މިއަދުގެ އަސާސީ ތަޢުލީމަކީ ގުރޭޑު ދިހައެއްގެ މިންވަރެވެ. އެއީ އަދި ކިޔެވުން ފެށޭ ހިސާބުކަމުގައި ބުނެވިދާނެއެވެ. ނަމަވެސް މި ބުނެވުނު ފެށުމަކީ ނިމުންކަމުގައި ހަދަނީ ކިތައްކުދިން ހެއްޔެވެ. އުނގެނުމުގެ ދަތުރުގައި އެ ހިސާބަށް ފޯރާއިރު ކުރިއަށް ދާނެ ގޮތެއް ނިންމާފައި އޮންނަނީ ނިސްބަތުން މަދު ކުއްޖަކުކަމުގައި ވެސް ބުނެވިދާނެއެވެ.

ޖީ.ސީ.އީ އޯ ލެވެލްއަށް ކިޔެވުން ނިންމާލުމަށްފަހު ބައެއް ކުދިން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ކިޔެވުމާއި ދުރަށް ޖެހިލަން ބޭނުންވެއެވެ. އަހަރެއްހާ ދުވަހަށެވެ. ނުވަތަ ދެ އަހަރެއްހާ ދުވަހަށެވެ. މިގޮތަށް ބައެއް ކުދިން “ބުރޭކް”ނަގަނީ ހަޤީޤަތުގައި ވެސް އެ މުއްދަތަށް ފަހު އަލުން ކިޔެވުން ފެށުމުގެ މަޤުޞަދުގައެވެ. ނަމަވެސް ކަންހިނގަނީ މިއާއި ވަރަށް ތަފާތު ގޮތަކަށެވެ.

ސާނަވީ ތަޢުލީމު ނިންމާލުމަށް ފަހު މިގޮތަށް ކިޔެވުމާއި ދުރުގައި ދުވަސްކޮޅެއްގައި މަޑުކުރުމަށް ފަހު ބައެއްކުދިން އަލުން ކިޔެވުން ފަށައެވެ. ނަމަވެސް ބައެއް ކުދިން “ރެސްޓް މޯޑް” އަށް ލާ ގޮތަށް، ދެން އަލުން ކިޔެވުން ނުފަށައި އެތަކެއް އަހަރުތަކެއްގައި މަޑުކޮށްގެން ތިބެއެވެ. މިފަދަ ކުދިންނާއި ސުވާލުކޮށްފި ނަމަ ގިނަ ކުދިންގެ ޖަވާބަކަށްވެފައި އޮންނަނީ އަދި ކިޔަވާނެ ކަމުގައިއެވެ. ނަމަވެސް އަމަލީގޮތުން އެކަންް ފެނިގެން ނުދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ފާހަގަވާ އަނެއްކަމަކީ މިފަދަ ކުދިން ކިޔަވަން އިތުރަށް މަސައްކަތް ނުކުރުމުގެ އިތުރުން ވަޒީފައެއް ވެސް އަދާ ނުކުރާކަމެވެ.

ޢިލްމު އުނގެނުމާއި ދުރުގައި ތިބުމުގެ އިތުރުން ވަޒީފާއެއް ވެސް އަދާނުކޮށް މިހެން ތިބޭ ތިބުމަކީ ކުއްޖާ ގޯސްމަގުތަކަށް ހުށައެޅިގެންދާ ކަމަކަށް އޮންނަނީ ވެފައެވެ. އާޚިރު ނަތީޖާއަކަށް ވަނީ، މިފަދަ ކުދިން ވެގެންދަނީ އާއިލާއަށާއި، ކުއްޖާ އުޅެމުންދާ މުޖްތަމަޢަށާއި އަދި ގައުމުގެ ކުރިއެރުމަށް ވެސް ބޮޑު ގޮންޖެހުމަކަށެވެ.

އުނގެނުމައިގެން ކުރިޔަށް ދާންވީ މަގު ޚިޔާރުކޮށްދިނުމުގައި ކުއްޖާގެ އަތްމައްޗަށް ހުރިހައި ބާރެއް ދޫކޮށްލުމުގެ އިތުރުން، ކުއްޖާއަށް ގޮތް ނިންމުމުގައި ބެލެނިވެރިޔާގެ ދައުރު މުހިންމެވެ. ސަބަބަކީ ބައެއް ކުދިންނަށް އަމިއްލައަށް ގޮތެއް ނިންމަން އުނދަގޫވުމެވެ. އަދި އެކަމާއި ވިސްނައި ނުހެދުމެވެ. އެހެންކަމުން އެކަންކަމާއި ކުއްޖާއާއި މަޝްވަރާކުރެވި، ނުހުއްޓި ކުރިޔަށް ދެވޭނެ މަގު އަބަދުވެސް ފެންނަން ބޭއްވުމަކީ ބެލެނިވެރިޔާގެ ވެސް ޒިންމާއެކެވެ.

އުނގެނުމަށް ފަސޭހަވާނީ ޅަ އުމުރުގައެވެ. އެހެންކަމުން، އުނގެނުމާއި އަހަރެއް ނުވަތަ ދެ އަހަރުގެ މުއްދަތަކަށް ދުރަށް ޖެހިލުމަކީ ހަޤީޤަތުގައި އުނގެނުމުގެ އުމުރުން ގެއްލިގެންދާ އަގުހުރި ވަގުތުތަކެކެވެ. ބޭކާރުކޮށްލެވޭ ވަގުތުތަކެކެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކިޔެވުމުން ދުރަށް ޖެހިލާ ޖެހުމަކީ މުޅިއުމުރަށް ކިޔެވުމާއި ދުރަށް ޖެހިލުންކަމުގައި ވެގެންދަނީ ވެސް މަދެއްކޮށް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.