ޔޫރޯ 2020 ކޮލިފައިންގެ ގްރޫޕް އޭ ގައި އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް އަދި މޮންޓިނީގްރޯ ބައްދަލުކުރި މެޗު 7-0 ގެ ބޮޑުތަފާތަކުން އިންގްލެންޑް އެޓީމުގެ 1000 ވަނަ މެޗުގެ ކާމިޔާބުކޮށް ޔޫރޯ 2020 ގެ ޖާގަ އެއް ކަށަވަރުކޮށްފިއެވެ. 

މި މެޗަށް ނުކުތްއިރު ޔޫރޯ އަށް ކޮލިފައިވުމަށް އެންމެ ޕޮއިންޓެއް ބޭނުންވެފައިވާ އިންގްލެންޑްގެ ފުރަތަަމަ ގޯލް މެޗުގެ 11 ވަނަ މިނެޓުގައި ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އޮކްސްލެޑް ޗެމްބަލިން އެވެ. މިއީ މާރޗް 2018 ގެ ފަހުން ގައުމީ ޓީމުގެ ފުރަތަަމަ އެގާރައިގައި އޭނާ ކުޅުނު ފުރަތަަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. އިންގްލެންޑްގެ ދެވަނަ ގޯލް މެޗުގެ 19 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމެއް ބެން ޗިލްވެލް އޭރިޔާ އެތެރެއަށް ހުރަސްކޮށްލުމުން ހެރީ ކޭން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާ މެޗުގައި އޭނާގެ ފުރަތަަމަ ގޯލް ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ފަސް މިނެޓް ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ބެން ޗިލްވެލް ނަގައިދިން ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހެރީ ކޭން ވަނީ މެޗުގައި އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށް އިންގްލެންޑްގެ ލީޑު ފުޅާކޮށްދީފައެވެ. ހެރީ މަގުއިރޭ އުފެއްދި ހަމަލާއެއް މޮންޓިނީގްރޯގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު ދެވަނަ ފުރުޞަތުގެ ބޭނުން ހިފައި މާކަސް ރަޝްފޯޑް 30 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް އިންގްލެންޑްގެ ލީޑު ވަނީ އިތުރަށް ފުޅާކޮށްދީފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ގޯލެއް ޖަހައި ހެރީ ކޭން ވަނީ މެޗުގެ ފުރަތަަމަ ހާފުގައި ހެޓްރިކް ފުރިހަމަ ކޮށް އިންގްލެންޑުގެ ފަސް ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މި ހެޓްރިކާ އެކު 31 ގޯލް ހަމަކޮށް، އިންގްލެންޑްގެ ތާރީޚު ގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގެ ހަވަނަ އަށް ހެރީ ކޭން ވަނީ ޖެހިލާފައެވެ. އަދި އޭނާ ވެފައިވަނީ ޖެހިޖެހިގެން ކުޅުނު ދެ މެޗުގައި ވެމްބްލީ ސްޓޭޑިއަމްގައި ހެޓްރިކް ހެދި އިންގްލެންޑްގެ ފުރަތަަމަ ކުޅުންތެރިޔާ އަށެވެ. 

މެޗުގެ ދެވަނަ ހާފުގައި މާގިނަ ގޯލުތަކެއް ފެނިގެން ނުދިޔަ ނަމަވެސް މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އިންގްލެންޑް ޓީމުން ވަނީ އުފައްދާފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި މޭސަން މައުންޓް މޮންޓިނީގްރޯ އޭރިޔާތެރެއިން ގޯލަށް ފޮނުވާލަން އުޅުނު ހަމަލާ ރަނގަޅަށް ފޮނުވާނުލެވި އުޅެނިކޮށް، މޮންޓިނީގްރޯގެ ޑިފެންޑަރު އެލެކްޒެންޑާ ސޮފްރަނަޗް އެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަނީ ވަދެފައެވެ. މެޗުގެ ހަތްވަނަ ގޯލް ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޒުވާން ފޯވާޑް ޓެމީ އަބްރަހަމް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަަމަ ގޯލުކަން ފާހަގަކޮށްލެވެއެވެ. 

ރޭ ކުޅުނު މި ގުރޫޕުގެ އަނެއް މެޗުގައި ބައްދަލުކުރީ ޗެކް ރިޕަބްލިކް އަދި ކޮސޯވޯ އެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެކް ރިޕަބްލިކް އެވެ. ޗެކް ރިޕަބްލިކްގެ ގޯލްތައް ޖަހައިދިނީ އަލެކްސް ކްރާލް އަދި އޮންދްރެޖް ސެލުސްކާ އެވެ. ކޮސޯވޯގެ ގޯލް ޖަހައިދިނީ އަޓްދޭ ނުހިއު އެވެ.

ގްރޫޕް އޭ ގެ އެއްވަނައިގައި 18 ޕޮއިންޓާއެކު އެއްވަނައިގައި އިންގްލެންޑް އޮތްއިރު، 15 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޗެކް ރިޕަބްލިކެވެ. 11 ޕޮއިންޓާއެކު ތިންވަނައިގައި ކޮސޯވޯ އޮތްއިރު، 3 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ މޮންޓިނީގްރޯ އެވެ. އަދި 3 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ގުރޫޕުގެ ފުލުގައި އޮތީ ބަލްގޭރިޔާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.