ކުރެވުނު ޒުވާބުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލިފައިވާ ސީމާގެ ޚިޔާލަށް ކުއްލިއަކަށް ލައިލާ އައެވެ. މިރޭ ލައިލާގެ ދިރިއުޅުން ބަރުބާދުވެގެން ދާނެގޮތް ހިތަށް އެރުމުން އޭނާގެ ހުރިހާ ނުރުހުމެއް އެއްފަހަރުން ފިލައިގެން ދިޔައެވެ. އޭނާ ޒާހިރާއި ދިމާއަށް އެނބުރިފައި އެއްމިޔަކަނުން ހީލިއެވެ.

“މިރޭ ކަލޭގެ ލޯބިވާ ރަންދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް ވެގެންދާނެ.. ނާފިޒަކީ އަހަރެންގެ ޕާޓްނަރެއް.. އޭނަ ކަންތައް ކުރާނީ އަހަރެން ބުނި ގޮތަކަށް..” ހިތާހިތުން އެހެން ބުނެލުމާއެކު އިންތިހާއީ ނުބައި ނުލަފާކަމުގެ ހިނިތުންވުމެއް ސީމާގެ މޫނުން ފާޅުވިއެވެ.

*****

“ބިރުނުގަނޭ.. އަހަރެން އެއްވެސް ކަމެއް ނުކުރާނަން.. އެޔަށްވުރެ ބޮޑަށް ލޯބިވޭ..” ލައިލާގެ އޮމާން ކޯތާފަތުގައި ފިރުމާލަމުން ނާފިޒު ބުނެލިއެވެ. ނާފިޒު އެހެން ބުނިކަމުގައި ވީނަމަވެސް ލައިލާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ނާފިޒުގެ އަތް ފޮޅުވާލަންވެސް ހިތަށް އަރައެވެ. ނަމަވެސް ގެންފައިވާ ބިރެއްގެ ސަބަބުން އެކަން ކުރާނެހާ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.

“އަހަރެންނަށް އެނގޭ ލައިލާ އަހަރެންނާ ކައިވެނިކުރީ އެއްވެސް ވަރަކަށް ބޭނުންވެގެނެއް ނޫންކަން.. މަޖުބޫރުވެގެންކަން..” ނާފިޒު އެހެން ބުނެލުމުން ލައިލާ ނާފިޒަށް ބަލައިލީ ހައިރާންވެފައެވެ.

“ކިހިނެއް ނާފިޒަށް..”

“ދެން އެވާހަކަ ބާއްވާ.. އަވަހަށް ހިނގާ..” ނާފިޒު އެހެން ބުނެލުމުން ލައިލާއަށް ބޭއިޚުތިޔާރުގައި ކޮންތާކަށްތޯ އަހައިލެވުނެވެ.

“ހާދަ ކަންބޮޑުވީ.. ނިދަންވެސް ޖެހޭނެއެއްނު..” ނާފިޒު ލައިލާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. ލައިލާ އިނީ ފިނިވެ ޖެހިލުންވެފައެވެ.

“އޮށޯވޭ.. އަހަރެން ލައިލާއަކަށް އުނދަގުލެއް ނުކުރާނަމޭ..” ނާފިޒު އެހެން ބުނެލުމުން ޖެހިލުންވެ ހުރެވެސް ލައިލާ އެނދުގައި އޮށޯތެވެ. ނާފިޒު އޭނާ ގައިގައި ބީހިލައިފާނެތީ އޭނާ އޮތީވެސް ނާފިޒާއި ދިމާއަށް އެނބުރިއެވެ. ލައިލާ ދެލޯ މަރާލާފައި އަވަސްއަވަހަށް ލޯ ހުޅުވާލާތީ ނާފިޒަށް އެއްޗެއް ވިސްނިއްޖެއެވެ.

