​ޔޫރޯ 2020 ކޮލިފައިންގެ ގްރޫޕް ސީ އިން ނެދަލޭންޑްސް އަދި ޖާމަނީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ނެދަލޭންޑްސް އިން ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ ގައުމުން ބޭރުގައި ނޮދަން އަޔަލެންޑާއި ބައްދަލުކުރި މެޗު 0-0 އެއްވަރުވެ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. 

ދުނިޔޭގެ ބޮޑު މުބާރާތަކަށް ކޮލިފައިނުވެ ވަރަށް ގިނަ އަހަރުތަކެއް ހޭދަވުމަށް ފަހު ލިބުނު މި އުފާވެރިކަން އެޓީމުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ މީޑިޔާތަކާ ހިއްސާ ކޮށްފައެވެ. ” އަހަރެމެން އަލުން އަނބުރާ މިދަނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް. އެއީ އެންމެ މުހިންމުކަމަކީ. އަހަރެމެން އުފާކުރަން ޖެހޭ. އަހަރެމެން އެ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވާނަން.” ވެން ޑައިކް ބުންޏެވެ. 

ޖާމަނީ ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ އަމިއްލަ ދަނޑުގައި ބެލަރޫސްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ޖާމަނީގެ ފުރަތަަމަ ގޯލް މެޗުގެ ފުރަތަަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސާޖް ނަބްރީ ނަގައިދިން ހުރަހަކުން 41 ވަނަ މިނެޓުގައި  ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މަތިއަސް ގިންޓަރ އެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޖާމަނީ ފުރަތަަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ. 


ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 49 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ދިން ޕާހަކުން ލިއޮން ގޮރެޓްޒްކާ ވަނީ ގޯލެއް ކާމިޔާބުކޮށް ޖާމަނީގެ ލީޑު ފުޅާކޮށްދީފައެވެ. ޖާމަނީގެ ތިންވަނަ ގޯލް މެޗުގެ 55 ވަނަ މިނެޓުގައި މަތިއަސް ގިންޓަރ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސް އެވެ. 75 ވަނަ މިނެޓުގައި ބެލަރޫސް އަށް ލިބުނު ޕެނަލްޓީ ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. ޖާމަނީގެ ހަތަރުވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ތިންވަނަ ގޯލް ކާމިޔާބުކޮށްދިން ކްރޫސް އެވެ.  ކްރޫސް މި ގޯލް ކާމިޔާބުކޮށްދިނީ 83  ވަނަ މިނެޓުގައި ގުންޑޮގާން ދިން ޕާހަކުންނެވެ. 

13 ވަނަ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަމުން މެޗުގެ މޮޅުކުޅުންތެރިޔާ ޓޯނީ ކްރޫސް ބުނެފައިވަނީ ޖާމަނީ ޓީމަކީ ޒުވާން ހުނަރުވެރި ޓީމެއް ނަމަވެސް، ތަޖުރިބާ މަދުކަމުން ޔޫރޯގެ ފޭވަރިޓެއް ގެ ގޮތުގައި ނުބަލާ ކަމަށާއި، ނަމަވެސް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.