‏2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް އަދި 2023 ގައި ޗައިނާގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރާ މެޗު 14 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި އޮންނާނެއެވެ.

ރާއްޖެ އާއި ފިލިޕީންސް މިހާތަނަށް 3 ފަހަރު ވާދަކޮށްފައި ވާއިރު، 2 މެޗުން ފިލިޕީންސް އަދި 1 މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ފިލިޕީންސްގެ ހޯސޭ ރިޒާލް މެމޯރިއަލް ސްޓޭޑިއަމްގައެވެ. މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިލިޕީންސް އެވެ. 

ނޮވެމްބަރު 14 ވަނަ ދުވަހު ފިލިޕީންސް އާ ދެކޮޅަށް ކުޅޭ މެޗާއި، ނޮވެމްބަރު 19 ވަނަ ދުވަހު ގުއާމް އާ ދެކޮޅަށް ކުޅޭ ދެ މެޗަކީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް އެންމެ މުހިންމު ދެ މެޗު ކަމަށްވާ އިރު، ދެ މެޗުވެސް ކުޅެން ޖެހެނީ ގަލޮޅު ދަނޑުގައި ކަމަށްވުމުން މި ދެ މެޗުން މޮޅުވެ އޭޝިއަން ކަޕުން ޖާގަ އެއް ހޯދުމުގެ އުއްމީދު ރާއްޖެއަށް އެބައޮތެވެ. މި ދެމެޗުން މޮޅުވެއްޖެނަމަ ގުރޫޕުގެ 3 ވަނަ އަށް ރާއްޖެ ޖެހިލާނެއެވެ. 

ރާއްޖެ ހިމެނޭ ގްރޫޕުގެ 1 ވަނައިގައި 9 ޕޮއިންޓާއެކު ސީރިޔާ އޮތްއިރު 7 ޕޮއިންޓާއެކު 2 ވަނައިގައި އޮތީ ޗައިނާއެވެ. ފިލިޕީންސް  އޮތީ 4 ޕޮއިންޓާއެކު 3 ވަނައިގައެވެ. ރާއްޖެ 3 ޕޮއިންޓާއެކު 4 ވަނައިގައި އޮތްއިރު އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގުއާމް އެވެ. 

އޭއެފްސީ އޭޝިއަން ކަޕަށް ރާއްޖެ އަލަށްވެސް ކޮލިފައިވެފައި ނުވާއިރު، މި ފުރުޞަތަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުން، މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް އެކަތިގަނޑަކަށްވެ އެންމެން އެއް ރޫހެއްގައި ގައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރުދީ ގައުމީ ޓީމާއެކު ތިބެން އެބަޖެހެއެވެ. 

އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައި ވަރަށް ކުލަގަދަ ހަރަކާތްތަކަކާ އެކު ކަމަށް އެފްއޭއެމްގެ އިން ބުނެފައިވެއެވެ. މިއަދު ހަވީރު ޓާފް ދަނޑުގައި ޓިކެޓް ވިއްކުން ކުލަގަދަ ގޮތެއްގައި ގެންދިއުމަށް ހަމަޖެހިފައިވަނީ ޓިކެޓް ގަތުމުގެ އިންތިޒާމް ވީހާވެސް ފަސޭހަކޮށްދިނުމެ ގޮތުންނާއި، ސަޕޯޓަރުންގެ މެދުގައި ގައުމީ ޖޯޝާއި ފޯރި އާލާކުރުމުގެ ގޮތުން ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ. އަދި އެތަނުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބި ޓީމުގެ ޖާޒީ ގަންނަން ލިބޭނެ ކަމަށް ވެސް އެފްއޭއެމް އިން ބުނެފައިވެއެވެ. 

ދިވެހީންގެ މެދުގައި ކެނޑިފައިވާ ގައުމީ ޖޯޝާއި ފޯރި އަލުން ގެނައުމަށް އެފްއޭއެމްގެ ފަރާތުން “މަވެސް ދާނަން” ގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.