވަރަށް މަޖާ ކަންތައްތައް ދިމާވެފަ. އެކަމަކު 1994ގަ ދިވެހި ފިލްމު “ހުރަސް” ނެގި އިރުގަ ކަނޑުމައްޗަށް މަސްވެރިން މަސްބާނާތަން ނަގަން ދާން ޖެހިގެން އަމްޖޭ އާ ދެމީހުން ފުރައިގެން ދިޔައީ ފަތިހު މަހަށް. ގޮސް ހަމަ މަސްބާނާ ހަދާ އެމީހުންނާ އެއްކޮށް ރަށަށް އައީ. އެއީ ދެން އަދިވެސް ހަމަ ހަނދާނުގަ ހުރޭ. ހަމަ މިހެން ހިނގާ ކަންތައްތަކެއްގަ އަމްޖޭ އާ ދިމާއަށް ބުނެވެސް ލެވޭ، އެކަހަލަ ހަނދާން ހުންނަ ކަމެއް އެއީ.

ފިލްމެއްގެ ޝޫޓިންއެއްގައި އައްޔަ – ފޮޓޯ: އަލި ރަޝީދު

ފިލްމީ ދާއިރާގައި ހަރާކާތްތެރިވާ ފަންނާނުންގެ ތެރެއިން އެންމެ ކަމުދާ ފިރިހެން އަދި އަންހެން އެކްޓަރަކީ ކޮބާ؟

އަސްލުގަ އަޅުގަނޑު ކަހަލަ މީހަކު ތިޔަށް ޖަވާބު ދިނުމަކީ ދެން އެހާ ރަނގަޅު ކަމެއް ނޫން. އެއީ ފިލްމީ ދާއިރާގަ ކޮންމެ މީހަކުވެސް އެ ނުކުންނަކީ އޭގެ ޒާތުގަ ވަރަށް ކަމުގޮސްގެން. ދެން ވަކި އެހެން ހާއްސަ މީހަކު ނެތް. ދެން އެމީހެއްގެ ޒާތުގަ ހަމަ ކޮންމެ މީހަކީވެސް ހަމަ ސްޕާރބް މީހެއް.
ފިލްމީ ދާއިރާއާއި ކުޑަކޮށް ދުރަށް ޖެހިލައި އަމިއްލަ ދިރިއުޅުމަށް އަލިއަޅުވާލާނަން.. އައްޔަގެ ޒަވާޖީ ޙަޔާތާ، ޢާއިލާބެހޭ މަޢުލޫމާތުކޮޅެއް ހިއްސާކޮށްލަބަލަ؟ ދަރިންނާމެދު ކުރެވޭ އުއްމީދުތަކަކީ ކޮބާ؟

އަސްލުގަ އެންމެ އުފާވަނީ މިއަދާ ހަމައަށް އައި އިރު މިހާރު އަޅުގަނޑުގެ ކައިވެންޏަށްވެސް 21 އަހަރު މިވަނީ. މިއަދާ ހަމައަށް އައި އިރު ދުވަހަކުވެސް އެއްވެސް ގޮތަކުން ދާއިރާއަށް ބުރޫއަރާ ނުވަތަ އަޅުގަނޑުގެ ފެމެލީއަށް އެއްވެސް ކަހަލަ ލޮޅުމެއް އަރާ އެކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ވެފައެއް ނެތް.

ދެން އަޅުގަނޑަކީ ހަމަ އަބަދުވެސް ދަރިންނާ އެއްކޮށް ވަރަށް ސަކަރާތްޖަހާ މަޖާކޮށް އެހެން އުޅެން ބޭނުންވާ މީހެއް. އެއީކަން ނޭނގެ އަސްލުގަ ލަންކާގަ ހުރެފަ އަޅުގަނޑަށް މީ ރާއްޖެއަށް ނުދެވޭ ސަބަބަކީވެސް. އެއީ އަސްލުގަ ދަރިންނާ އެއްކޮށް ވަރަށް ‘ފަން’ކޮށް އުޅެން ބޭނުންވާ މީހެއް.

