އޭޝިޔާގެ ބައެއް ގައުމުތަކުގެ ސުޕަމާކެޓް ތަކުގައި މޭވާއާއި ތަރުކާރީ ބަންދުކުރަން ޕްލާސްޓިކް ގެ ބަދަލުގައި ކެޔޮފަތް ބޭނުންކުރަން ފަށައިފިއެވެ. މިކަމަށް އިސްނެގި ތައިލެންޑްގެ ސުޕަމާކެޓް ތަކުގެ ފިޔަވަޅު ބަލައިގެން ވިއެޓްނާމުގައިވެސް މިހާރު ތަކެތި ބަންދުކުރަން ކެޔޮފަތް ބޭނުންކުރަމުން އެބަ ގެންދެއެވެ.

ތައިލެންޑްގެ ޗިއަންގްމައިގެ ސުޕަމާކެޓް ތަކުގެ ކަމޭދުން(ކަސްޓަމަރުން) ތިމާވެއްޓާ ރައްޓެހި މިބަދަލު ބަލައިގެންފިއެވެ.

ވިއެޓްނާމްގެ ބޮޑެތި ސުޕަމާކެޓް ޗެއިންތައް ކަމަށްވާ ލޮޓެމާޓް، ސައިގޯން ކޯޕް އާއި ބިގް ސީ އިން ޕެކެޓް ކުރުމުގައި ތިމާވެއްޓާ ރައްޓެހި މިއީޖާދުގެ ފުރިހަމަ ބޭނުން ހިފަން ފަށައިފިއެވެ.

ވީއެން އެކްސްޕްރެސްއިން ކުރި އިންޓަވިއުއެއްގައި ލޮޓެމާޓްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އެމީހުން މިހާރު ގެންދަނީ މި އައު އީޖާދު ޓެސްޓް ކުރަމުން ކަމަށާއި ދާދި އަވަހަށް މުޅި ގައުމުގެ ސުޕަމާކެޓް ތަކުގައިމީގެ ބޭނުންކުރަން ފަށާނެ ކަމަށެވެ.

މޭވާއާއި ތަރުކާރީގެ އިތުރުން އެއްގަމުމަސް ޕެކެޓްކުރަންވެސް ކެޔޮފަތް ބޭނުންކުރެވޭނެ ގޮތް ހަދަން އެ ސުޕަމާކެޓް ޗެއިނުން ވަނީ ގަސްތު ކޮށްފައެވެ.

“ކެޔޮފަތުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީއާއިމޭވާ ފެނުމުން އަހަރެން އެތަކެތި ގަންނަހިތް މާބޮޑަށްވޭ” ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ހޯއާ ބުންޏެވެ. “އަހަރެން ދެކެނީ މި އީޖާދުގެ ސަބަބުން ތަނުގެ ރައްޔިތުންގެ މެދުގައި ތިމާވެއްޓަށް އޮންނަ ލޯބި އިތުރުވާނެ ކަމަށް”

ވީއެން އެކްސްޕްރެސް އިން ބުނީ މި އީޖާދަކީ ވިއެޓްނާމްގައި ތައާރަފް ކުރަމުން ގެންދާ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް އިތުރުވި ބޮޅެއް ކަމަށާއި މީގެ ސަބަބުން ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް ވަރަށްބޮޑުތަން ދަށަށް ދާނެކަމަށެވެ.

ބިގްސީ އިން މިހާރުވެސް އަމިއްލައަށް ފަނާވާ ކޮތަޅު ޒުވާރި ފުށުން އުފައްދައެވެ.

ވިއެޓްނާމަކީ މިހާރު ކަނޑަށް އުކާލާ ޕްލާސްޓިކްގެ މިންވަރު ބަލާ ލިސްޓުގައި 4 ވަނައަށް އޮތް ގައުމެވެ. މި އީޖާދުގެ ސަބަބުން މިލިސްޓުގައި ވިއެޓްނާމް އޮތް ވަނައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ދާދިފަހުން ވިއެޓްނާމުގައި ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުން އެގައުމުގެ ރައްޔިތުން ދުވާލަކު 2،500 ޓަނުގެ ޕްލާސްޓިކް ކުނި އުކާލައެވެ. އޭޝިޔާގެ ސުޕަމާކެޓް ތަކުގައި، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު މަނާކުރުން އާންމުވަމުން ދާކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

ދާދިފަހުން ދެކުނު ކޮރެއާގައި އެއްފަހަރު ބޭނުންކުރާ ކޮތަޅު މަނާކޮށް، ރިސައިކަލް ކުރެވޭ ކޮތަޅު ކަމޭދުންނަށް ފޯރުކޮށްދޭން ސުޕަމާކެޓް ތަކަށާއި ވިޔަފާރި މުއައްސަސާ ތަކަށް ވަނީ އަންގާފައެވެ.

ސިންގަޕޫރުގެ ސުޕަމާކެޓް ތަކުގައިވެސް، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު މަނާކުރުމުގެ ކެމްޕެއިން ތަކެއް ހިންގަމުން އެބަގެންދެއެވެ. ތައިވާންގެ ސުޕަމާކެޓް ތަކުގައި އެފަދަ ކޮތަޅު ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އަގެއް ނަގަން ފަށައިފިއެވެ.

ޗައިނާގައި 2008 ވަނައަހަރުއްސުރެ ޕްލާސްޓިކް ކޮތަޅު މަނާކޮށްފައިވާތީ އެފަދަ ކޮތަޅު ބޭނުންކުރާ މީހުންގެ ނިސްބަތް %66 ދަށަށް ހިނގައްޖެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.