“ލައިލާ.. އަހަރެން މިތާ އޮތީމަ ނިދަން އުނދަގޫވެގެން ދޯ ތިއުޅެނީ؟ ކަންބޮޑުނުވޭ.. އަހަރެން މީ ލައިލާގެ ފިރިމީހާއަށް ވިޔަސް ލައިލާގެ ނުރުހުމުގައި ލައިލާ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.. އަހަރެންނަކީ ވަރަށް ގައިގައި ރިއްސާ މީހެއް.. އެހެން ނޫންނަމަ އަހަރެން މިރޭ މި އެނދުގައި ނޯންނާނަން.. އަހަރެން ލައިލާއާއި ކައިވެނިކުރީ ހަމައެކަނި ދެ ޖިސްމުގެ ގުޅުމަކަށް ނޫން.. ހިތާހިތުގެ ގުޅުމަކަށް.. އަހަރެން އުއްމީދުކުރަން ލައިލާއަށް ވިސްނޭނެކަމަށް.. ލައިލާއަށް އަހަރެން މީ ލައިލާގެ ފިރިމީހާކަމަށް ޤަބޫލުކުރެވެންދެން އަހަރެމެން ތިބޭނީ ހަމައެކަނި ރަހުމަތްތެރިންގެ ގޮތުގައި.. އަހަރެންނަކީ ރަހުމަތްތެރިއަކަށްވުރެ ގާތް މީހެއްގެ ގޮތުގައި ލައިލާ ޤަބޫލުކުރާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން..” ނާފިޒު ބުނެލިއެވެ. އަދި ލައިލާއަށް ފުރަގަސްދިނެވެ.

ނާފިޒުގެ ވާހަކަތަކާއި ދޭތެރޭ ލައިލާއަށް ވިސްނާލެވުނެވެ. ނާފިޒު ދެއްކި ވާހަކަތައް ޤަބޫލުކުރަންވީބާވައެވެ. ލައިލާގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ނާފިޒަކީ އޭނާގެ ފިރިމީހާއެވެ. ހިތް ނުރުހުނަސް އޭނާ ޖެހޭނީ އެކަން ޤަބޫލުކުރާށެވެ. ނާފިޒުގެ ޙައްޤު ހޯދަން އެދޭނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ނާފިޒު އެދެފިނަމަ އޭނާ އެ ޙައްޤު އަދާކޮށްދޭން ޖެހޭނެއެވެ. ދެކޮޅު ހަދައިފިނަމަ އޭނާ ފާފަވެރިވާނެއެވެ. ހިތް ނޭދޭ މީހަކަށް ހަށިގަނޑު ވެދުންކުރުމަކީ ކިހާ ތަކުލީފެއް ހިތަށް ލިބޭ ކަމެއް ހެއްޔެވެ؟ މާތްކަލާކޯއެވެ! ކުރިމަތި މިވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

ކައިރީގައި ނާފިޒު އޮތުމުން ލައިލާ އޮތީ ލޮލަށް ނިދި ނައިސްފައެވެ. އޭނާއަށް ހަމަ ނިދޭއިރަށް ނާފިޒު އޭނާގެ ފަރާތުން އުފާ ހޯދަން އުޅެފާނެޔޭ ހިތަށް އަރަނީއެވެ. ނާފިޒަށް އެ ޙައްޤު ލިބިފައިވީ ނަމަވެސް އެއީ ލައިލާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ހިތުން ރުހުމުން އޭނާގެ ހަށިގަނޑު އޭނާގެ ފިރިމީހާއަށް ވެދުންކުރާށެވެ. އެދުވަހެއް އަތުވެދާނެބާވައޭ ލައިލާގެ ހިތަށް އެރިއެވެ. އޭނާއަށް ދުވަހަކުވެސް ނާފިޒާއިމެދު ރުހެވޭނެބާވައެވެ.