އައްޔަ އާއި އޭނާގެ އަންހެނުން – ފޮޓޯ: އަލީ ރަޝީދު

މިހައިތަނަށް އައިއިރު ލިބިލެއްވި އެވޯޑްތަކުގެ ތަފްސީލް؟

މިހާތަނަށް އައި އިރު ތިބުނާހެން ނެތް އެވޯޑެއް ލިބިފައެއް. ދެން ތަންކޮޅެއް ކުރިން ލިބިފަ އެބަ އޮތް އެމްއެސްޕީއޭ ކޮންމެވެސް އެވޯޑެއް. އެކަމަކު އަޅުގަނޑަކީ މާބޮޑަށް އެވޯޑަށް ޓާގެޓްކޮށްގެން މަސައްކަތްކުރާ މީހެއް ނޫން. ދެން ނޮމިނޭޝަން ތަކުގަ އަޅުގަނޑުގެ ނަންތައް އައިސްފަ ހުންނާނެ. އެކަމަކު އެވޯޑެއް އަޅުގަނޑު އަތުގަ ނުއިންނާނެ. އަޅުގަނޑު ހަމަ ގަބޫލުވެސް ކުރާ އެއްޗެއް ނޫން އެއީކީއެއް.

އައްޔަ އަށް ލިބިފައިވާ އެމްއެސްޕީއޭ އެވޯޑެއް

މިހާރު މި ދާއިރާގަ ކުރަމުންދާ މަސައްކަތްތައް؟

މިހާރު އަޅުގަނޑު ކުރަމުން މިދަނީ ޑްރާމާ ސީރީޒް “ހަނާ”ގެ މަސައްކަތް. “ހަނާ”ގަ އަޅުގަނޑު އެޑިޓްކުރުމާ ޑަބްކުރުމާ ދެން އެ މަސައްކަތުގެ އިތުރުން ބައެއް މަންޒަރުތައް ހުންނާނެ ކެމެރާވެސް ކޮށްލާފަ.

ދެން މިވަގުތު އަޅުގަނޑު މިހުރީ ސްރީ ލަންކާގަ “ހަނާ”ގެ އެޑިޓިންގެ މަސައްކަތުގަ.

ލަންކާގައި ދިރިއުޅެމުން އަންނަ ލަވަކިޔުންތެރިޔާ ހަންނާންގެ ވީޑިއޯއެއް ހެދުމަށް އައްޔަ އާއި ސީޒަން – ފޮޓޯ: އަލީ ރަޝީދު

ސަޕޯޓަރުންނަށް ދޭން ބޭނުންވާ ޚާއްޞަ މެސެޖެއް އެބައޮތްތަ؟

ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ތި ދެއްވާ ސަޕޯޓަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޝުކުރުއަދާކުރަމޭ.
އަދި އެއް ސުވާލު…. މުނިއަވަސް އާމެދު ދެކެނީ ކިހިނެއް؟

މުނިއަވަސް އަކީ ދިވެހި ފިލްމީ ދާއިރާ ވަރަށް ބޮޑަށް ދަމަހައްޓާ އެއް އޮންލައިން ނޫސް. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ސަޕޯޓްކުރަން މުނިއަވަސް އިން މި ދާއިރާގަ ހިނގާ ކަންތައްތައް ހަމަ އެންމެ ލައިވް އަޕްޑޭޓްކޮށް ތިބޭފުޅުން ތި ގެނެސްދޭ ގެނެސްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މުނިއަވަސް އަށް ޝުކުރު އަދާކުރަން. އެއީ މުނިއަވަސް ކަހަލަ އޮންލައިނަކުން އަޅުގަނޑުމެންގެ ފިލްމީ ދާއިރާގެ އަޕްޑޭޓްސްތައް މިހާރު ލިބިގެން އެދަނީ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.