ޔޫރޯ ކޮލިފައިންގައި މޮންޓިނީގްރޯ އާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގެ ސްކޮޑުން އިންގްލެންޑް ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން ބާކީ ކޮށްފިއެވެ.
ސްޓާލިން ބާކީ ކޮށްފައި މިވަނީ އިންގްލެންޑް ޓީމުގެ ޓްރެއިނިންގ ސެންޓަރުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް އާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވި ދެ ކުޅުންތެރިން ދެމެދުގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްޓާލިން ޓީމާއެކު މަޑުކުރާނެ ކަމަށާއި، ނަމަވެސް ޔޫރޯ ކޮލިފައިންގައި މޮންޓިނީގްރޯ އާ ބައްދަލުކުރާ މެޗުގެ ސްކޮޑުގައި ނުހިމަނާނެކަމަށެވެ.
މިކަމާއި ގުޅިގެން އިންގްލެންޑް ޓީމުގެ ކޯޗް ގަރެތު ސައުތުގޭޓް ބުނެފައިވަނީ “އެނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް. އަހަރެމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އަދި ބާރަކީ ގައުމީ ޓީމުން ކްލަބް ފުޓްބޯޅައިގެ ވާދަވެރިކަން ނައްތާލުން. ކަންދިމާކުރި ގޮތުން އިއްޔެގެ މެޗުގެ ޖަޒުބާތުތައް އަދިވެސް ހުރީ ތާޒާކޮށް.”
“އަހަރެން ގަބޫލުކުރަނީ މި ނިންމުމަކީ ޓީމަށް ވެސް އެންމެ ފައިދާހުރި ނިންމުން ކަމަށް. މި ނިންމުން ނިންމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިއްތިފާގުން. އަހަރެމެންނަށް މިހާރު އެންމެ މުހިންމުކަމަކީ ބުރާސްފަތި ދުވަހު އޮންނަ މެޗަށް ތައްޔާރުވުން.” ސައުތުގޭޓް އިތުރަށް ބުނެފައިވެއެވެ.
ސްޓާލިން އޭނާގެ އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އާއި ޖޯ ގޯމޭޒް އާ ޖެހުނު މައްސަލަތައް ހައްލުކޮށް އެކަންތައްތަކުން އަރައިގެންފައިވާ ކަމަށެވެ.
“އަހަރެމެން މިކުޅޭ ކުޅިވަރުގައި ވަރަށް ބޮޑަށް ޖަޒުބާތުގަ ޖެހޭނެ އަދި އެކަންތަކުން އަރައިގަނެވުމުން އެކަން އިއުލާންކުރާ ފުރަތަަމަ މީހަކަށް ވާނީ އަހަރެން. އަހަރެމެން ދާންވާނީ ކުރިއަށް. އަހަރެމެން މި ކުޅިވަރު ކުޅެނީ މިކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން. އަހަރެންނާ ގޯމޭޒް މިހާރު ރަނގަޅު. އެއީ 5-10 ސިކުންތުގެ ކަމެއް. އެކަން އެނިމުނީ. އަހަރެމެން ދާނީ ކުރިއަށް. އެންމެ މުހިންމުކަމަކީ މިކަންތައް އިތުރަށް ބޮޑު ނުކުރުން.”
ޔޫރޯ 2020 ކޮލިފައިންގައި 8 ގޯލު ކާމިޔާބުކޮށް 5 އެސިސްޓް ހަދާފައިވާ ސްޓާލިން އަކީ އިންގްލެންޑް ޓީމުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިޔާ ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް އިންގްލެންޑް ޓީމުން ކުޅޭ 1000 ވަނަ މެޗުގައި ސްޓާލިން ނުކުޅޭނެކަން މިވަނީ ޔަގީންވެފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި