‎ދިވެހިރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް ވަރަށްގިނަ މީހުން ހިޖުރަ ކުރަމުންދެއެވެ. މާލެއަކީ ހިތްފަސޭހަވެފައި އުޅެން ހިތްހަމަޖެހޭ ތަނަކަށް ވެގެނެއް ނޫނެވެ. ކާރުބާރު ބޮޑުވެ ތޮއްޖެހުން އިންތިހާއެވެ. ނަމަވެސް މާލެއަށް މީހުން ހިޖުރަކުރަނީ އަމިއްލަ އުފަން ރަށުގައި އެކަށީގެންވާވަރާއި ގާތަށް ވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބެން ނުހުންނާތީއެވެ. ތަޢުލީމާއި، ބޭސްފަރުވާއާއި ވަޒީފާގެ ފުރުޞަތުތައް  އެތަނަކުން އެންމެ ރަނގަޅަށް ލިބެން ހުންނަ ތަނަކީ މާލެ ކަމުގައި ވާތީއެވެ.

ބަޔާންކުރެވި ދިޔަ ފަދައިން ހިޖުރަކުރާ މީހުން ނުވަތަ އާއިލާތަކުން އެއް ކަމަކަށް އެންމެ ބޮޑަށް މިހާރު ބޭނުންވެފައިވާ ކަމަކީ މާލެ ނުވަތަ ހުޅުމާލެއިން ބިންކޮޅެއް ނުވަތަ ފުލެޓެއް ލިބުމެވެ. ފުލެޓުގެ ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ސިޔާސަތެއްތޯ ބަލައި ވިސްނާލުން މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ. ރަނގަޅެވެ. ކުޑަ ދެކުދިން ނުވަތަ ތިންކުދިން ތިބޭ ދެމަފިރިއަކަށް ދެކޮޓަރީގެ އެޕާރޓްމެންޓަކީ ވަގުތީ ގޮތުން މީހާއަށް ލިބޭ ހިތްހަމަޖެހުމަކަށް ވެދާނެއެވެ. 

އަޅުގަނޑުމެން ވިސްނަންވީ ވަގުތީ ހިތްހަމަޖެހުމަށް ތޯއެވެ. އެހެން ކަމަށް ވާނަމަ ދަރިންނަށް ކިޔަވައިދިނުމަށް މާލެއަށް ހިޖުރަ ކުރުމުގެ ބޭނުމެއް އެބައޮތްތޯއެވެ. ޒައިތޫނި ގަސް ފޯދެނީ 100 އަހަރުންކަމަށް ވާނަމަ، ގަސް އިންދާ މީހާއަށް އެ ގަހުން ފައިދާއެއް ލިބޭނެތޯއެވެ. އިންދާ މީހާ އިންދާ އިރުވެސް އެހާ ދުވަހުން ފޯދޭ ކަން އެނގޭނެއެވެ. އެހެން ނަމަވެސް ގަސް އިންދަނީ، އިންދާ މީހާގެ ކާފަ ދަރިންނަށް އޭގެ ފައިދާ ކުރާނެ ކަމަށް ބަލައިގެނެވެ. އަޅުގަނޑުމެން ދަރިންގެ މުސްތަގުބަލަށް، އެ ދަރިންގެ ކިޔެވުމަށް އެކަނި ވިސްނައިގެން އެދަރިންގެ މުސްތަޤުބަލު އުޖާލާ ކުރެވޭނެތޯއެވެ. 

މާލެ އަދި ހުޅުމާލެއިން ފުލެޓު މި ލިބެނީ އާންމުކޮށް މަހު ކުއްޔަށް 9000 ވަރަކަށް ރުފިޔާ އަށެވެ. ފިރިމީހާ ވަޒީފާ އަށް ގޮސްގެން 15000 ރުފިޔާވަރު ލިބުނަސް ކަރަންޓު ބިލާއި ފެން ބިލާއި ކުދިންގެ މަދަރުސާ ފީ ދައްކާފައި އޮންނަނީ ކާޑު ޖަހާފައި “މައިނަސް” 200 ނަގާ ހިސާބަށް ގޮސްފައެވެ. 

ފުލެޓަށް ޝަރުތު ހަމަ މިވަނީ ދޭއް ނުވަތަ ތިން ދަރިން ތިބެގެނެވެ. އެހެން ކަމުން ބޮޑުކުއްޖާއަށް ފަސް އަހަރު ނުވަތަ ހަ އަހަރު ވާނެއެވެ. ކޮންމެ މަހަކު މިބުނާ ކުލި ދައްކައިގެން 20 އަހަރު ދުވަސް ވަންދެން އުޅެގެން ނޫނީ ފުލެޓު އަމިއްލައެއް ނުވެއެވެ. ފުލެޓު އަމިއްލަ ވާއިރު ބޮޑު ދަރިފުޅު މީހަކާއި އިނދެގެން ވަކިން ދިރިއުޅުމެއް އުޅެން ބޭނުން ވާނެއެވެ. މާލޭގައި އުޅެ ކިޔަވައި ނިމޭއިރު ގިނަފަހަރު ރައްޓެހިވެގެން ކަވެނި ކުރާނީ ކޮންމެވެސް އެހެން ހިސާބެއްގެ މީހަކާއިއެވެ. އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާގެ އާއިލާ ވެސް މާލޭގައި އުޅޭނީ ހަމަ މިބުނި އުސޫލުންނެވެ. ދެމީހުންކުރެ އެކަކަށް ވެސް މައިންބަފައިން ދޫކޮށްފައި ދެވޭކަށް ނޯވެއެވެ. އެހެން ކަމުން އަނެއްކާ އަލަތު ކައިވެންޏާއެކު ތަނެއް ކުއްޔަށް ހިފަން އޮންނަނީ މަޖުބޫރުވެފައެވެ.

މުޅި އުމުރު މާލޭގައި ކުއްޔަށް އުޅެގެން ޑިގްރީއަށް ކިޔަވައި ދީގެން ހޯދާ ވަޒީފާއިން ލިބޭ ފައިސާކޮޅު އެއްކަލަ ނުކިޔަވާހުރި ބައްޕައަށް ލިބޭ ފައިސާކޮޅަށްވުރެ މަދެވެ. އަނެއްކޮޅުން، ރަށަށް ދާން ބަލައިލާއިރު ރަށުގައި ހަދާފައި ހުރި ގެ ހުންނަނީ ވީރާނާވެފައެވެ. ނުވަތަ ގޯތި ނެގިގޮތަށް ހުސް ބިމެއްގެ ގޮތުގައެވެ. އެއްކަލަ ފޮނި އުންމީދާއި އެކު ކިޔަވަދިން ދަރިފުޅު ވެސް ކިޔަވާ ނިމޭއިރު މި އޮންނަނީ ނޭނގި ނަމަވެސް ދަންތުރައެއްގައި ޖެއްސިފައެވެ. ރަނގަޅެވެ. ދަރިފުޅަށް އެކަށީގެންވާ ތަޢުލީމެއް ހޯދައިދެވިއްޖެއެވެ. އެހެން ނަމަވެސް ދަރިފުޅަށް މި ހޯދައިދެވެނީ އުޖާލާ މުސްތަޤުބަލެއްތޯއެވެ. ނުވަތަ މި ޖެއްސެނީ ދަންތުރައެއްގައިތޯ ވިސްނާލާކަށް ނުވޭތޯއެވެ.

ކުށް ފިލުވީ: އިބްރާހިމް ޚަލީލް

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.