ލައިލާއެކޭ އެއްގޮތަށް ނާފިޒުވެސް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އާ ކައިވެނީގެ ފުރަތަމަ ރެޔަށްޓަކައި އޭނާ އުއްމީދުކުރީ މިގޮތަކަށް ނޫނެވެ. އަނބިމީހާގެ ކައިރީ ހިލޭ މީހަކަށް ވެގެން އޮތުމަކީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ ލައިލާވެސް އޭނާއާއި ކައިވެނިކުރަން އެއްބަސްވީ ހިތުން ރުހުމުން ކަމަށެވެ. ނަމަވެސް ކައިވެނީގެ ކުރިން ލައިލާއާއި ޒާހިރު ކޮޓަރީގައި ތިބެ ދެއްކި ވާހަކަތައް އޭނާއަށް އަޑުއިވުނީ އިއްތިފާޤަކުންނެވެ. އޭނާ އައީ ސީމާއާއި ޒާހިރާއި ބައްދަލުކޮށް ކައިވެނީގެ ތާރީޚު ކަނޑައަޅާށެވެ. ނަމަވެސް ޒާހިރުގެ ދެބަފައިންގެ ފަރާތުން އިވުނު ވާހަކަތަކުން އޭނާ އެނބުރި ގެޔަށް ދިޔައީ އެއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން ވިސްނުނީމައެވެ. ވިސްނުމުގައި އޮވެފައި ނާފިޒު އެނބުރި ލައިލާއަށް ބަލައިލިއެވެ.

ލައިލާގެ މޫނު ނުފެނުނު ނަމަވެސް ލައިލާގެ ހިތުގެ އުދާސްތައް އޭނާއަށް ރަނގަޅަށް އެބަ ފެނެއެވެ. ލައިލާވެސް މިރެޔަށްޓަކައި ފޮނި އުއްމީދުތަކެއް ކުރާނެކަން ޔަޤީނެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައިވާ ދެ އިންސާނުންގެ ސަބަބުން ލައިލާގެ އުއްމީދުތައް ފުނޑުފުނޑުވީއެވެ. ލޯބިނުވާ މީހަކާއި ކައިވެނި ކުރަން ޖެހުމަކީ ކިހާ ހިތްދަތިވާ ކަމެއް ހެއްޔެވެ؟ އޭނާއަށް ކަންތައް މި ކުރެވުނީ ރަނގަޅަކަށް ނޫނޭ ނާފިޒުގެ ހިތަށް އެރިއެވެ. އޭނާގެ ސަބަބުން ލައިލާއަށް އެ ލިބުނީ ހާދަ ބޮޑު ދެރައެކޭ ހިތަށް އަރަމުން ދިޔައެވެ. ލައިލާ މިނިވަންކޮށްދޭންވީބާވައެވެ. މާތްކަލާކޯއެވެ! މިއަޅާގެ ހިތަށް މި އަރަނީ ކޮންފަދަ އެއްޗިއްސެއް ހެއްޔެވެ؟ އަދި މި އުޅެނީ ކައިވެނި ކުރިތާ ދެ ގަޑިއިރު ނުވެގެންނެވެ. މިހާ އަވަހަށް ލައިލާ ވަރިކުރަން ހިތަށް އެރީ ކީއްވެ ހެއްޔެވެ؟ ނާފިޒު ހިތާހިތުން އަމިއްލަ ނަފުސަށް އަޑުލިއެވެ. ހިތަކީވެސް ފާޑެއްގެ އެއްޗެކޭ އޭނާގެ ހިތަށް އެރިއެވެ. ހިތުގެ އެދުންތައް ދެ ސިކުންތުގައި ދެގޮތަށް ބަދަލުވެއެވެ. ލައިލާއާއި ދޭތެރޭ މާބޮޑަށް ވިސްނާލެވުމުން އޭނާއަށްވެސް ވީ އެކަހަލަ ގޮތެކެވެ.

