‎މުނިފޫހިފިލުވުގެ ދާއިރާގައި މަސައްކަތް ކުރަން ފެށިފަހުން އަޅުގަނޑު އަބަދުވެސް ކުރަމުން އައި އުންމީދެކެވެ. ބައިސްކޯފަށް ޒިޔާރަތް ކޮށްލުމެވެ. ބައިސްކޯފުގައި މަސައްކަތް ކުރަމުންދާ ގޮތް ބަލާލަން ފުރުސަތު ލިބޭނެ ދުވަހަކަށެވެ. އަޅުގަނޑުގެ މި އުންމީދަށް ނިމުން ގެނުވީ މިއަދުއެވެ.

ދިވެހި ފިލްމީ އަދި މިއުޒިކީ އުފެއްދުންތައް ސްޓްރީމްކޮށްގެން ބަލައިލުމަށް ދިވެހިންނަށް ފުރުސަތު ދިން “ބައިސްކޯފު” އެޕްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބައިސްކޯފުގެ ކަންކަން ހިނގަމުންދާ ގޮތް ބަލައިލަން ބައިސްކޯފަށް ޒިޔާރަތް ކޮށްލަން މުނިއަވަސް އަށް މިއަދު ލިބުނު ފުރުސަތުގެ ބޭނުންކޮށްލުމުން ހަމަ ގައިމުވެސް އަޅުގަނޑު ހައިރާން ކޮށްފިއެވެ.

ބައިސްކޯފުން ކޮފީއެއް ބޮއެލަނީ

ބައިސްކޯފު އިންޓީރިއާ އާއި ތަނުގެ އެތެރޭގެ ފާރުތައް ޑިޒައިންކޮށްފާއި ވާގޮތުގެ ރީތިކަން ބަޔާން ކޮށް ލިޔުމަށް އަޅުގަނޑުގެ ގަލަން ހަމަގައިމު ވެސް ނުކުޅެދެއެވެ. ލޮލަކުން އެތަން ދެކެގެން ނޫނީ، އެ ރީތިކަން ހިތަށް ތަސައްވަރެއް ނުކުރެވޭނެއެވެ. މިއީ އެތަން ދުށް ކޮންމެ މީހަކު ފަޚުރުވެރިވާނެ ފަދަ އަގުހުރި ރީތި މަސައްކަތެކެވެ.

ބައިސްކޯފުގެ އިންޓީރިއާވެސް ވަރަށް ތަފާތު

‎ހެންވޭރު ކޮރަލްފީލްޑް ގޭގެ ފަސްނަ ފަންގިފިލާއަށް އެރުމާއި އެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބައިސްކޯފުގެ ލޯގޯ އެވެ. ރީތި ގޮތަކަށް މުޅި ދޮރުމަތި ވަނީ ލަކުޑީގެ މަސައްކަތުން ޒީނަތްތެރި ކުރެވިފައެވެ. ކަޅު ކުލައިގެ ތީމްއަކުން ޖަރީކުރެވިފައެވެ.

ވެބްސީރީޒް “ހުވާ”ގައި ބޭނުންކޮށްފައިވާ ސެޓެއް

ދޮރުން އެތެރެއަށް ވަން އިރު އާދައިގެ ކެރަމް ބޯޑެއް ހުއްޓެވެ. ބޯޑުމަތީގައި އެގޮތްމިގޮތަށް ފޮތިތައް އުކާލެވިފައި ހުއްޓެވެ. ހީވަނީ ބަޔަކު ދެންމެ ކުޅެފައި ހުރިހެންނެވެ. ފަހުން އެނގުނީ އެއީ ހަަމަ އެހެން ބަހައްޓާލައިފާ ހުންނަ އެއްޗެއް ކަމެވެ. އެތެރެއަށް ހިނގަމުން ދާ ވަރަކަށް ހިތަށް ހަމަޖެހުން ގެނުވައި ދިނީ ތަން ތައްޔާރު ކުރެވިފައި ވާ ގޮތުގެ ރީތި ކަމުން ނެވެ.

‎ތަނުގެ އެތެރޭގައި އޮންނަނީ ފަނޑު އައްޔެކެވެ. އެތެރޭގެ ފާރުތައް ވަނީ އެކިއެކި ތަސްވީރުތަކުން ޒީނަތްތެރި ކުރެވިފައެވެ. އަޅުގަނޑަށް ފުރަތަމަ ހީވީ ދާރުލްއާސާރަކަށް ވަދެވުނު ހެންނެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދުވަހަކު ލޮލުން ނުދެކޭފަދަ އެކިއެކި ތަފާތު އެއްޗެހި އެތަން މިތަނުގައި ރީތިކޮށް ބެހެއްޓިފައި ހުއްޓެވެ.

ބައިސްކޯފުގެ އެތެރެ ސިފަވަނީ މިއުޒިއަމް އެއް ހެން

ބައިސްކޯފަކީ ބޮޑު އެޕާރޓުމަންޓެކެވެ. ތަނުގެ އެތެރޭގައި ޝޫޓްކުރަން ހާއްސަ ކުރެވިފައިވާ ސްޓޫޑިއޯ ބޮޑު ކޮޓަރިއެއް ވަރަށް ފުރިހަމައަށް ތަރުތީބުކޮށް ޑިޒައިން ކުރެވިފައި ހުއްޓެވެ. މީގެ އިތުރުން، ހުރިހައި އިންސްޓުރުމެންޓް ތަކުން ފުރިހަމަ ކުރެވިފައިވާ މިއުޒިކް ސްޓޫޑިއޯއެއް ހުއްޓެވެ. އެއާއެކު ސްޓާފުންނަށް ހާއްސަ ރޫމެއްވެސް ހުއްޓެވެ. އެންމެ ހިތްގައިމު ކަމަކީ މުޅިތަން އެއް ތީމަކުން ޑިޒައިން ކޮށްފައިވާލެއް ފުރިހަމަ ކަމެވެ.

ވެބް ސީރީޒް “ހުވާ” ގައި ބޭނުންކުރެވުނު މާސްޓަރ ބެޑްރޫމެއް

‎ބައިސްކޯފަށް ކުރި މި ޒިޔާރަތަކީ ހަމަގައިމުވެސް އަޅުގަނޑަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރުވި ކަމެކެވެ. ތަނުގެ ރީތިކަން ބަލާ ހިތްވި ވަރުން ބައިސްކޯފުން ދިން ކޮފީގެ ދަޢުވަތު ވަގުތުނެތިވެސް ގަބޫލު ކުރެވުނީ ބޭއިޚްތިޔާރުގައެވެ. މިއީ އަޅުގަނޑު ބައިސްކޯފަށް ކުރި ފުރަތަމަ ޒިޔާރަތުގެ ޚުލާޞާ ދަތުރުނާމާ އެކެވެ. ނަމަވެސް “ބައިސްކޯފު” ގެ ފުރަތަމަ ފެނިލުމުން ވެސް ހިތް އަތުލައިފިއެވެ. ބައިސްކޯފަކަށް މި ވަދެވުނީ އަދި ކިރިޔާތާއޭ ހިތަށް ނާރާ ވަރެއް ނޫނެވެ.

ކުށް ފިލުވީ: ޢަލީ ނިހާސް އަދި އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.