ލޯބިވެވުމަކީ ކުށެއް ނޫނެވެ. އަދި އެ ލޯބި ޙާސިލުކުރަން މަސައްކަތް ކުރުމަކީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކީ އެމީހަކު ޙާސިލުކުރަން މަސައްކަތް ކުރެވޭ ގޮތެވެ. އޭނާއަށްވެސް ކަންތައް މި ކުރެވުނީ ރަނގަޅަކަށް ނޫނޭ ހިތަށް އަރަނީވެސް މާވަރަކަށެވެ. ފިކުރުތަކުން ދުރުވެ ނިދޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ފިކުރުތަކުން ދުރުނުވެވުނު ތާނގައި ލޮލަކަށް ނިންޖެއްވެސް ނައެވެ. އަނެއްކޮޅުން އޭނާގެ ޒުވާންކަމުގެ ޖޯޝުން ހިއްސުތައް ހޭލައްވަމުން ދަނީއެވެ. ނަމަވެސް އޭނާ ކެތްތެރިވާނެއެވެ. ލައިލާގެ ކުރިމަތީ އޭނާ ބުނި ބަހަކީ އެއްވެސް އަގެއް ނެތް ބަސްތަކަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިރީގައި އޮތް އޭނާގެ ޙަލާލު އަނބިމީހާއަށް ބަލައިލީ އޭނާދެކެ އެ އަނބިމީހާވެސް ލޯބިވާނަމައޭ ހިތަށް އަރާ ޙާލުގައެވެ. އޭރުން އޭނާއަށްވުރެ އުފާވެރި، ނަސީބުގަދަ ދެވަނަ މީހަކު މި އުޑުދަށުގައި ނުހުންނާނެޔޭ އޭނާގެ ހިތަށް އެރިއެވެ. އެގޮތަށް އޮއްވައި މަޑުމަޑުން އޭނާގެ ދެލޯ މެރެން ފަށައިފިއެވެ. އޭރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ.

ފަތިސް ނަމާދު ބަންޤީގެ އަޑަށް ލައިލާއަށް ހޭލެވުނެވެ. އެވަގުތު އޭނާގެ މޭމަތިން ކަރުމައްޗަށް ވާގޮތަށް އޮތް ފިރިހެންވަންތަ އަތް ފެނިފައި އޭނާއަށް ތެޅިގަނެވުނެވެ. ކައިރީގައި އަރާމުކޮށް ނިދާލާފައި އޮތް ނާފިޒު ފެނުމުން ރޭގައި އޭނާގެ ކައިވެނި ކުރެވުނުކަން ހަނދާންވިއެވެ. އެހަނދާން އާވުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. ކައިވެނީގެ އުފާ ހިއްސާކުރަންވީ ވަގުތުގައި އޭނާއަށް މި ޖެހުނީ ކަރުނަ އަޅައި ރޯށެވެ. އޭނާއަކީ ކޮންފަދަ ބަދުނަސީބު އަންހެންކުއްޖެއް ހެއްޔޭ ލައިލާގެ ހިތަށް އެރިއެވެ. މަޑުމަޑުން ނާފިޒުގެ އަތް ނަގައި އެނދުމަތީ ބާއްވާފައި ލައިލާ ދިޔައީ ފާޚާނާއަށެވެ. ފެންވަރައި ތާޒާވެލައިގެން ނުކުމެ ނަމާދަށް އެރިއެވެ. އޭރުން އޭނާގެ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ ޔަޤީންކަމުގައެވެ.

ނަމާދުން އަވަދިވެގެން މުސައްލަ އޮޅާލާފައި ގެންގޮސް އަލަމާރި މަތީގައި ބޭއްވިއެވެ. އޭރުވެސް ނާފިޒު ގަދަ ނިދީގައި އޮތެވެ. ނާފިޒު ނަމާދުކުރަންވެސް ނުހޭލަނީބާވައޭ ލައިލާގެ ހިތަށް އެރިއެވެ. އަނެއްކާ ނާފިޒަކީ ނަމާދު ނުކުރާ މީހަކީބާވައެވެ. ނާފިޒަށް ގޮވަން އުޅެފައިވެސް ޖެހިލުންވިއެވެ. އޭނާ ގޮވާތަނުން ރުޅިއައިސްގެން ހަޅޭއްލަވައިގެންފާނެއެވެ. ނަމަވެސް އޭނާގެ ފިރިމީހާއަކީ ނަމާދުކޮށް ދީނީ އަޅުކަންތަކަށް ސަމާލުކަންދޭ މީހަކަށް ވާން ލައިލާ ބޭނުންވެއެވެ. އެންމެފަހުން ވަރަށް ޖެހިލުންވެ ހުރެފައިވެސް ނާފިޒު ގައިގައި ކޮއްޓާލަމުން ގޮވިއެވެ. ފިސާރި ނިދިވެސް ގަދަ ފިރިހެނެއްތާއޭ ލައިލާގެ ހިތަށް އެރިއެވެ. އެންމެފަހުން ނާފިޒުގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

“ކިހިނެއްވީ؟” ސިހިފައި ހޭލެވުނު ނާފިޒު ވަރުބަލި އަޑަކުން އަހާލިއެވެ.

“ފަތިސް ނަމާދު ވަގުތު ފާއިތުވަނީ މިހާރު.. ތެދުވޭ ނަމާދަށް ދާން..” ލައިލާ އެހެން ބުނެލުމާއެކު ނާފިޒުގެ ނިދި އެއްކޮށް ފިލައިގެން ދިޔަ ފަދައެވެ. ފުންމައިގެން ތެދުވެ ދެލޯ އުނގުޅާލާފައި ގަޑި ބަލައިލިއެވެ. އިރުއަރާ ވަގުތު ގާތްވަނީއެވެ.

“ހާދަ ލަހުން ތި ގޮވީ..” ނާފިޒު އަވަސްއަވަހަށް ގޮސް ފާޚާނާއަށް ވަނެވެ. އަވަސްއަވަހަށް ފެންވަރާލައިގެން ނުކުމެ އެއްޗެހި ބަދަލުކޮށްލިއެވެ.

“ރޭގައި މާލަހުން ނިދުނީމަ ނުހޭލެވުނީ.. ދެންވެސް އަހަރެންނަށް ފަތިސް ނަމާދަށް ނުހޭލެވިއްޖެއްޔާ ތަންކޮޅެއް އަވަހަށް ގޮވައްޗޭ.. މިރޭ ދެން ނެތް މިސްކިތަށް ދާނެހާ އިރެއް.. އެހެންވެ މިފަހަރު ގޭގައި ނަމާދުކޮށްލާނީ.. އިތުރު މުސައްލައެއް ނެތްތަ؟” ނާފިޒު ލައިލާ ގާތުގައި އަހައިލިއެވެ.

“އިތުރު މުސައްލައެއް ނެތް.. އަލަމާރި މަތީ އެއޮތީ އަހަރެންގެ މުސައްލަ.. އެ ބޭނުންކޮށްލާ..” ނާފިޒުގެ ގާތްކަމުން ލައިލާގެ ޖެހިލުންވުން ނެތެމުން ދިޔައެވެ.

ނާފިޒު ނަމާދަށް އެރުމުން ލައިލާއަށް ވިސްނާލެވުނެވެ. ރޭގައި އޭނާއެކޭ އެއްގޮތަށް ނާފިޒަށްވެސް ނުނިދުނީތާއެވެ. ނަމަވެސް ނާފިޒަށް ނުނިދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާދެކެ ލޯބިވާކަމަށް ބުނީވެސް ހަމަ ނާފިޒެވެ. ވީއިރު އޭނާ ލޯބިވާ މީހާއާއި ކައިވެނި ކުރެވުމުން އެ ލިބުނު ހިތްހަމަޖެހުމުގައި ނާފިޒަށް ފަސޭހައިން ނިދެންވާނެ ނޫން ހެއްޔެވެ؟ އެވާނީ ތަންމަތި ބަދަލުވުމުން ނާފިޒަށް ނުނިދުނީކަމަށެވެ. އޭނާއަށްވެސް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ޔަޤީންވާ ކަމަކީ އޭރު މެންދަމުން އަލިވެއްޖެކަމެވެ.

“ވަރަށް ނިދިއާދޭ އެބަ.. ކޮފީއެއް ހަދައިދެވިދާނެތަ؟” ނާފިޒުގެ އަޑަށް ލައިލާއަށް ސިހިފައި ބަލައިލެވުނެވެ. އަދި ބޯޖަހާލަމުން ބަދިގެއަށް އަންނާށޭ ބުނެފައި ހިނގައިގަތެވެ. ނާފިޒު ބަދިގެއަށް އައީ ލައިލާ ދެ ކޮފީ ތައްޔާރުކުރަން ހުއްޓައެވެ. ނާފިޒު ގޮސް ލައިލާ ގާތުގައި މަޑުކޮށްލިއެވެ.

“ލައިލާ.. އަހަރެން ބޭނުން ވަރަށް ބޮޑު، ވަރަށް މުހިންމު ވާހަކައެއް ދައްކާލަން..” ނާފިޒު ވަރަށް ވިސްނާފައި ބުނެލިއެވެ. ލައިލާ ހޫމް އަޅުވާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“އަހަރެމެން ދެމީހުން މީ ދެމަފިރިން.. ދެމީހުންގެ ދެމެދުގައި އަނބިފިރިކަމުގެ ގުޅުން ނުހިނގިކަމުގައި ވިޔަސް އަހަރެން ބޭނުން އެހެން މީހުންނަށް އަހަރެމެންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނެތްކަން އަންގަން.. މި ބުނަން އުޅެނީ، އަހަރެމެން ދެމީހުން މީހުންގެ ތެރޭ އުޅޭއިރު ދެ ބީރައްޓެހިންހެން ނޫޅެ ތަންކޮޅެއް ގާތްކޮށް އުޅެންވާނެ ވާހަކަ..” ނާފިޒުގެ ވާހަކައަށް ލައިލާ ބޯޖަހާލީ އޭނާވެސް އެކަމަށް އެއްބަހޭ ބުނާފަދަ ގޮތަކަށެވެ.

“ފަހަރެއްގައި ތަންކޮޅެއް އުނދަގޫވެދާނެ މާ ގާތްވެ އުޅެން.. އެކަމަކު އަހަރެން މަސައްކަތް ކުރާނަން އެހެން މީހުންނަށް ކަމެއް ފާހަގަނުވާވަރަށް އުޅެވޭތޯ..” ލައިލާވެސް ބުނެލިއެވެ. ނާފިޒުވެސް ބުނެލީ އޭނާއަށް އެކަން ވިސްނޭ ކަމުގައެވެ. އެއަށްފަހު ދެން ދިޔައީ ހިމޭންކަމުގެ ވަގުތުތަކެވެ. ދެމީހުން ކޮފީ ބޮމުން ދިޔައިރު ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލުން ފިޔަވައި ވީކަމެއް ނެތެވެ. އެ ހިމޭންކަން ނައްތާލުމަށް ވާހަކައެއް ފަށަންވީއިރަށް ސީމާ ބަދިގެއަށް އައިސް ވަދެއްޖެއެވެ. ނާފިޒުގެ ހިތަށް ފޫހިކަން ވެރިވިއެވެ. ސީމާއަށް އަންނަން އެނގުނީ ހަމަ މިވަގުތު ހެއްޔޭ ހިތަށް އެރިއެވެ.

“އައްދޭ.. ދެކުދިން ހާދަ ފަތިހަކާ ހޭލައިގެން.. މަންމަ ހީކުރީ މިއަދު ދެކުދިން ލޮލަށް ފެންނަވަރު ވާނީވެސް މެންދުރުވާންވާއިރު ކަމަށް..” ސީމާގެ އަޑުގައިވާ މަލާމާތް ލައިލާއަށް ނަގައިގަނެވުނެވެ. ލައިލާ އަވަސްއަވަސްކޮށްލައިގެން ތެދުވަން އުޅުމާއެކު ނާފިޒު ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. އެޔާއެކު ލައިލާ އިށީނެވެ.

“އެނޫނަސް އަހަރެމެން ކޮންމެހެން ކުރަންޖެހޭ ކަންކަން އެބަހުރި.. މެންދަރު ވަންދެން ނިދަން އޮތީމަ އެ ފާފަ ބޮލުގައި އަޅަނީ ކާކު؟” ނާފިޒު އެހެން ބުނެލުމުން ސީމާގެ އަނގަ ސަކަރާތްވިއެވެ. ނާފިޒު އޭނާއަށް ރައްދު ދޭންޖެހޭ ހެއްޔެވެ؟ އެހާ އަވަހަށް ނާފިޒު އޭނާއަށްވީ ވަޢުދުތަކުގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ސީމާ ރުޅިވެރިކަމާއެކު ބަލައިލުމުން ނާފިޒު އެއްލޯ މަރާލިއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.